ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމަތީގައި އުޅުން މަނާކޮށްފައިވާ ވަގުތުގައި މާލޭގެ މަގުތަކުގައި މިއަދު އުޅުނު 215 ފަރާތެއް ފުލުހުން ހުއްޓުވާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ހާލަތާބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މަނާކޮށްފައިވާ ގަޑިތަކުގައި މަގުތަކުގައި އުޅެނިކޮށް ހުއްޓުވާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 177 ދިވެހިންނާއި، 38 ބިދޭސީން ކަމަށެވެ.

މިއީ، ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް މީހުން ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ދުއްވުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މެންދަމު 12 އިން ފެށިގެން މަނާކުރެއްވިފަހުން ފުލުހުން މިހާތަނަށް އެންމެ ގިނަމީހުން ހުއްޓުވި ދުވަހެވެ.

މަގުތައް ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވެ، މަނާކޮށްފައިވާ ގަޑިތަކުގައި މަގުމަތިން ހުއްޓުވައި ސުވާލުކުރާ މީހުންގެ އަދަދުތައް ޕްރެސް ކޮންފަރެންސްގައި ގެންދަނީ ކޮންމެ ރެއަކު ހާމަކުރަމުންނެވެ.

އެގޮތުން، މިއަދަކީ އެގޮތުން އެންމެ ގިނަމީހުން ހުއްޓުވިކަން ހާމަކުރި ދުވަހެވެ.

ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި މަގުމަތީގައި އުޅުން މަނާކުރިފަހުން، އެ ގަޑިތަކުގައި ފުލުހުން ހުއްޓުވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެފައިވާކަންވެސް އަދަދުތަކުން ހާމަވެއެވެ.

މީގެއިތުރުން، މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީނު ފެސިލިޓީސްތަކުން މިއަދު އިތުރު 28 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ކަރަންޓީނުން ދޫކޮށްލި މީހުންގެ އަދަދު މިވަނީ 325 އަށް އަރާފައެވެ.

އަދި ހަމަ އެއާއެކު، ކަރަންޓީނުގެ ދުވަސް ހަމަވެ، ދޫކޮށްލުމަށްޓަކައި އިތުރު 200 މީހެއްގެ ސާލްޕަލްވެސް މިއަދު ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ޕެންޑިން ސާމްޕަލްގެ އަދަދު ގިނަވެފައިވަނީ އެހެންވެގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މޮނިޓަރިންގެ ހާލަތުގައި މިހާރުހުރި ތަންތަނަކީ، ޖޯލި މޯލްޑިވްސް ރިސޯޓް، ބޮޑުފުށި މޯލްޑިވްސް ރިސޯޓް، ވެލައްސަރު ރިސޯޓް، ސެވަން ކޮރަލްސް މާފުށީ، މޯލްޑިވިއާނާ ސަފާރީ އަދި އައިލެންޑް ސަފާރީ ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.