މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައި ރާއްޖެއަށް ބޭނުންވާ 6.7 ޓަނުގެ މުދާ ދުބާއީ އިން ގެނެސްފިއެވެ.

ހުކުރު ދުވަހުގެރޭ މޯލްދިވިއަންގެ މި ކާގޯ ފްލައިޓުން ގެނެސްފައިވަނީ ރާއްޖެއަށް މިވަގުތައް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާ އަދިވެސް ބޭނުންވާ ޒަރޫރީ ބައެއް ތަކެއްޗެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ހުއްޓި، ގައުމުތަކުގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ރާއްޖެއަކީ އުފެއްދުންތެރިކަމުގެ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމަކަށް ނުވާތީ ރާއްޖެއަށް ބޭނުންވާ ގިނަ މުދާ ޖެެހެނީ ބޭރުންނެވެ. އެހެންކަމުން ސަރުކާރުންދަނީ މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވިއަންއިން ވަނީ ރޭގެ ވަގުތެއްގައި ބެންކޮކުންވެސް ރާއްޖެއަށް ބެނުންވާ 11 ޓަނުގެ މުދާ ގެނެސްފައެވެ. ކުރިއަށް އޮތް ތަނުގައި އިންޑިއާއިންވެސް ރާއްޖެއަށް ކާޑުގެ އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެގައުމުން ވަނީ ދީފައެވެ.

މީގެ އިތުރަށް އަހަރުތަކަކަށްފަހު ދިވެހިރާއްޖޭގެ ގައުމީ ޝިޕިން ލައިންވެސް ފަށާފައިވުމާއެކު ދިވެހިރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާން ނުޖެހޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.