• ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް އަންނަ ހަފްތާގައި ބަންދު

މިނިމޭ ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައި ވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެންހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށްނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.