ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ ދިވެއްސެއްގެ ގާތުގައިވެސް އެމީހުންނަށް އެންމެ އުފާވެރި ނުވަތަ ހަނދާން ނައްތާނުލެވޭނެ ފުޓުބޯޅައިގެ ހަނދާނަކީ ކޮބައިތޯ އަހައިފި ނަމަ ހަމަ ގައިމުވެސް ބުނާނީ އެއީ 2008 ވަނަ އަހަރު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ގެނެސްދިން އުފާވެރި ކަމުގެ ވާހަކަ ކަމުގައި ނޫނީ ނުވާނެއެވެ. ފުޓުބޯޅައިން ރަން މެޑައްޔެއް ހޯދުމަށްޓަކާ 17 އަހަރުވަންދެން ދިވެހި ސަޕޯޓަރުން ދެކެމުން އައި ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުނު ދުވަހުގެ ވާހަކަ ކަމުގައި ނޫނީ ނުވާނެއެވެ.

ދަށްކަން މިއުޅެނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުމަށް ރާއްޖެ ތައްޔާރުވެ މުޅި ގައުމު ހަލަބޮލިވެފައިވާ ވަގުތެއްގައި މުޅި ގައުމު އެއްބައިވަންތަކޮށް އެކުވެރިކުރުވި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ހޯދި ވާހަކައެވެ. އާބާދީ ކުޑަ ވަސީލަތްތައް މަދު ކުޑަކުޑަ ރާއްޖެއިން ސަރަހައްދުގެ ބޮޑެތި ބާރުތައް ބަލިކޮށް ރާއްޖެއަށް ފަހުރުވެރި ތާރީހީ ދުވަހެއް ގެނެސްދިން ވާހަކައެވެ.

ދެ ގުރޫޕަކަށް ބަހާލާ ރާއްޖެ އަދި ލަންކާގައި ބޭއްވުނު މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕުގައި ދެން އޮތީ ނޭޕާލް، ޕާކިސްތާން އަދި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއެވެ. މި ގްރޫޕުގެ މެޗުތައް ކުޅުނީ ރާއްޖޭގައި މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 ގެ ނަތީޖާ އަކުން މޮޅުވިއިރު ދެވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި ދެމެޗުން މޮޅުވުމާއެކު ސެމީ ފައިނަލްގެ ޖާގައެއް ރާއްޖެއިން ކަށަވަރު ކުރިނަމަވެސް ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ވާދަ ކުރަން ޖެހޭ މެޗެއް އޮތެވެ. ފުރަތަމަ ދެމެޗެކޭ އެއްފަދައިން އެތައް ހާސް ދިވެހި ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި އިންޑިއާ އާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ. މީ މުބާރާރުގައި ރާއްޖެ ބަލިވި ހަމަ އެކަނި މެޗެވެ.

ނަމަވެސް އުންމީދު ކަނޑާ ނުލާ ސެމީ ފައިނަލްގައި ލަންކާގެ ސުގަތަޑަސަ ސްޓޭޑިއަމްގައި ލަންކާއާއި ދެކޮޅަށް ކުޅެ އިބްރާހިމް ފަޒީލް ފޮނުވާލި ހިއްގައިމު ގޯލަކުން 1-0ން ލަންކާ ބަލިކޮށް ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ.

ފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހުނީ 2008 ވަނަ އަހަރާ ހަމައަށް 4 ފަހަރަކު މުބާރާތް ކާމިޔާބުކޮށްފައިވާ އަދި ދިވެހި ފަސްގަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ޓީމް ބަލިކުރި އިންޑިއާ އާއެވެ. ހަމަ ގައިމުވެސް އެއީ ވިބަލި ހަނދާން ނައްތާލާ އިންޑިއާއަށް ރައްދުދޭން ރާއްޖެއަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.

ފައިނަލް މެޗުގެ ފަހު ވަގުތުކޮޅާ ޖެހެންދެން ނޭވާ ހިފަހައްޓާލައިގެން ތިބި ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަމެއް ލިބި މުޅި ރާއްޖޭގައި އަޑުފައްގަނޑު ގަދަވެ މުޅި ރާއްޖެ އުފާވެރިކަމުގެ ކަރުނައިން ރޮމުން ދިޔައީ މެޗުގެ 87 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ނަގައިދިން ކޯނަރަކުން މުޙްތާރު ނަސީރު (ޓޫ ކިލޯ) ދުރު ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށްވަދެ ދިވެހިން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ކަމުގެ އުންމީދު ލިބުމުންނެވެ.

ގޯލާއެކު ކޮމެންޓޭޓަރުން ކޮމެންޓްރީގައި ހުރި ގައުމީ ޖޯޝާއި އަސަރުން، ޓީވީއިން މެޗު ބަލަމުންދިޔަ ކޮންމެ މީހެއްގެ ގައިންވެސް ހީބިހި ނަގައިގެންދާނެކަން ހަމަ ކަށަވަރެވެ. ގޯލާއެކު ޓީވީ ސްކްރީނުން ދިވެހި ޓީމުގެ ކުޅުންތެރިން، އޮފިޝަލުން، ސަޕޯޓަރުން އަދި އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފާފާޅުކުރަމުން ދިޔަ މަންޒަރު މިއަދު ބަލާލިކަމުގައި ވީނަމަވެސް ހަމަ އެ ޖޯޝާފޯރި އިހުސާސް ކޮށްލެވޭނެއެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް އިންޑިއާ ބަލިކޮށް، ރާއްޖެއިން ތަށި ނެގިއިރުވެސް އޭރު އެކުރެވުނު ފުރަތަމަ ތަށީގެ އިހުސާސެއް ހަގީގަތުގައި ނެތެވެ. ފުރަތަމަ ތަށްޓާއެކު ކުރެވުނު އިހުސާސް މާ ބޮޑަށްވެސް ތަފާތެވެ.

ރެފްރީގެ ފަހު ކަށިގަނޑާއެކު ދަނޑުގަ މެޗު ބަލަންތިބި ސަޕޯޓަރުންނަށްވުރެ ރާއްޖޭގެ މަގުތަކުގައި އާއި ގޭގޭ ތަކުގެ ތެރޭގައި ފޯރި ނަގަމުން ދިޔަ ދިވެހީންގެ ފޯރި މާ ބޮޑޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ޕިކަޕް ޑްރައިވަރުން ހިލޭ މާލޭގައި ޕިކަޕް ބުރުތައް ޖަހަމުން ގެންދިޔައިރު ގައުމީ ކުލަތަކުގެ ޓީޝާޓް، ބޭންޑް އަދި އެ ކުލަތަކުން ކުލަ ގައިގެ އެކި ތަންތަނުގައި އުނގުޅައިގެން ދިވެހިން ނިކުތީ ސިޔާސީ ބައިބައިވުން މަތިން ހަނދާން ނައްތާލާ ގައުމީ ޖޯޝާ ފޯރީގައެވެ. އެރޭ ވާރޭ ވެހެމުން ދިޔައިރުވެސް ކުދި ބޮޑު އެންމެން މަގުތައް މަތީ އުފާ ފާޅުކުރަމުން ދިޔައިރު ސިފަވީ ހަނގުރާމަ އަކުން ނަސްރެެއް ލިބިގެން އުޅޭ ބައެއްގެ ގޮތުގައެވެ. ތަށްޓާއެކު ޓީމް އެނބުރި އައި އިރުވެސް ފެނިގެން ދިޔައީ ހަމަ މި މަންޒަރެވެ.

ހަމަ ގައިމުވެސް ފުޓުބޯޅައަކީ ހުރިހައި ބައިބައިވުން ތަކަކުން ދިވެހިން އެއްކިބާވެ ގައުމީ ޖޯޝުގައި ގައުމީ ރޫހުގައި ގައުމަށް ކުރިހޯދަ ދިނުމުގެ އަޒުމުގައި ހުރިހާ ދިވެހިން އަތުގުޅާލައިގެން ނުކުންނަ ގަދަ ބާރެކެވެ. އަޅުގަނޑުމެންގެ އުންމީދަކީ ދިވެހި ފުޓުބޯޅައަށް އަދަށްވުރެ ފާގަތި މާދަމައެއް މިންވަރު ކޮށްދެއްވުމެވެ.