• ބާރާއި ނުފޫޒު ބޭނުން ކޮށްގެން ޓިކެޓު ހޯދުމަކީ ހަޑިމުޑުދާރު އަމަލެއް: މަބްރޫކް
  • އެފަދަކަމެއް ހިނގާކަން އެނގޭ ހާލަތުގައި ވިސްލްބްލޯ ކުރައްވާ
  • މައްސަލަތައް ބެލޭނެ ޓްރިގަރ ޕޮއިންޓްތައް އެބަހުރި
  • މިފަދަ ތަހުގީގުތައް ޓްރިގަރ ކުރެއްވޭނީ ތިބޭފުޅުންނަށް

ގައުމަށް ކުރިމަތިވެފައިވާ ޚައްސާސް ދަނޑިވަޅުގައި ލިބިފައިވާ ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރާކަން އެނގޭނަމަ އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ހުށައެޅުމަކީ ސަރުކާރުން މަރުހަބާ ކިޔާނެ ކަމެއްކަމަށް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ސަރުކާރުގެ މަތީ މަގާމެއް ނުވަތަ އަމިއްލަ ވިޔަފާރިއެއްގެ ސަބަބުން ލިބިފައިވާ ބާރާއި ނުފޫޒު ބޭނުންކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

އަދި އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައި އޮތް މިންވަރަކުން ކަމާބެހޭ އިދާރާތަކަށް ހުށައެޅުއްވުމަކީ ސަރުކާރުން މަރުހަބާ ކިޔާނެ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލައިޓުތައް މެދުވެރިކޮށް ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއް ބޭފުޅުން އެބޭފުޅުންނަށް ނުވަތަ އެބޭފުޅުންގެ އާއިލާ މެމްބަރުންނަށް ޓިކެޓު ހޯއްދަވައިދެއްވައި ދަތުރުތައް ކުރުވާފައިވާ ކަމުގެ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.

އެފަދަ ބޭފުޅުންގެ ނަންތައް ކަމަށް ބުނާ ލިސްޓެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ތަކުރާރަުކޮށް މިކަމާއި ގުޅިގެން ނޫސްވެރިން އަންނަނީ ސުވާލު ކުރަމުންނެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ރެސްކިއު ފްލައިޓުތަކުގައި އެފަދަ ބޭފުޅެއް ނެތްކަމަށް ނުދަންނަވާނެ ކަމަށާއި އިއްތިފާގުން ފްލައިޓުން ޖާގަ ލިބުމަކީވެސް ވެދާނެ ކަމެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިކަމާއި ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލު އޮތީ ކަނޑައެޅި ކިޔައިދީފައި ކަމަށާއި ސަރުކާރުގެ އެދުމަކީ އެއުސޫލުތަކަށް އަމަލުކުރެއްވުން ކަމަށެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ވަރަށް ބައިވަރު ޝަކުވާތަކާއި ސުވާލުތައް އަންނަ ކަމަށާއި އެހެންނަމަވެސް ސޯޝަލް މީޑިޔާގައި އާންމުކުރާ މިފަދަ ކަންކަން ބެލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި އަމުދުން މިކަހަލަ ޚައްސާސް ދަނޑިވަޅެއްގައި ސަރުކާރުން ވިޔަސް އަމިއްލަ ވިޔަފާރީގެވިޔަސް ބާރާއި ނުފޫޒު ބޭނުން ކޮށްގެން ޓިކެޓު ހޯދުމަކީ ހަޑިމުޑުދާރު އަމަލެއް! އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން. އެނގިވަޑައިގަންނަވާ މިންވަރަކުން މިމައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައެޅުން އަޅުގަނޑުމެން އެދެނީ. އެފަދަ މައްސަލަތައް ހުށައެޅުމަކީ ސަރުކާރުން މަރުހަބާ ކިޔާނެކަމެއް"
މަބްރޫކް

ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ޓިކެޓު ލިބުމަކީ ސަރުކާރުންވެސް ބޭނުންވާނެ ގޮތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ބެލުމާއި މިފަދަ މައްސަލަތަކަށް ފިޔަވަޅު އެޅުމަކީ ސަރުކާރުންވެސް ބޭނުންވާނެ ގޮތްކަމަށް ވިދާޅުވިއެވެ.

އެގޮތުން ވިސްލްބްލޯވަރ ޕޯޓަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިފަދަ މައްސަލަތައް ހުށައެޅުއްވުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

"މިސާލަކަށް ތިމާއަކީ މޯލްޑިވިއަންގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވަންޏާ، އެފަދަ ކަމެއް ހިނގާކަން އެނގޭ ހާލަތުގައި ވިސްލްބްލޯ ކުރައްވާށޭ! ހަމަ ޔަގީނުންވެސް އެމައްސަލަތައް ބެލޭނެ ގޮތްތައް އެބަހުރި. މިބުނާ މެކޭނިޒަމްތައް މެދުވެރިކޮށް، މިފަދަ މައްސަލަތައް ބެލޭނެ ޓްރިގަރ ޕޮއިންޓްތައް އެބަހުއްޓޭ. މިފަދަ ތަހުގީގުތައް ޓްރިގަރ ކުރެއްވޭނީ ތިބޭފުޅުންނަށް!"
މަބްރޫކް

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކުގައި މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ޓިކެޓު ހޯދަމުންދާ ކަމުގެ ޝަކުވާތައް ފެންމަތިވަމުން އަންނައިރު މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމްއަށް އެޓޭކްތަކެއް ދީފައިވާކަންވެސް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރަށް ސަރުކާރުން ނުވަތަ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުވެސް އަންނަނީ ކުރެވެމުންނެވެ.

ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.