ކޮވިޑް-19 ގެ ސަބަބުން ގައުމުތައް ލޮކްޑައުންކޮށް ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން އިންޓަނެޓު އަގު ހެޔޮ ކޮށްފައިވާއިރު ވެސް ރާއްޖެއިން އެކަން ކޮށްފައި ނުވާތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރު މީކާއިލްގެ ފަރާތުން އިންޓަނެޓުގެ އަގު ހެޔޮ ނުކުރާ ކަމަށްބުނެ ޓެލެކޮމް އޮތޯރިޓީގެ އިސްވެރިން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް އެދި ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް މިހާރު ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މާޗު 26 ވަނަ ދުވަހުގައި އަޅުގަނޑަށް އެބަވޭ ސިޓީއެއް ފޮނުވާފަ. އިއްޒަތްތެރި މެމްބަރު ކަންބޮޑުވެވަޑައިގަންނަވަނީ މި ޕެންޑަމިކްގެ ތެރޭގައި އިންޓަނެޓްގެ އަގު ހެޔޮކޮށްފައިނުވާތީ. އަދި މިހާރު އެސިޓީ ވަނީ ތަރައްގީއާއި ތަރިކަ އާއި ބެހޭ ކޮމެޓީއަށް ފޮނުވިފަ."
ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މެންބަރު މީކާއީލް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ، ޓެލެކޮމް އޮތޯރިޓީ މޯލްޑިވްސްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 159ވަނަ މާއްދާގެ ދަށުން، އެ އެތޯރިޓީގެ އިސްވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. މެންބަރު މީކާއިލް ވިދާޅުވެފައި ވަނީ، މިދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައިތިބެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން މަޖުބޫރުވެ އަދި ދަރިވަރުން އުނގެނުމުގެ ކަންކަންވެސް ގޭގައި ތިބެގެން ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްކަމަށެވެ. އަދި އެކަންކަން ފުރިހަމަކުރަން މުވާސަލާތީ ޚިދުމަތް، އަދި ހާއްސަކޮށް އިންޓަރނެޓްގެ ޚިދުމަތަކީ ޒަަރޫރީ ޚިދުމަތެއްކަންވެސް މެންބަރު މީކާއިލް ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ކޮންމެހެންވެސް ބޭނުންވާ ހިދުމަތަކަށް ވެފައި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށް ވެސް މީކާއިލްގެ ސިޓީގައިވަނީ ފާހަގަކުރައްވާފައެވެ.