ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުން ދިޔުމާއި އެކު ރާއްޖޭގެ ރައްޔިތުންނަށް އެ ބަލީގެ ނަމަކީ އަބަދުވެސް ހަނދާން ހުންނަ ނަމަކަށްވަނީ ވެފައެވެ. ހަމަ އެ ނަމާއި އެއްވަރަށް މަބްރޫކުގެ ނަންވެސް މަޝްހޫރެވެ. އެނަން ނޭނގޭ ކުޑަކުއްޖެއްވެސް މިހާރު ރާއްޖޭގައި ނުހުންނާނެއެވެ.

ކޮވިޑާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކުރުމަށް ރެއާއި ދުވާލު ބާއްވަމުންދިޔަ ޕްރެސް ކޮންފަރެންސްތަކުގައި، ސަރުކާރުގެ ތަރުޖަމާނުގެ ހައިސިއްޔަތުން، ގާތްކަމާއި ލޯތްބާއި ކެތްތެރިކަމާއެކު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދިޔައިރު އާންމުންގެ ހިތްތަކުން މުޙައްމަދު މަބްރޫކް އަޒީޒު ވަނީ ޖާގަ ހޯއްދަވާފައެވެ.

މަބްރޫކަށް ތައުރީފުކޮށް އެތައް ބަޔަކު އެމީހުންގެ ސްޓޭޓަސްތައް ފުރާލި އިރު، މަބްރޫކަށް ޚާއްސަ ޅެމެެއްވެސް މަޝްހޫރު ޅެންވެރިއަކު ވަނީ ހައްދަވާފައެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

ކޮންމެ ރެއަކު ބާއްވަމުންދާ ޕްރެސްކޮންފަރެންސްތައް، ހަމަ އެކަނި މަބްރޫކް ދައްކާ ވާހަކަ އަޑުއަހާލަން ބަލާ ކިތަންމެ ބަޔަކު ތިބިކަންވެސް އެނގިގެންދިޔައެވެ. މިކަން ސާފުކޮށް އެނގެން ފެށީ ޕްރެސް ކޮންފަރެންސްތަކުން މަބްރޫކު ނުފެންނަތާ ދެ ރެއެއް ވުމާއިއެކު ސޯޝަލް މީޑިޔާގައި ގިނަބަޔަކު ކުރަމުންދިޔަ ސުވާލުތަކެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

މަބްރޫކު ބަލިވިތޯ އެތައް ބަޔަކު ސުވާލުކޮށް، ސޯޝަލް މީޑިޔާ ފުރަމުން ދިޔައިރު އެއަށް ޖަވާބުދީ، ދެން ފެނިގެން ދިޔައީ މަބްރޫކުގެ ޓްވީޓެކެވެ. އޭނާ މިދުވަސްވަރު ބަލިކަން ހާމަކޮށް ކޮށްފައިވާ މި ޓުވީޓުގައި ވަނީ ބަލިވުމާއި ގުޅިގެން މިވަގުތު، އަރާމުކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާކަމަށެވެ. އަދި އަޑު ރަނގަޅުވުމުން ވީހާވެސް އަވަހަށް އަނެއްކާވެސް އެންމެންނާ ބައްދަލު ކުރައްވާނެކަމަށް ވަނީ ޓްވީޓުގައި ހާމަކުރައްވާފައެވެ.

އެހިސާބުން ކަންބޮޑުވެފައިވާ ރައްޔިތުންގެ ހިތައް ފިނިކަން ލިބި، ހެޔޮދުޢާގެ މެސެޖްތަކުން އަނެއްކާވެސް މިވަނީ ސޯޝަލް މީޑިޔާ ފުރާލާފައެވެ.

އުންމީދަކީ ވީހާވެސް އަވަހަށް މަބްރޫކު، ޕްރެސް ކޮންފަރެންސްތަކުން ފެނިގެން ދިޔުމެވެ.

ފޮޓޯ: ސޯޝަލް މީޑިއާ

ޅެންވެރިޔާ ވިދާޅުވި ފަދައިން މަބްރޫކު ދިވެހި ޤައުމަށް އެ ކުރައްވަމުންދާ ޚިދުމަތަކީ ފަޚުރެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެކެވެ. ހަމަ އެހެންމެ މަބްރޫކަކީ ސައްދާމުފަދަ މޮޅު ލީޑަރެއްގެ ގޮތުގައިި ފެނިގެންދާ މޮޅު ޝަޚްސިއްޔަތެކެވެ.

'' ރުޅިމަޑުކަމާ ކެތްތެރިކަމާ ހިތްހެޔޮކަމާ ހިނިތުންވުމުން،

މުޅިގައުމު އަދު ''ހަންމަތަވަނީ'' ތިޔަ ޙިކުމަތާއި ސިޔާސަތުން ''

މުޅި ގައުމު މިއަދު މަބްރޫކަށް ޝުކުރުވެރިވާ ހާލު އަވަސް ޝިފާއަަކަށް އެދި ދުއާކުރެއެވެ.