މިހާރު މިއޮތް ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޑަބްލިއު.އެޗް.އޯ އިން ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި، އެބަލިން ރައްކާތެރިވެ، ބަލި ފެތުރުނަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ހާލަތުން އަރައިގަތުމާއި މި ބަލިން މުޖުތަމައު ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވަސީލަތުގެ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ޑަބްލިއުއެޗްއޯއިން ރާއްޖޭގައި ހަރަކާތްތެރިވާ ޓީމުން ކުރާ މިންނެތް މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރާއްޖޭގައި މިބައްޔަށް މިހާތަނަށް ޕޮޒިޓިވްވީ 19 މީހުންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި މި ބަލި މިހާތަނަށް އަދި މުޖުތަމައުގެ ތެރޭގައި ފެތުރިގެންނުދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން އެހެން މެދުވެރިވީ ސަރުކާރުން މިކަމަށް ދުރާލާ ފިޔަވަޅުތައް އަޅަމުން ދިޔައީތީކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 12 މާޗުގައި މުޅި ރާއްޖެއަށް ސްޓޭޓް އޮފް ޕަބްލިކް ހެލްތު އިމަޖެންސީ އިއުލާން ކުރުމާއި، އާންމުން އެއްވެއުޅުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާއި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ފްލައިޓް ރާއްޖެ އައުން ވަގުތީގޮތުން ހުއްޓާލުމާއި، ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުން މަނާކުރުމާއި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، އަދި ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް ދެ ހަފުތާގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރުން މަޖުބޫރުކުރުންފަދަ ސަރުކާރުން މި ބައްޔާ ދެކޮޅަށް އެޅި މުހިންމު ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަދި މިހާތަނަށް ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭ ކަމުގައިވިއަސް އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި ދުރާލައި ރައްކާތެރިވުމުގެ ގޮތުން ޖަނަވަރީ މަހުން ފެށިގެން ތައްޔާރީތައް ވަމުން އަންނަކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކުއްލި ހާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި ފަރުވާދެވޭ އިންތިޒާމްތައް ހަމަޖައްސައި، ބަލިމީހުން ބައިތިއްބާނެ އެނދާއި، ބަލީގައި ހާލުބޮޑުވާ މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދޭނެ ވަސީލަތްތަކާއި އިންތިޒާމުތައް ދުރާލައި ހަމަޖައްސާފައިވާނެ ކަމަށާއި އަދި މި ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް އިތުރުކޮށް ފުޅާކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގައި ބައެއް ގައުމުތަކަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާ މިކަންކަން ފަހިކޮށްދިނުމަށް ޑަބްލިއު.އެޗް.އޯ އިން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފޯނު ކޯލް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިތުރު ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ފޯރުކޮށްދީފައިވުމާއި އަދި ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެމަނިކުފާނަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލަށް ޝުކުރުއަދާކުރައްވާފައެވެ.