އިންތިޚާބީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަން ކުރުމަކީ ޑިމޮކްރެޓިކް އެއްވެސް އުސޫލެއް ގަބޫލުކުރައްވާ ބޭފުޅަކަށް ކުރަން އުނދަގޫކަމަކަށްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ޚާއްސަ ހާލަތުގެ ސަބަބުން، ކައުންސިލްތަކުގެ ދައުރު އަންނަ ޖޫންމަހަށް ހަމަވާއިރުވެސް އިންތިޚާބު ނުބޭއްވޭނެތީ، އަންނާނެ ޤާނޫނީ ހުސްކަމާ ގުޅޭ ގޮތުން މަޖިލީހުގެ ޖަލްސާތަކުގައިވަނީ ބަހުސްކޮށްފައެވެ.

މަޖިލީހުގައި ވާހަކަދެއްކެވި މެންބަރުން ވަނީ އާ އިންތިހާބު ބޭއްވެންދެން، އެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު ގާނޫނު އަސާސީއާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ވާހަކަދައްކަވާފައެވެ.

އަދި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހުކުރަން ބައެއް މެންބަރުން ވާހަކަދެއްކެވި އިރު، ކައުންސިލަރުންގެ ދައުރު ދިގުކުރަންވެސް ބައެއް މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ.

ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ހަވާލުވަންދެން މިހާރު ތިބި މެންބަރުން އެމަޤާމުގައި ދެމިތިބިވޭގޮތަށް ޚާއްސަ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅާ އެ ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވާފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ ހައްސާސް މައްސަލައަކީ ކައުންސިލަރުންގެ މުއްދަތު ހަމަވަމުން ދާއިރު އިންތިޚާބު ނުބޭއްވުމާއި، އެކަމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ދިގުދެމިގެން ދާ ވާހަކަ ކަމަށެވެ.

މިއާއި ޚިލާފަށް އޮތް ގޮތަކީ އެ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަންކުރުންކަމަށާއި އެހެންނަމަވެސް އެއީ އެމަނިކުފާނު ދަންނަ ރައީސުލްޖުމްހޫރިއްޔާއެއް ކުރާނެކަމެއް ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑަށް މިކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަކިން މަޝްވަރާވެސް ކުރެވިދާނެ. އެކަމަކު އަޅުގަނޑު ދަންނަ ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބީ މަޤާމުތަކަށް މީހުން އައްޔަނެއް ނުކުރާނެ. މިއީ ކުރަން ވަރަށް އުނދަގޫކަމަކަށްވާނެ. ޚާއްސަކޮށް ޑިމޮކްރެޓިކް އުސޫލެއް ގަބޫލުކުރާ ބޭފުޅެއްކަމަށްވަންޏާ. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑިކޮމްރަސީގެ ލާމަސީލެއްކަމަށް.
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ޤާނޫނު އަސާސީ ވެސް އިސްލާހު ކުރެވިދާނެކަމަށާއި، ނުވަތަ އެނޫންވެސް ހައްލެއް މަޖިލީހުގެ މެންބަރުންނަށް ހޯއްދަވައި ދެއްވިދާނެކަމަށެވެ. އެކަމުގައި މެންބަރުން ކުރައްވާ މަސައްކަތްތަކަށް އެ މަނިކުފާނު އެއްބާރުލެއްވުން ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.