އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނުހޯދައި މިސްކިތްތައް ބަންދު ކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސްކިތެއް ބަންދު ކުރަންޖެހޭ ހާލަތަކަށް ހިނގައްޖެނަމަ އެ މިސްކިތެއް ބަންދުކުރާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް މީގެކުރިންވެސް އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވާނެ ކަމަށެވެ.

މިސްކިތް ބަންދުކުރުމާއި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ބޭނުންކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ތަނެއް ބިނާކުރުމާއި މަރާމާތުކުރުންފަދަ މަސައްކަތްތައް ކުރުމަށްވެސް އެމިނިސްޓްރީގެ ހުއްދަ ހޯދުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން މިސްކިތުގައި ބޭނުންކުރުމަށް ބަހައްޓާ ލިޔުންތައް މިސްކިތުގައި ބަހައްޓާނީ އެ މިނިސްޓްރީން ބަލައި ޗެކްކޮށް އަދި މިނިސްޓްރީން ފާސްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތައް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި މިސްކިތުގައި ހުންނަ ސައުންޑް ސިސްޓަމް، ބަންގި ގޮވުމަށާއި އެމިނިސްޓްރީން ހުއްދަދީގެން އަންގާ އެންގުންތައް ކިޔުން ނޫން އެހެންކަމަކަށް ބޭނުންކުރާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހުއްދަ ނުހޯދައި މިސްކިތްތައް ބަންދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި މިވަނީ، މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް، ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވީ ނަމަވެސް، މިސްކިތްތަކުން ގަވާއިދުން ބަންގިގޮވައެވެ. އަދި ބައެއް މީހުން ވަކިވަކިން މިސްކިތްތަކުގައި މިހާރުވެސް ނަމާދުކުރެއެވެ.