ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށާއި ޝަރީއަތް އަވަސްކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށްސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރިފައިވާ މިދަނޑިވަޅު ސިޔާސީ ކުށްވެރިން ދޫކުރުމަށް އދ. އިން ވެސް ގޮވާލާފައިވާ ކަމަށެވެ. އެ ގޮވާލުމާ އެއްގޮތަށް ބައެއް ގައުމުތަކުން އަމަލުކުރަމުންދާއިރު، ރާއްޖޭގައި މިހާރު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރު ޖަލުގައި ބަހައްޓައިގެން އެކިގޮތްގޮތުން ނިކަމެތިކަން ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން މިއީ އެ ކޯލިޝަނުން ވަރަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، ހުކުމް ތަންފީޒު ކުރުމަށް ގެއަށް ބަދަލުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ދަށު ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުން ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭއިރު ހައި ކޯޓުގެ އަޑުއެހުން ވެސް އެގޮތަށް ކުރިއަށް ގެންދެވެންވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތް އަވަހަށް ނިންމައިދިނުމަށް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރީމަނާ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ބުނެ 75 ނުކުތާއެއް ހުށަހަޅާފައެވެ. އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ވެސް އެދުނެވެ. ނަމަވެސް ރައީސް ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ފެށުނު ނަމަވެސް ޝަރީއަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން އެމަނިކުފާނުގެ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުނެވެ. ޝަރީއަތް މެދުކެނޑި، އިސްތިއުނާފު ނުލިބި ޖަލުގައި ހުންނަންޖެހުމަކީ އިންސާފު ނޫން ކަމަށް ވަކީލުން ވިދާޅުވެއެވެ.