މިވަގުތަކީ އާއްމު ހާލަތެއް ނޫން ކަމަށާއި، ކޮވިޑް-19 އިން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ދެއްވަން ޖެހޭ އެހީތެރިކަން ދެއްވަންޖެހޭ ކަމަށާއި، އެ އެހީތެރިކަމަކީ ފާޑެއް ނުކިޔައި ތިބުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތުގައި މަޖިލީހުގެ މަސައްކަތްތައް އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުގެ ތެރެއިން، ކުރިއަށް ގެންދެވިދާނެ ގޮތަކީ ކޮބައިތޯ ބެލުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު މަޝްވަރާ ކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ މަޝްވަރާތައް އޮންލައިންކޮށް ކުރިއަށްގެންދަވަން ފެއްޓެވުމަށްފަހު އެކަން އެނޫންގޮތަކަށް ކުރިއަށްގެންދަން މަޝްވަރާތައް ފެށި އެންމެ ބޮޑު ސަބަބަކީ މިހާލަތު ދިގުދެމިގެން ހިނގައިދާނެ ކަމަށް ދިރާސާތަކުން ބުނެދީފައިވާތީ ކަމަށެވެ.

އެހެންކަމުން މަޖިލީހުން މަޝްވަރާ ކުރެއްވީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުގެތެރެއިން ގައިދުރުކަން ބަހައްޓައިގެން ކުރިއަށްގެންދެވިދާނެ ގޮތަކީ ކޮބައިތޯ ބެލުމަށެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، 200 ދުވަހު މަޖިލީހަށް ނުގޮސް ތިބުމަކީ އުނދަގޫގޮތެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށްދެއްވަންޖެހޭ އެހީތެރިކަން މިހާލަތުގައިވެސް ދެއްވަން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ފާޑެއް ނުބުނެ ތިބުން ނޫންކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށާއި، ބަނޑަށްޖެހުންފަދަ ބަސްތަކަކީ މިއަދުގެ ދުނިޔޭގައި ބޭނުންކުރަންވީ ބަސްތަކެއް ނޫންކަމަށެވެ. މިއަދުގެ ދުނިޔޭގައިވެސް ބަނޑުހައިހޫނުކަމުގައި އުޅޭ މީހުން އެބަތިބި ކަމަށާއި، ނަމަވެސް އިންސާނަކު ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ސަރުކާރުތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދިރިއުޅުމުގެ އާއްމު ހާލަތު ދަތިވާނެ ކަމަށާއި، އެގޮތުން ފަތުރުވެރިން އަންނަން ދުވަސް ނަގާނެކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ވިދާޅުވީ، ފަތުރުވެރިން ރަނގަޅަށް ހިނގައިގަންނާނީ އަންނަ ޖެނުއަރީގައި ކަމަށް ބެލެވޭއިރު، ފަތުރުވެރިކަން ދަށްވުމުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވާނެ ކަމަށެވެ. އަދި އެކަން ފޫބެއްދުމަށް ދައުލަތުން ދަރަންޏާއި ހިލޭ އެހީ ހޯދަންޖެހޭ މިންވަރުވެސް ބޮޑުވާނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހޯދައިގެން އާމްދަނީ ހޯދޭނެ ގޮތްތައްވެސް ހޯދަންޖެހޭ ކަމަށާއި، އެކަމުގައި މަޖިލީހުގެ މެންބަރުންވެސް ލަފަޔާއި މަޝްވަރާވެސް މުހިންމު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ސަރުކާރަށް ތަކެތީގެ ގޮތުންނާއި އިންސާނީ ވަސީލަތްވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ތައްޔާރީތައް ވުމަށް ބޭނުންވާ އެންމެބޮޑު އެއް ވަސީލަތަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މިހާލަތުގައި ވަމުންދާ ތައްޔާރީގެ މިންވަރާއި، ވަމުންދާގޮތް ބެލުމަކީ މަޖިލީހުގެ މެންބަރުން ޤާނުނީ މަސްއޫލިއްޔަތެއް ކަމަށެވެ. ގައިދުރުވެގެން އުޅެންޖެހޭ މުއްދަތު ވަރަށް ސާފުކަމާއި، ކަމުގެ މާހިރުންގެ ފަރާތުން އެކަންކަން ސާފުވެފައިވާ ކަމަށާއި، ގައިދުރުވެގެން ތިބެންޖެހޭ މުއްދަތުގައި ދައުލަތުގެ ކަންކަން ހިނގަންޖެހޭ ކަމަށާއި، އެކަންކަން ތައްޔާރުވެވޭނީ މަޖިލިސްވެސް ހިނގައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި ބައިވެރިވަޑައިގެންނެވި ބައެއް މެމްބަރުންވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ގައިދުރުކަން ބާއްވައިގެން ޖަލްސާތައް ބޭއްވިދާނެ ކަމަށެވެ. އަދި ބައެއް މެންބަރުންވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރުވެސް ބަންދުކޮށްފައިވާއިރު، މަޖިލިސް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

ނަމަވެސް މި މަޝްވަރާގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ، މިހާލަތަކީ އެޗްޕީއޭގެ ލަފާ ހޯދައިގެންނަމަވެސް، މަޖިލިސް ކުރިއަށްގެންދަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެކަން އެ މިންގަނޑަށް ކުރެވޭނެ މަގުފަހިކުރެވެން އެބަހުރިކަންވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރަށް ބައެއް މެންބަރުން ވަނީ، ރައްޔިތުންނަށް ވާނުވާ ނޭނގި ތިބުމުގެ ބަދަލުގައި ސާފު މެސެޖް ރައްޔިތުންނަށް ލިބިފައިއޮތުން މުހިންމު ކަމަށެވެ. އަދި މަޖިލީހަށްވެސް އެކަމުގެ ސާފު މައުލޫމާތު ލިބުނު ވަރަކަށް ރައްޔިތުންގެ ސުވާލުތަކަށްވެސް ޖަވާބު ލިބުން ފަސޭހަވެގެންދާނެކަން ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.

އެހެންކަމުން މިވަގުތު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދިއުމުގެ ބަދަލުގައި، ގައިދުރުކަން ބާއްވައިގެން މެންބަރުންނަށް މެންބަރުންގެ މަސްއޫލިއްޔަތު އަދާކޮށް، މިހާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވެ އަދި ޒިންމާދާރު ކުރުވުމަށް މަގު ފަހިވެގެން ދިއުން މުހިންމު ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.