ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތާ މެދު އާންމު ރައްޔިތުން ފަރުވާތެރިވެ، ކޮރަޕްޝަނުގެ އަމަލުތަކާ މެދު ޝައްކުވާ ހާލަތުގައި ލިބެން ހުންނަ އެންމެ ގިނަ ހެކި ގަރީނާއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)އަށް ހުށަހަޅަމުން ގެންދިޔުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އޭސީސީން މިހެން ބުނެފައިމިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކޮރަޕްޝަންގެ ކަންބޮޑުވުންތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް ޖެހިލުމެއް ނެތި އަދާކުރާނެ ކަން ފާހަގަކޮށް އޭސީސީން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 އާއި ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުންދާ ކަމަށެވެ.

އަދި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތްތަކާއި މެދު އިރުޝާދު ދިނުމަށް ބޭނުންވާ މައުލޫމާތު ކޮމިޝަނުން ދިރާސާކުރަމުންދާ ކަމަށް އޭސީސީން ބުނެއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އިސް ނަގައިގެން އެކަންކަން ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހައްސާސީ ދަނޑިވަޅުގައި ވެސް ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި މި ހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގަ އާއި ނިންމުންތައް ނިންމުމުގައި އެ އުސޫލަށް ތަބާވުމަށް ވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިވަގުތުގައި ދައުލަތުން ކުރާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެން."
އޭސީސީ

އަދި ގާނޫނު އަސާސީން މި ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއް ނެތި އަދާކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.