ނުރައްކާތެރި ބައްޔެއް ފެތުރިގެން މީގެ ކުރިން އެއްވެސް އިރެއްގައި މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިނުވާ މިންވަރަށް ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ވައިރަހަކީ އެކަކުގެ ގައިން އަނެކާގެ ގަޔަށް އެރުމަށް މަދު ވަގުތުކޮޅެއްވެސް ނުނަގާ ވައިރަހެއް ކަމުން މި ވައިރަސް ފެތުރުން ހުއްޓުވުމަށް ގައުމުތައް ލޮކްޑައުންކޮށް، އެއްގޮތަކަށްވެސް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މިއީ ބާރަށް މި ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ހާލަތެވެ.

ދިވެހިރާއްޖެގައި އަދިވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވީ ނަމަވެސް މިހާލަތުން މުޅި ގައުމުގެ ލޮކްޑައުން ހާލަތަކަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތަކަށް ދާންޖެހިދާނެ ކަމަށް ބަލައި ދިވެހި ސަރުކާރުންނާއި، އަމިއްލަ ފަރުދުންވެސް ގެންދަނީ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން މިފަދަ ހާލަތަކަށް ދާން ޖެހިދާނެ ކަމަށް ބަަލައި ވިޔަފާރިތައް އޮންލައިންކޮށް، ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ފާހަގަޮށްލެވެއެވެ. މިއީ މަލެ ސިޓީ ކައުންސިލްވެސް ހިއްސާ ވެގެން ކުރާ މަސައްކަތެކެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުުން ގެންދަނީ މާލެ ލޮކްޑައުންގެ ހާލަތަށް ދާންޖެހި، ނުވަތަ ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އިމާރާތެއް ލޮކްޑައުން ކޮށްފާނެ ހާލަތަކަށް ތައްޔާރުވަމުންނެވެ. އެފަދަ ހާލަތެއްގައިވެސް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

މުޅި މާލެ ލޮކްޑައުން ހާލަތަކަށް ގޮސްފިނަމަ ގޭގެއަށް ތަކެތި ފޮނުވައިދިނުމުގެ ޝައުގުވެރިކަން ހުރި ފިހާރަތަކުގެ މައުލުމާތު މާލެ ސިޓީ ކައުންސިލުން ވަނީ އެއްކޮށްފައެވެ. އެގޮތުން މާލޭގެ 334 ފިހާރައަކާއި، ވިލިމާލޭގެ 30 ފިހާރައަކުން މި މަސައްކަތް ކުރުމަށް ތައްޔާރަށްތިބި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެހެންނަމަވެސް މި މަސައްކަތް ކުރުމަށް މީގެ ކުރިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ ކޮންމެ ބްލޮކަކުން އެއް ފިހާރަ ހަމަޖެއްސުމަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދީފައިވެއެވެ. އެހެންނަމަވެސް މިހާރު މި އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ސިޓީ ކައުންސިލުން މިކަންކަން ކުރަން ރަވާފައިވާ ގޮތާ ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ ސިޓީ ކައުންސިލާއި، އެމްއެންޑީއެފް އަދި ޕޮލިހުން ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމައިލާންޖެހިދާނެ ހާލަތަކަށް ބަލައި، ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެއެއް ނުވަތަ އެޕަޓްމެންޓެއް ލޮކްޑައުންކުޜާ ހާލަތެއްގައި، އެގެއަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާ ކަން ފާހަގަކުރައްވައި ފަޒީން ވިދާޅުވީ މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އެގެތަކަށް ބޭނުންވާ އެހީތެރިކަން ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިޔަފާރިތައް މެދުވެރިކޮށް މިކަން ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަސް ފަޒީން ވިދާޅުވިއެވެ.

އޭރު ކައުންސިލުން ބެލީ ކޮންމެ ބްލޮކަކުން އެއް ފިހާރަ އެގޮތަށް އެއްޗެހި ފޮނުވައިދޭން ރަޖިސްޓްރީކުރަން. އޭރު ނިންމާފައި އޮތީ ކަމެއް ދިމާވެއްޖިއްޔާ އެ ބްލޮކަކުން އިތުރު ތަންތަން ބަލާފަ ހަމަޖައްސަން. އެކަމަކު މިހާރު އިތުރުންކުރަން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި އޮންނާނީ. ކުރިން ރަޖިސްޓްރީކޮށްފައި ހުންނާނީ ކައުންސިލްގެ ފަރާތުން ގޮއްސަ ސުވާލުކޮށްފަ އެކަމެއް ކޮށްދޭން ބޭނުމިއްޔާ އެފަރާތެއް ރަޖިސްޓްރީކޮށްފަ. އެކަމު މިހާރު ވެބްސައިޓްގައި އިންނަ ލިންކުން އަމިއްލަފުޅަށް ރަޖިސްޓްރީ ވެވޭނެ.
މުހައްމަދު ފަޒީން

މުޅި މާލެ ލޮކްޑައުންއަކަށް ދާން ޖެހިއްޖެ ހަލަތެއްގައި ސިޓީ ކައުންސިލާ ގުޅިގެން ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ރަޖިސްޓްރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން މާލޭގައި ފުޅާ ދައިރާއެއްގައި ވިޔަފާރިކުރާ އިހުސާން ފިހާރަ ފާހަގަކޮށްލެވެއެވެ.

ވީނިއުސްއާ ވާހަކަދައްކަވަމުން އިހުސާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ މުހައްމަދު އިހުސާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގެގެއަށް މުދާ ޑެލިވަރ ކޮށްދިނުމަށް ފަށާފައިވާއިރު މިހާތަނަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޑެލިވަރީ ކޮށްދޭ ކަމަށް އިހުސާން ވިދަޅުވިއެވެ.

އިހުސާން ވިދާޅުވީ ކަސްޓަމަރުން ބޭނުންވަ އެއްޗެއް އޯދަރުކުރުމަށް 7291003 މި ނަމްބަރަށް ބޭނުންވާ ތަކެތީގެ ލިސްޓު ފޯން ނަމްބަރަ އެޑްރެހާ އެކު ފޮނުވުމުން، ފިހާރައިން އެ އޯޑަރު ނަގާނެ ކަމަށެވެ. އަދި އޯޑަރުކުރި ތަކެތި ގެއާ ހަމައަށް ފޮނުވުމަށް އެންމެ ގިނަވެގެން ނަގާނީ 40 ވަރަކަށް މިނެޓް ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކަސްޓަމަރުންނަށް ގަންނަ ތަކެއްޗަށް އޮންލައިންކޮށް ރުފިޔާ ދެއްކުމުގެ އިންތިޒާމުވެސް މިހާރު އެ ފިހާރައިން ހަމަޖައްސާފައިވާ ކަމަށާއި މިވަގުތު ޑެލިވަރީ ކޮށްދެނީ ހަމައެކަނި މާލެއަށް ކަަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި މާލެ ސަރަހައްދަށް ކުރިމަތިލާންޖެހިދާނެ ހާލަތަކަށް ބަލައި، ގިނަ ވިޔަފާރިތަކަކުން ދަނީ މިކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންވެސް ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޮންލައިންކޮށް ތަކެތި ގަނެވޭނެ އިންތިޒަމު ހަމަޖައްސާފައެވެ.

"އީ-ސްޓޯރ" ގެ ނަމުގައި ވެބްލައިޓެއް ގާއިމްކޮށް، އީ-ސްޓޯރ މެދުވެރިކޯސް ތަކެތި ގަންނަ މީހުންނާ ހަމައަށް ތަކެތި ޑެލިވަރ ކޮށްދިނުމުގެ މަސައްކަތްވެސް އެސްޓީއޯއިން ވަނީ ފަށާފައެވެ.

މިފަދަ އެތައް ހިދުމަތްތަކެއް ސަރުކާރާއި، އާންމު ފަރާތްތަކުން ފަހިކޮށްދެމުންދާއިރު، މިއީ ސިއްހީ މާހިރުން ދެމުންދާ ލަފަޔަށް ތަބާވެ، ތޮއްޖެހުން ކުޑަކޮށް ހިދުމަތްތައް ހޯދަންވީ ވަގުތުތަކަށް މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.