މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއެކު ރާއްޖެއިންވެސް ވަނީ މިބަލި އިތުރަށް ފެތުރުނަ ނުދިނުމައްޓަކައި ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް އެކުލަވާލެއްވީ މާޗުމަހުގެ 3 ވަނަ ދުވަހުގައެވެ. މިސެންޓަރުގެ މަގްސަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން ގައުމީ ފެންވަރުގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރުމެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދުރާލާ ރާވައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމާގުޅޭ މުއައްސަސާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ސައްހަ މަޢުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެންހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށް އެޗްޕީއޭއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަންނަނީ އިލްތިމާސް ކުރަމުންނެވެ. ދަރުބާރުގޭގައި ގާއިމްކުރި މި ސެންޓަރުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން އަންނަނީ އެކި ފެންވަރުގައި ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް ދިމާވާ އެކިއެކި ބޮޑެތި ހާދިސާތަކުގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަކީ ފާހަގަކުރެވޭ މުއައްސަސާއެކެވެ. ކޮވިޑް-19 ގައިވެސް އެންޑީއެމްއޭގެ ދައުރު ފެނިގެންދަނީ ވަރަށް ފުޅާކޮށެވެ.

ކަންކަން ހަރުދަނާކޮށް ޒިންމާ އަދާކުރުމުގައި ފަހަތަށްނުޖެހި މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ވީނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު ބަޔާން ކޮށްދޭން ގާއިމްކޮށްފައިވާ ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި އެންޑީއެމްއޭ އިން ޚާއްސަ އިސްކަމެއްދީގެންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެންޑީއެމްއޭއިން ލީޑް ނަގައިގެން ކުރާ އެންމެ ބޮޑު 2 މަސައްކަތަކީ އެންއޯއީސީގެ ހުރިހާ މަސައްކަތްތަކެއް އިންތިޒާމް ކުރުމުގެ އިތުރުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިހުރި 14 ކަރަންޓީނު ފެސިލިޓީގައި ތިބި އެއް ހާހަށްވުރެ ގިނަ މީހުންގެ ކެއިން ބުއިމާއި އެހެނިހެން ކަންކަން ކުރުން"
އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން

މި މަސައްކަތުގައި އެންޑީއެމްއޭ އާއެކު އެންއީއޯސީގެ އިތުރަށް ފެސިލިޓީތަކުގައި ސަޕޯޓު ޓީމްތަކާއެކު 517 މީހަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ސޮފީނާޒް ވިދާޅުވީ، ހިލޭ ސާބަހަށް ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރެޕިޑް ރެސްޕޮންސް ޓީމުގެ ގޮތުގައި ރަށްރަށަށް ސާމްޕަލް ނަގަން ދިޔުމުގެ އިތުރަށް އެހެނިހެން ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި 70 އަށް ވުރެ ގިނަމީހުން މަސައްކަތް ކުރަމުންދާ ކަމަށް ވިދޅުވިއެވެ.

"ވަރަށް ގިނަ ބައެއްގެ ސަޕޯޓު ލިބިގެން އަދި ދައުލަތުގެވެސް ވަރަށް ގިނަ މުއައްސަސާތަކެއް މީގަ ބައިވެރިވެގެން އެންޑީއެމްއޭ އަދި އެޗްޕީއޭ ލީޑްގައި އޮވެގެން ކުރާ މަސައްކަތްތައް ކުރިއަށް މިގެންދެވެނީ. އެގޮތުން އަޅުގަނޑުމެންނާއެކު ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި ޖަމިއްޔާތަކާއެކު ޖުމްލަ 46 ފަރާތެއް މި އޮޕަރޭޝަންގައި އެބަ ބައިވެރިވޭ."
އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން

ހެނދުނު 9 އިން ފެށިގެން 24 ގަޑިއިރުގެ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ ސޮފީނާޒް ވިދާޅުވީ، ފޯކަސް ހަމައެކަނި ގެންގުޅުއްވަނީ މާލެއަށް އެކަނި ނޫން ކަމަށެވެ. މުޅި ރާއްޖެވެސް މިކަމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އެއްވެސް ރަށަކުން ބައްޔަށް ޝައްކުކުރެވޭ މީހެއް ފެނިއްޖެނަމަ އެރަށަކަށް މީހުން ފޮނުވުމުގެ ބުރަ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ މީހުން މީގެތެރޭގައި މަސައްކަތް ކުރަމުންދާ ކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

މިފަދަ ބޮޑު އޮޕަރޭޝަނެއްގައި ވަރަށްގިނަ ގޮންޖެހުންތަކާއި ކުރިލާންޖެހޭކަން ފާހަގަކުރައްވާ ސޮފީނާޒް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ މިފަދަ އޮޕަރޭޝަނެއްގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަސްލު މި ހިންގާ އޮޕަރޭޝަންތަކުގައި މާލީގޮތުންވެސް ވަރަށް ބޮޑު ޚަރަދެއް ކުރޭ. ކަނޑުމަގުން މީހުން ގެނައުމުގެ މަސައްކަތްކުރާ އިރުގައިވެސް ސޯޝަލް ޑިސްޓެންސް ދަމަހައްޓަންޖެހޭ. އެހެންކަމުން 50 މީހުންގެ ޖާގައިގެ ލޯންޗަކަށްވެސް އަޅުގަނޑުމެންނަށް އެރުވޭނީ 25 ވަރަކަށް މީހުން. ހަމަ މިގޮތަށް ފްލައިޓްތަކުންވެސް މީހުން އުފުލުމުގައި ދަތިތަކެއް އެބަހުރި. އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ."
އެންޑީއެމްއޭގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން

މިމަސައްކަތުގައި ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް އަބަދުވެސް މަސައްކަތް ކުރަނީ ކުރާ ކޮންމެ ކަމެއްވެސް އޭގެ މަގްސަދު ހާސިލްވާ ގޮތަށް ކުރައްވަން ކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

ރާއްޖޭ މިހާރު އޮތް ހާލަތުން އިތުރު ހާލަތަކަށް ހިނގައްޖެނަމަ އެކަމަށްވެސް ތައްޔާރީތައް ވާންޖެހޭ ކަމަށާއި އަދި އިތުރަށް ރިސޯސަސް ބޭނުންވާނެ ކަމަށްވެސް ސޮފީނާޒްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އެންއީއޯސީން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް ސޮފީނާޒް ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް، ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް އެ ސެންޓަރުގެ ފަރާތުން ތައްޔާރުވެފައި ވާއިރު މިމަސައްކަތުގައި ދެން އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. ބަހައްޓަންޖެހޭ ގައިދުރުކަމާއި އަމިއްލަ ސާފުތާހިރުކަމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާއެކެވެ.