ކޮވިޑް-19 ގެ ހާލަތާއެކު ރާއްޖޭގެ ރިސޯޓްތަކުގައި މަސް ކައްކަންޖެހޭ ހިސާބަށް ހިނގައްޖެކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކުގެ ބަދިގޭގައި މަސްކެއްކުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ތާއީދުކުރައްވާ ކަމަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ނުވަތަ ރާއްޖޭގެ ޓޫރިޒަމް ހަލާކުވެގެން ދިޔައީކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން ރިސޯޓްތައް މަސް ކައްކަންޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށާއި މަސް ކައްކަން ބޭނުންނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތައްވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ ބަދިގެތައް މަސްކައްކާ ތަންތަނަށް ބަދަލުކުރަން މެމްބަރުން ހިޔާލުދެއްވަނީ މިހާލަތު ދިގުލައިގެން ހިނގައްޖެނަމަ އެކަހަލަ ކަމެއް ކުރެވިދާނެ ކަމަށް ވިސްނައިގެން ކަމަށް ވެދާނެކަން ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިސޯޓުތަކުގައި މަސް ކައްކަންޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.
ކުރިއަށް އޮތް 2 މަހެއް ނުވަތަ 6 މަހެއްގައި ކަންތައްތައް ކުރިއަށްދާ ގޮތް ބަލަން އަދި ޖެހޭ ކަމަށާއި ޓޫރިޒަމް ކުރިއަށް ނުދާކަމަށް ގަބޫލު ކުރެވޭ ހިސާބުން އެކަމަކީ ކުރަން ވިސްނަން ރަނގަޅު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒުގެ ވިސްނުންފުޅާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ވިސްނުން ރިސޯޓުތަކުގެ ބަދިގޭގައި މަސް ކެއްކުމާއި ދޭތެރޭ އޮތީ ވަރަށް ތަފާތުކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓުތަކުގެ ބަދިގެއަކީ މަސް ކައްކަން ބެލިކަމުގައި ވީނަމަވެސް އަދި އެހެން ޕްރޮޑަކްޝަނަކަށް ދިޔަކަމުގައިވިޔަސް އެ ރިސޯޓެއްގެ އޯނަރަކު ހުށަހަޅައިފިނަމަ މަޖިލީހުގެ ބައެއް މެމްބަރުން ދެކޭގަޮތުގައި އެއީ ވެދާނެ ކަމެއް ކަމަށެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ގޮސް ކާނެ އަދި ބޯނެ އެއްޗެއް ނެތިއްޖެ ހާލަތަކަށް ރާއްޖެ ހިނގައްނަމަވެސް ދައުލަތުން ރައްޔިތުންނަސް ކާންބޯން ދޭނެ ގޮތްގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.