އަތްކުރު ކަޅު ހެދުން ހުރީ ގަޔަށް ބާރުކޮންނެވެ. އެ ހިމަތޮޅި ހަށިގަނޑުގެ ބައްޓަން ސިފަވެއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓުނީ ގަދަ މުށިކުލައިގެ އެ ދިގު، ބުޅި އިސްތަށިގަނޑުގައި ފުނާ އަޅަމުންނެވެ. ލާފައިވާ ހަރުވާޅު ތަންކޮޅެއް ކުރުހެންހީވިއެވެ. ހަރުވާޅު އުނގަނޑުން ކުޑަކޮށް ތިރިއަށް ޖައްސާލިއެވެ. އިސްތަށިގަނޑުގެ ދެފަރާތުން ފުނާ އަޅާލުމަށްފަހު ކަޅުކުލައިގެ ކުޑަ ދައްޗެއް ޖަހާލިއެވެ.
ލޯގަނޑުން ފެންނަމުންދާ ސޫރައަށް ފުންކޮށް ބަލާލިއެވެ. އަދި ގޮނޑީގައި އަޅުވާފައިވާ ކަޅުކުލައިގެ ކުރު ދޯޕައްޓާ ނަގާ ކަރުގައި އޮޅާލުމަށްފަހު އެއްބައި ފުރަގަހަށް ދޫކޮށްލިއެވެ.
ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
މިއީ ޒިންތާއެވެ. ފުރިހަމަ ނަމަކީ ފާތުމަތު ޒިންތާ މުޙައްމަދެވެ. ހުރިހާ ރައްޓެހިންނާއި ގާތްމީހުން ކިޔާ އުޅެނީ ޒިންތާއެވެ.
ޒިންތާއަކީ ސަތާރަ އަހަރުގެ ޒުވާނެކެވެ. އާންމުކޮށް ލާ އުޅެނީ ކަޅުހެދުމެވެ. އަތްކުރު ހެދުމެވެ. ދޯޕައްޓާ އަޅަނީ ހަމަ އެކަނި މިއަދު ލާފައި ހުރި ހެދުމާއި އެކީގައެވެ. އެއީ އޭނާ އެންމެ ގަޔާވާ ހެދުމެވެ. އަރަނީ ތިރި ފައިވާނަށެވެ. އެއީ އޭނާގެ ސްޓައިލްއެވެ. މާ ކަޅު ނޫން، އެހެން ނަމަވެސް ދޮން ކުއްޖެއްވެސް ނޫނެވެ.
ކޮޓަރީގެ ދޮރުހުޅުވާލަމުން ފައިވާންތަކާއި ދިމާލަށް ބަލާލިއެވެ. އެހެދުމާއި އެކީ އަރާ ފައިވާނަށް ދުވެފައިގޮސް އެރިއެވެ.
ލަސްވެގެން އެ އުޅެނީ ހުރިހާ ރައްޓެހިން އާންމުކޮށް ހަވީރު ގަޑީގައި އެއްވާ ކަންމައްޗަށް އެންމެން ދިޔަކަން އެނގިގެންނެވެ. އެންމެ ފަހުން ތައްޔާރުވެވުނީ ޒިންތާއަށް ކަމަށްވާތީއެވެ.
ދުވެފައި ކަހަލަގޮތަކަށް މަގުމައްޗަށް ނުކުތެވެ. ތަންކޮޅެއް ދުރުގައި އޭނާގެ ރަހްމަތްތެރިން ތިބި ތަންފެނިފައި ހިނގުން މަޑުކޮށްލިއެވެ.
އެންމެންވެސް ތިބީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ވާހަކަތަކެއްގައެވެ. މަޑު ހިނގުމުގައި ޒިންތާ، އެމީހުންކައިރީ މަޑުކޮށްލިއެވެ. މަގުގެ އެއްފަރާތަކަށް ވާގޮތަށެވެ. އޭނާގެ ރަހްމަތްތެރިން ތިބީ ފާރާއި ކައިރީއަށްވާ ގޮތަށްކަމުން، ޒިންތާ މަޑުކޮށްގެން ހުރީ މަގަށް ފުރަގަސްދީގެންނެވެ.
''އެއުޅޭ ޝާނާ ނައިސްގެން މަޑުކުރަނީ....'' ސީމާ ބުނެލިއެވެ.
''މަ ހީކުރީ މަކަމަށް ލަސްވާނީ..'' ހީނގަންނަމުން ޒިންތާ ބުނެލިއެވެ.
އޭރު ޖެހިގެން އޮތް މަގުން ޒިންތާމެން ތިބި މަގަށް ބައިސްކަލުގައި ފައިސަލް ވަންނަނީއެވެ. މަޑު ދުވެއްޔެއްގައެވެ. އެހެން އެންމެންނަށް ފައިސަލް ފެނުނުކަމުގައި ވިޔަސް ޒިންތާއަށް ފައިސަލް ނުފެނެވެ. އެދިމާލަށް ފުރަގަސް ދީގެން ހުރުމުންނެވެ.
ޒިންތާއާއި ވަރަށް ކައިރިން ދަމުން އޭނާގެ ދޯޕައްޓާ ފައިސަލް ދަމައިގަތެވެ.
ސިހުމާއިއެކު ފަސްއެނބުރި ޒިންތާ ބަލާލީ ހައިރާންކަމާއި އެކުގައެވެ. އެހެންނަމަވެސް އެ ނަޒަރުން ފައިސަލްގެ ހިތްކުދިކުދިވި ކަހަލައެވެ. ޒިންތާއަށްވީ ކީއްކަމެއްނޭންގެއެވެ. ބޭ އިޚްތިޔާރުގައި ދުވެފައި ގެއަށް ވަނެވެ.
މިކުރެވެނީ ކީއްކަމެއް ނޭންގި ގޭގެ ވަލުދޮރާއްޓާއި ދިމާލަށް ދުވަމުން ދިޔައެވެ. ހަމަ ނޭވާ ލެވުނީ އެތަނުގައި ހުރި ޖޯލިފައްޗާއި ހަމައަށް ދެވުމުންނެވެ.
މާނޭވާ ލަމުން މޭގައި އަތްޖައްސާލާ، ދެލޯމަރާލިއެވެ. މިވަނީ ކީއްކަމެއް ނޭންގިއެވެ.
''ކިހިނެއްވީ.......؟'' ވަރަށް ގާތުން އަޑު އައެވެ.
ޒިންތާ ދެލޯ ހުޅުވާލިއިރު ވަރަށް ގާތުގައި ފައިސަލް ހުއްޓިލައިގެން ހުރިތަން ފެނުނެވެ. އޭނާއަށް އެތަނަށް ވަންނަން ކެރުނީ ކިހިނެއްކަމެއް ޒިންތާއަށް ނުވިސްނުނެވެ. އަދި އެހާމެ މަދު ސިކުންތުކޮޅެއްގެ ތެރޭ އޭނާ އެތަނަށް އައިގޮތަކާއި މެދުވެސް ޒިންތާހުރީ އަޖައިބު ވެފައެވެ.
ދައްކާނެ ވާހަކައެއްނެތެވެ. އިސްޖަހާލައިގެން ހުރެވުނީއެވެ.
''މާދަން ދޯ ފުރަނީ....'' ފައިސަލް ޒިންތާއަށް ބަލަހައްޓައިގެން ހުރެ ސުވާލުކުރިއެވެ.
ފައިސަލް ޒިންތާއަށްވުރެ ދިގެވެ. އެއީ ޒިންތާ އެންމެ ބޭނުންވާ އިސްކޮޅެވެ. ފައިސަލް އަކީ ޒިންތާ ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި ޒުވާނެއްކަން އެދުވަހު ޒިންތާއަށް ވިސްނުނެވެ.
ޒިންތާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ.
މާލޭގައި ކިޔަވަން ހުރެފައި ޒިންތާ ރަށަށް ދިޔައީ ޓާރމް ޗުއްޓީއަށެވެ. ހަފްތާއަކަށެވެ.
އެހަފްތާތެރޭ ފައިސަލްއަށް އެކި ތަންތަނުން ޒިންތާ ފެނިފައިވެއެވެ. އަތިރިމަތީގައި ކެރަމް ކުޅެން އިންދައެވެ. ރައްޓެހިންނާއި އެކީ ހިނގާލަން ދަނިކޮށެވެ. އަތިރިމަތީގައި ހުންނަ އުނދޯލިތަކުގައި ސަކަރާތްޖަހާ މަޖާކުރަން ހުއްޓައެވެ.
ޒިންތާއަށް ފައިސަލް ފެނިފަ ވަނީ އެންމެ ދެފަހަރުއެވެ. އަޅައިގަތީ އޭނާގެ އިސްކޮޅުގެ ސަބަބުންނެވެ.
''ދެން ނާންނާނަންތަ؟'' ފައިސަލް ޒިންތާގެ އަތުގައި ހިފާލިއެވެ.
ހިންދީ ފިލްމެއްގެ މަންޒަރެއްހެން، ޒިންތާ އިސްޖާލިއެވެ. ލަދުންނެވެ.
''އަހަންނާ ރައްޓެހިވާންވީނުން'' ފައިސަލް ޒިންތާގެ އަތުގައި ބޮސްދިނެވެ.
މިފަހަރު ހަމަ އިހުގެ ހިންދީ ފިލްމެއްގެ މަންޒަރެއް ފެނުނުފަދައެވެ. ލަދުން އިސްއުފުލާލަން ނުކެރިފައި ޒިންތާ ހުރީއެވެ. ބޭ އިޚްތިޔާރުގައި ހިނިތުންވެފައެވެ.
އެހިސާބުން ފައިސަލް އެނބުރި ދިޔައީ ޒިންތާ ހާސިލްވިކަމުގެ ފުރިހަމަ އުންމީދާއިއެކުގައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، ފުރަން ތައްޔާރުވެގެން ޒިންތާ ކޮޓަރިން ނުކުތް އިރު ފައިސަލް އެގެއަށް ވަންނަނީއެވެ. ޒިންތާ އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގެން ދިޔައީ ހަރުފައަކަށްވުރެވެސް ހަލުވިކަމާއި އެކުގައެވެ.
''މަޑުކޮށްބަލަ...ސަލާމްކުރަން މިއައީ..'' ފައިސަލް މަސައްކަތްކުރީ ޒިންތާގެ އަތުގައި ހިފޭތޯއެވެ.
ލަދުން ހުރެ ޒިންތާ އަތް ދިއްކޮށްލިއެވެ. ސަލާމްކުރިއެވެ. އަދި ފައިސަލްގެ މޫނަށް އިސްއުފުލާ ބަލާލިއެވެ.
''އައި ލަވް ޔޫ..'' ފައިސަލް ހިނިތުންވެ ހުރެ ބުނެލިއެވެ.
އެހާ އަވަހަށް އެހެން ބުނާނެ ހިތްވަރެއް ޒިންތާގެ ކިބަޔަކު ނެތެވެ.
'' އައި ހޭޓް ޔޫ..'' ޒިންތާއަށް ބުނެވުނީ ބުނަން ނުވާއެއްޗެކެވެ.
ކުރިންވެސް ކޮޓަރިއަށް ވަތް ހަލުވި މިނުގައި ވަދެ ދޮރުލެއްޕިއެވެ. ފައިސަލް ދޮރު ހުޅުވުމަށް އެދުނެވެ. ޒިންތާ ނުހުޅުވީއެވެ. ރުޅިއައިސްގެނެއް ނޫނެވެ. ލަދުންނެވެ.
ޒިންތާއަށް މާލެ އާދެވުމާއި އެކު، އޭނާގެ ކްލާހުގައި އުޅޭ އެރަށު ކުއްޖަކާ ހުރިހާ ވާހަކައެއް ހިއްސާކުރިއެވެ.
އެއީ އޭނާގެ ބެސްޓްފްރެންޑެވެ. ފަޒްލާއެވެ. ޒިންތާގެ ހިތުގައި ފައިސަލްއަށް ލޯބި އުތުރި އަރަމުންދާވަރު ފަޒްލާއަށް އިޙްސާސުކުރެވުނެވެ. ނަމަވެސް ހަޤީޤަތްކިޔާ ދިނުމަކީ ފަޒްލާގެ ވާޖިބެއްކަން އޭނާ ދުއްޓެވެ.
''އެއީ ވަރަށް ގޯސް މީހެއް...ވައްކަންވެސް ކުރާނެ..ޑްރަގްވެސް ބޭނުންކުރާނެ..އަނެއްކާ އޭނަ އުޅޭނެ ރަށުގެ ހުރިހާ އަންހެންކުދިންނާ ހެދި...''ފަޒްލާ، ޒިންތާއަށް ވިސްނުވައި ދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.
ހިތްމަރުވީ ޒިންތާގެއެވެ. ލޯބި ކަފުންކުރަން ޖެހުނީވެސް ޒިންތާއެވެ. އެހެންނަމަވެސް ހަޤީޤަތް ބަލަން ޒިންތާ ބޭނުންވިއެވެ.
ހަޤީޤަތް ހޯދިވެސްމެއެވެ. ފަޒްލާގެ ރަޙްމަތްތެރިއެއްގެ ބެސްޓްފްރެންޑާއި ފައިސަލް ރައްޓެހިވީ ޖެހިގެން އައި ހަފްތާގައެވެ.
ޒިންތާ ޓިއުޝަނަށްދާ ކްލާހުގައި އުޅޭ ތިން ކުދިންނާ ފައިސަލް ރައްޓެހިވިއެވެ.
ފުޓްބޯޅަ ކުޅެން ހުއްޓާ އަނބުރައިގަނެގެން ވެއްޓުނުވާހަކައެއްވެސް ޒިންތާ އަޑުއެހިއެވެ. ޑްރަގްސްއަށް ޕޮޒިޓިވްވެސް ވީއެވެ.
ސާފް ހެކިތަކާއިއެކު ޒިންތާ އެ ގުޅުމަށް އަލްވަދާޢުކީ އިރު، ފައިސަލްގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް، އެތައް މަހެއް ވީއެވެ.
ކެތްތެރިކަމާއިއެކު ޒިންތާ ކިޔެވުން ނިންމާލީއެވެ. ހިތްވަރުގަދައެވެ. އެހާ ބޭނުންވާ މީހެއްގެ ފަރާތުން އެ ހުރިހާ ގޯސްކަންތައްތަކެއް ފެނި، އެނގުމުން، ކިޔަވާ ކުއްޖަކަށް ކުރާނެ އަސަރު ކިތަންމެހާވެސް ބޮޑެވެ.
ނަމަވެސް ހިތްވަރާއި، ފަޒްލާގެ އެހީތެރިކަމާއިއެކު ކިޔެވުން ނިންމާލުމަށްފަހު ޒިންތާ ކޯހަކަށް ކުރިމަތިލީއެވެ. އެހިސާބުން ފަޒްލާއާއި ވަކިވީ، ފަޒްލާ ރަށަށް ބަދަލުވުމުންނެވެ.
ނަމަވެސް ފޯނުން ގުޅޭތީ، އެރަޙްމަތްތެރިކަން ދެމިއޮތެވެ.
މިއަދަކީ ޒިންތާ ޗުއްޓީއަކަށް ރަށަށްދިޔަ ދުވަހެވެ. އަހަރުތަކަކަށްފަހު ރަށަށް ދެވުމުން ޒިންތާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ރަހްމަތްތެރިންނާއި ބައްދަލުވާތީ އެއަށްވުރެވެސް އުފާވެފައެވެ.
ބޭނުންވީ ސަޕްރައިޒެއްދޭށެވެ. އެހެންކަމުން މޮޅު ޚިޔާލެއް ރާވާލިއެވެ.
''އޭނ...ނުކުމެބަލަ ބޭރަށް'' ޒިންތާ މެސެޖެއް ފޮނުވީ ފަޒްލާއަށެވެ.
އިރުކޮޅަކުން ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ.
''ކާކު ތީ؟''
''ކާ....ކު... އޯހ..ސޮރީ އޮޅުމަކުން..'' ޒިންތާ ފޯނު ކަނޑާލިއެވެ. އޮޅިގެން މެސެޖް ފޮނުވުނީ ނުދަންނަ ނަންބަރަކަށެވެ.
''އިޓްސް އޯކޭ..ހޫ އަރ ޔޫ..'' މެސެޖެއް ލިބުނެވެ.
''އޯހ ނޯ...'' ޒިންތާ ފޯނު ނަގަމުން ހިނގައިގަތެވެ. ނުދަންނަ ނަންބަރަކަށް މެސެޖް ކުރެވުނު މޮޔަ ހީވެ ހުރެއެވެ.
''އޯކޭ އޭ...ނަންބުނެބަލަ...އަހަންނަށްކިޔަނީ އަޙްމަދު ފައިސަލް...ތީކާކު؟''
އަނެއްކާވެސް އައީ މެސެޖް އެކެވެ.
''ސޮރީ...މައި މިސްޓޭކް..އަހަރެންނަށް އޮޅިގެން ފޮނުވުނީ އެ މެސެޖް ސޮރީ..'' ޒިންތާ ރިޕްލައި ކުރީ އެ މެސެޖްތައް އައުން ނިމޭނެ ކަމަށެވެ.
''ނަން ބުނެބަލަ....އަހްމަދު އަށް އިނގޭ އަހްމަދުއަށް މީހުން މެސެޖް ނުކުރާނެކަންވެސް...މިއީ ގޯސްމީހެއް ނޫނޭ..ރަހްމަތްތެރިވެވިދާނެނުން..''
ވީފޫހިން ޒިންތާ މެސެޖް ލިޔަން ފެށިއެވެ.
''ސޮރީ..ނުދަންނަ މީހުންނާ ވާހަކައެއް ނުދައްކަން'' މެސެޖް ފޮނުވާލުމާއިއެކު ޒިންތާ ހިނިތުންވެލިއެވެ.
''ފާތުމަތު ޒިންތާ މުޙައްމަދު'' އަނެއްކާވެސް އައީ މެސެޖްއެކެވެ.
އެމީހަކަށް އެއީ ޒިންތާކަން އެނގުނީއެވެ.
''ރަށުގަތަ ތިއުޅެނީ؟'' އަނެއްކާވެސް އެ އަހްމަދުގެ މެސެޖެކެވެ.
އެއީ ކާކުކަން ޒިންތާއަށް ނޭންގުނުކަމުގައި ވިޔަސް، ދުރު ހަނދާނެއް ވާންފެށިއެވެ.
އެ ނަންބަރުން ގުޅަންފެށިއެވެ.
''އޭ..........މިއީ ފައިސަލްއޭ....'' ފައިސަލް އުފަލުން ހުރެ ބުނެލިއެވެ.
''ކޮން ފައިސަލްއެއް..'' ޒިންތާ ހުރީ ހައިރާންވެފައެވެ.
ކުއްލިއަކަށް ހުރިހާ ހަނދާންތަކެއް ފުނިޖެހެން ފެށިއެވެ.
ދެވޭ ނުދެވޭ ދިމާ ނޭންގި ޒިންތާ ހިނގަމުން ދިޔައިރު އެމޫނުމަތިން އެތައް ޒަމާނެއްގެ ކުރިން ފެނުނު އުފާވެރިކަން ފެންނަންހުއްޓެވެ.
ފަޒްލާމެން ގެއަށް ވަދެވުނީ އެ ކޯލްގަ އެތައް އިރެއްވަންދެން ހުރުމަށްފަހުއެވެ.
އެތައް އަހަރުތަކެއް ފަހުން ފައިސަލްއާއި ދިމާވެދާނެކަމަކަށް ޒިންތާ ހީވެސް ނުކުރެއެވެ. އެހެންކަމުން އެއްފަހަރު ނަމަވެސް ފެނިލަން ޒިންތާ ނިންމިއެވެ.
މިއަދުވެސް ލޯގަނޑު ކުރިމަތީ އެހެރީ ހަމަ އެ ޒިންތާއެވެ. ނަމަވެސް އެ އުޖާލާކަމެއް މޫނުމަތީގައި ނެތެވެ. އެހިނިތުންވުމުގައި ހިތްދަތިކަމެއް އެކުލެވިފައިވެއެވެ. އެ ވިދުވަރެއްފަދަ ދެ ލޮލުގައި ހިތި މާޒީ ފެންނަން ހުރިފަދައެވެ.
ކަޅު ދޯޕައްޓާ ކަރުގައި އޮޅާލިއެވެ. އެއްބައި ފުރަގަހަށް ދޫކޮށްލިއެވެ. ކޮޓަރިން ނުކުންނަމުން ފައިވާންތަކަށް ބަލާލިއެވެ. ހިތް އަވަސްވެފައިވާވަރުން ބޭނުންވާ ފައިވާން ހޯދަން އިރުކޮޅެއް ނެގިއެވެ.
ގޭގެ ފުރަގަހުން އޮންނަ އަތިރިމައްޗާއި ދިމާލަށް މިސްރާބުޖެހީ ފައިސަލް ހުންނާނެ ގޮތަކާއިމެދު ވިސްނަމުންނެވެ.
ޖެހެމުންދިޔަ ނަލަ ވައިރޯޅި ވަށައިގެންވާ ރުއްތަކުގެ ފަންތަކާއި ކުޅެމުންދިޔައިރު، ޒިންތާގެ ދޯޕައްޓާވެސް ދިޔައީ އެއަޑާއި އެއްވަރަށް ނަށަމުންނެވެ.
ފުރަގަހަށް އެނބުރިގެން ފައިސަލް ހުރިތަން ފެނުމުން ޒިންތާގެ ހިނގުން ހުއްޓުނެވެ. ކުޑަވަގުތުކޮޅަކަށް ހުރިހާ އެއްޗެއް ގަނޑުވި ކަހަލައެވެ. ވައިރޯޅިއެއްގެ އަޑެއްވެސް ނީވިއެވެ.
ފައިސަލް އެނބުރި ބަލާލީ ޒިންތާ މަޑުކޮށްލުމުންނެވެ. ހީނލީ ކައިރިއަށް އަންނާށޭ ބުނަމުންނެވެ.
ތެޅެމުންދިޔަ ހިތާއިއެކު ޒިންތާގެ ހިނގުން މަޑުދުވުމަކަށް ބަދަލުވިއެވެ. ފައިސަލްއާއި ވަރަށް ކައިރިއަށް މަޑުކޮށްލުމަށްފަހު ހިތުގައިވާ ހުރިހާ ޝުޢޫރެއް ބަންޑުންކުރަން ޒިންތާ ބޭނުންވިއެވެ.
''ހާދަ ލޯތްބޭ..'' ފައިސަލް ލާނެތް ރާގެއްގައި ބުނެލިއެވެ.
''ބައްޕީ....''
ޒިންތާއަށް ބަލާލެވުނީ ފައިސަލްގެ ފައިގައި ކޮއްޓަމުންދިޔަ ކުޑަކުޑަ އަންހެން ކުއްޖާއަށެވެ.
'' މިއީ މަގޭ ދަރިފުޅު...އީޝާ''
ދެލޯ ފުސްވަމުންދިޔަފަދަ އިހުސާސެއް ޒިންތާއަށްކުރެވުނެވެ. ޖެހެމުންދިޔަ ވައިރޯޅިއާއި އެކުވެގެން ފައިސަލްގެ މޫނާ ދިމާލަށް އުދުހި އުދުހި އޮތް ދޯޕައްޓާ ހިފަހައްޓަމުން ޒިންތާ އައިކޮޅަށް ދުއްވައިގަތީ ބޭއިޙްތިޔާރުގައެވެ.
އެހެންނަމަވެސް އެ ދޯޕައްޓާ އެކަމަށް ހުރަސް އެޅިއެވެ. ފައިސަލް ދޯޕައްޓާގައި މިފަހަރުވެސް ހިފެހެއްޓީއެވެ.
''ދޫކޮށްލާ...''ޒިންތާގެ އަޑުވަނީ ކުރަކިވެފައެވެ. ބާރަށް، އަޑުން އަޑުނަގާ ރޯން ބޭނުންވިކަމުގައި ވިޔަސް ލޮލުން އެންމެ ކަރުނަ ތިކެއްވެސް ނައެވެ. އަޑެއްވެސް ނުނިކުތެވެ. ކުރެވުނުހާވެސް ކަމަކީ ދޯޕައްޓާ ދޫކޮށްލާފައި ދުއްވައިގަތުމެވެ.
....
ނިމުނީ
varah reethi vahaka eh. mikahala reethi ithuru vahaka thah adhives kiun therinnaa hama ah genes dheyne kamah ummeedhu kuran.