ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑް-19 ގެ ސަބަބުން މިވަނީ ވަރަަށް ބޮޑު އަޑިގަނޑަކާ ކުރިމަތިލާންޖެހިފައެވެ. ރިސޯޓުތައް އެއްކޮށް ހުއްޓި ވިޔަފާރިތައް ދަނީ އިނދަޖެހެމުންނެވެ. ގިނަ މަސައްކަތްތެރިންގެ މުސާރަ ކުޑަކުރުމާއި، ވަޒީފާ ގެއްލުންފަދަ ކަންކަމަކީ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ރާއްޖެއިންވެސް ފެންނަމުންދާ މަންޒަރުތަކެކެވެ.

ކަން މިހެން އޮތުމާއެކު ކުންފުނިތަކާއި، ރައްޔިތުން އިނދަޖެހުމުން ސަލާމަތްކޮށްދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ކޮވިޑް-19 ގެ ނެދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަންފެށި ހިސާބުން ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓިމިއުލަސް ޕެކޭޖެއްގެ ދަށުން ކުންފުނިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމިއެެވެ.

އެހެންނަމަވެސް މިހާރު ސްޓިއމިއުލަސް ޕެކޭޖުގެ ބަދަލުގައި ރިލީފް ޕެކޭޖެއްގެ ވާހަކަ ދައްކާއަޑު ދަނީ އިވެމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ސަރުކަރުން ވަނީ ރިލީފް ޕެކޭޖުގައި ހިމެނޭ ކަންކަމާއި، މި ޕެކޭޖުގެ ތަފްސީލުތައް އާންމުކޮށްފައެވެ. މި ޕެކޭޖުގައި ވިޔަފާރިތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމަށް ހިމަނާފައިވެއެވެ. ރިސޯޓުތަކަށާއި، އަމިއްލަ ވިޔަފާރިތަކަށް ލުއި ގޮތްތައް ހޯދައިދިނުން މި ޕެކޭޖުގައި ވަނީ ހިމަނާފައެވެ. މިކަންކަމަކީ ސްޓިމިއުލަސް ޕެކޭޖުގައިވެސް ހިމަނަން ސަރުކާރުން ނިންމި ކަންކަމެވެ.

ވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސްޓިމިއުލަސް ޕެކޭޖެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ވިޔަފާރިތަކަށް ލިބޭ ގެއްލުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތައް ދިމާވާ ވިޔަފާރިތަަކަށް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން މާލީ އެހީތެރިކަން ފޮރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ސްޓިމިއުލަސް ޕެކޭޖެއް ސަރުކާރުން ތައްޔާރުކޮށްފައި، ބޭންކްތައް މެދުވެރިކޮށް، ރިޒޯޓުތަކަށާއި ވިޔަފާރިތަކަށް ދޫކުރުމުގެ ވިސްނުމަކީ އެއީ އިނގޭތޯ. އެނގިވަޑައިގަންނަވާނެ، ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން މި އަންނަނީ. އެހެންވީމާ، މީގައި އަޅުގަނޑުމެންނަށް ޙައްލެއް ހޯދައިދެވޭނީ، އެންމެން އެކީގައި މަސައްކަތްކޮށްގެން. އަޅުގަނޑުމެން މި ސްޓިމިއުލަސް ޕެކޭޖްގެ ތެރެއިން މި ދޫކުރާ ލޯނު އެހީ، ލުއިގޮތެއްގައި މި ދޫކުރަނީ ވީވަރަކުން ހަމަ ވިޔަފާރިވެރިންގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކިނުކުރުމަށް. އަދި ދޭންޖެހޭ މުސާރަ، ހަމަ މަހުން މަހަށް ލިބޭގޮތަށް ހެދުން. އަޅުގަނޑުމެން ލޯނު ދޫކުރާއިރުގައި އެކަމަށް އިސްކަންވެސް ދޭނަން.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ލޮޅުމުން އަރއިގަތުމަށް ސްޓިމިއުލަސް ޕެކޭޖުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި ވަޒީފާ ގެއްލޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕެކޭޖުގެ ދަށުން ކުރިއަށްގެންދާނެ ކަމަށް އަމީރު ވިދަޅުވިއެވެ.

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ކުރަން ނިންމާފައިވާ އެތައްކަމެއް ރިލީފް ޕެކޭޖުގައިވެސް ހިމަނާފައިވުމާއެކު، ސްޓިމިއުސލް ޕެކޭޖެއްގެ އިންތިޒާރުގައި ތިބި ގިނަ އާންމު ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑަށް އޮޅުން އަރާފައެވެ.

މިކަން މިހެން އޮއްވައި ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހުގެެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ސްޓިމިއުލަސް ޕެކޭޖުގެ ބަދަލުގައި ރިލީފް ޕެކޭޖާ ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރް ވިދާޅުވީ ސަރުކާރުން އިއުލާންކުރީ އިކޮނޮމިކް ރިލީފު ފަންޑެއް ކަމަށާއި އެއީ ކުރިއަށް އޮތް ތިންމަސް ދުވަހު ކޮންމެވެސް ހަރުފަތެއްގައި ދިރިހުރުމަށް ސަރުކާރުންދޭ އެހީތެރިކަމެއް ކަމަށެވެ. އަދި ސްޓިމިއުލަސް ޕެކޭޖެއް ދޭން ފަންޑު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފުރަތަމައިނުން އަޅުގަނޑުމެން ރިލީފް ޕެކޭޖް އިއުލާންކުރި އިރު ކޮންމެވެސް ވަރަކަށް ސްޓިމިއުލަސް ޕެކޭޖޭ ކިޔުނު އެކި އެކި ގޮތްގޮތުން. އެއީ ހަގީގަތުގައި އިމީޑިއޭޓް އެހީތެރިކަމަކަށް އަޅުގަނޑުމެން މަަސައްކަތްކުރީ. މި ތިން މަހުގެ ތެރޭގައި ނެވާލެވޭވަރު ކޮށްދިނުމަށް މި ޕެކޭޖު އިންޓްރޮޑިއުސްކުރީ. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގެ. އުންމިދުކުރަނީ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި މިކަން ހަމައަކަށް އެޅުމަށް.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ފައްޔާޒް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސްޓިމިއުލަސް ޕެކޭޖުގެ ނަމުގައި ސަރުކާރުން އެ ޕެކޭޖު ތައާރަފުކުރިނަމަވެސް ޕެކޭޖުގެ މަޝްވަރާތައް ދިޔަ ދުވަސްވަރާއި މިހާރުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ރިލީފް ފަންޑަކީ ހަމައެކަނި މިވަގުތަށް ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް އެކުލަވާލާފައިވާ ފަންޑެއް ކަމާއި، ސްޓިމިއުލަސް ޕެކޭޖަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސްޓިމިއުލަސް ޕެކޭޖުގެ އުންމީދު ގެއްލުވާނުލުމަށް ސަރުކާރުން އެދެއެވެ.