ދުނިޔޭގައި އަލަށް ފެތުރެން ފެށި ބައްޔަކާއެކު މުޅި ދުނިޔެއަށް ލޮޅުން އައެވެ. އާންމުކޮށް އެތައް ލައްކައިން ފަތުރުވެރިން އަންނަ ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް ނާދެއެވެ. ހުރިހާ ގައުމެއްހެން އޮތީ ލޮންޑައުންގައެވެ. އަބަދާ އަބަދު އައިސް ގޮސްވާ މަތިންދާބޯޓުތައް ވަނީ އެއަރޕޯޓްގައި އެއްސަފަކަށް އަތުރާލާފައެވެ. ހޭލަމޭލަވާ އެއަރޕޯޓްވަނީ މުޅިން ނިދާފައެވެ. މެދުނުކެނޑި ދުއްވާއެއްޗެހީގެ އަޑުން ބޯ ހާސްކުރާ މާލެ އޮތީވެސް ލޮކްޑައުން ކޮށްފައެވެ. ގެއިން ބޭރަށް ނުކުތުންވެސް މަނަލެވެ. ގޭގައި ތިބެންޖެހޭ ވަގުތު ގިނަވުމާއި ގޭގައި އެކަނިވުން ފިޔަވާ މާ ބޮޑު ކަމެއް ރައްޔިތުންނަށް ނެތެވެ.

އަހަރެން އުޅޭ އޮފީސް ބަންދުކުރިޔަސް ފިރިމީހާގެ ވަޒީފާގެ ގޮތުން އޭނާ ވަޒީފާއަށް ދާންޖެހެއެވެ.

އަހަރެންގެ ފިރިމީހާއަކީ ހިތްހެޔޮ، އަޚްލާގު ރަަގަޅު، މީހުންނަށް އަޅާލާ މީހެކެވެ. އެހީތެރިވުމުގައި ލާމަސީލު މިސާލެކެވެ. އެކަމާ އަހަރެން އިންތިހާއަށް އުފާކުރަމެވެ. ހެޔޮކަންތައް ކުރުމަށް އަހަރެން އަބަދުވެސް ފިރިމީހާއަށް ހިތްވަރު ދެމެވެ.

ލޮކްޑައުންގައި އޮތަސް އަހަރެމެންގެ ގުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. ކުރިއަށްވުރެ ލޯބި އިތުރުވީހެންވެސް ހީވިއެވެ. އެކަކު އަނެކަކަށް ގިނަ ވަގުތު ދެވޭތީކަމަށްވެސް ވެދާނެއެވެ.

އުފާވެރިކަމާއި ފާގަތިކަމާއިއެކު ދުވަސްތައް ގުނަމުންދިޔައީމެވެ. ރާއްޖޭގެ މިހާލަތަށް ބަދަލު އަންނާނެ ޒަމާނެއްވެސް ނޭނގެއެވެ. އެތައް ބަޔަކު މާލެ ދޫކޮށް އެބައެއްގެ ރަށަށް ހިޖުރަކޮށްފިއެވެ. އަހަރެން މަޑުކޮށްލައިގެން އިނީ ފިރިމީހާގެ އެއްބާރުލުން ލިބޭތީއެވެ.

ގޭގައި ހުންނާތީ ކޮންމެ ދުވަހަކުވެސް އަހަރެން ކައްކަމެވެ. މީރުކޮށް ކެއްކުން އެއީ އަހަރެންގެ އާ ހޮބީއަކަށްވެއްޖެއެވެ. އެކި ދުވަހު އެކި އެއްޗެހި ތައްޔާރުކޮށް ފިރިމީހާއަށް ކާން އަންނަން ގުޅަމެވެ. ގުޅާ ކޮންމެ ފަހަރަކު ސަމާސާކޮށްލާ ގޮތަކުންވެސް އެއަށްވުރެ ލޯބި އިތުރުވާ ފަހަރު ގިނައޭވެސް ހިތައް އަރައެވެ.

ހަވީރު ގުޅާއިރު ފިރިމީހާ އާންމުކޮށް ބައިވެރިވާ މީޓީންގތައް ހުންނާތީ ގުޅޭނީ ވަރަށް މަދުންނެވެ. ގިނަފަހަރަށް ނުގުޅެއެވެ. އެކަމާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރާ މީހަކަށް އިތުރު ޕްރެޝަރކޮށް އޭނާއަށް އިތުރު ތަކުލީފު ޖައްސަން ބޭނުން ނުވާތީއެވެ.

ވަޒީފާގެ ގޮތުން ބައެއް ރޭރޭ މިހާލަތުގައި ގެއަށްވެސް ނާދެވެއެވެ. އެކަމާ އަހަރެންގެ ހިތުގައި ޝަކުވާއެއް ނެެތެވެ. ޝައްކެއް ވަހުމެއްވެސް ނެތެވެ.

ނަމަވެސް ތިން ރޭ ވަންދެން އަހަންނަށް އެއްކަހަލަ ހުވަފެންތަކެއް ފެނުނެވެ. ފިރިމީހާއާއި އެހެން އަންހެނަކާ ހަރާމް ގުޅުންތަކެއް އޮންނަ ކަމެވެ. އުނދަގޫވެގެން އަަހަރެން ފިރިމީހާ ކައިރީ އެވާހަކަ ބުނީމެވެ.

އޭނާ ހީލާފައި ތި ހުވަފެނުން ފެންނަ ކުއްޖާ ހޯދަންވީ ދޯއޭ ބުނެލިއެވެ.

އެ ހުވަފެންތަކަށްފަހު އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ވަރަށް އުނދަގޫވާން ފެށިއެެވެ.

އެެހެންވިޔަސް ބޭކާރުކަންކަމުގައި އުޅުމަކީ އަހަރެން ކުރާ ހިތްވާކަންތަކެއް ނޫނެވެ. އެކަހަަލަ ކޫސަނިކަންތަކާ ވިސްނާ، އަހަރެމެންގެ އުފާވެރި ވަގުތުތައް ބޭކާރު ކުރަން އަހަރެންގެ ހިތެއް ނޭދެއެވެ.

އެކަަމަކު އަނެއްކާވެސް އެއްކަމެއް ފާހަގަވިއެވެ. ފިރިމީހާގެ ފޯނު އަބަދުވެސް ބާއްވަނީ ބަންޑުންނެވެ. މީގެ ކުރިން އެއީ އެހާ ބޮޑުކަމަކަށް އަހަންނަށް ނުވަނީ އެފަދަ ކަމެއް އަހަންނަށް ޝައްކުކުރެވިފައިވެސް ނުވާތީއެވެ. ފޯނާމެދު ވިސްނުމުން ކުރިއަށްވުރެވެސް ހިތް ނުތަނަވަސްވިއެވެ.

ފިރިމީހާގެ ފޯނު ބެލުމާއި، އެކަަހަލަ ކަންތައްތަކަކީ އަހަރެން ކޮށް އުޅޭ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް އެއްރޭ އަަހަރެން ފިރިމީހާގެ ފޯނު ހުޅުވަން މަސައްކަތްކުރީމެވެ.

އޮތީ ޕާސްވާޑެއް ޖަހަން ބުނެފައެވެ. އެހިސާބުން އުނދަގޫވާންފެށިއެވެ. އެވަރަށް ފޮރުވަންޖެހޭ ކަމެއް އޮތީބާއޭ ހިތައް އެރިއެވެ.

ފިންގަރޕްރިންޓް ޖަހައިގެން ހުޅުވޭތޯ މަސައްކަތްކުރީމެވެ. ހުޅުވުނެވެ. އަހަރެން ފުރަތަަމަވެސް ބަލަން ބޭނުންވީ ކޯލް ލޮގެވެ. ހުރީ ލޮކް ކޮށްފައެވެ. މެސެޖް، ވައިބަރ، މިފަދަ އެޕްލިކޭޝަނެއް ފެންނާކަށް ނެތެވެ. އެކިގޮތް ގޮތުން އުޅެ އުޅެވެސް އެއިން އެއްވެސް އެއްޗެއް ނުފެނުނެވެ.

ޝައްކު ޔަޤީނަށް ވާކަަށް ބޭނުން ނޫނެވެ. އެހެންވިޔަސް އަދި އެއްފަހަރު ބަލާލަން އުޅެނިކޮށް ޓްރޫކޯލަރ ފެނުނެވެ. އެއިން މެސެޖްތަކާއި އެއްޗެހި އެނގޭނެކަން އެނގޭތީ ހުޅުވީމެވެ.

މެޔާއި ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މުޅި މީހާ ތުރުތުރު އެޅިއެވެ. ބާރަށް ރޮވުނެވެ. ހަމަ އެހިނދު ނޭވާ ހިފަހައްޓާލައިގެން ބަލަން ފެށީމެވެ.

މީގެ އެއް އަހަރު ކުރިން ދިޔަ ބޭރު ދަތުރުގައި ވަރަށް ގިނަ ކަންތައް ވެއްޖެއެވެ. ނުހިނގާ އެއްވެސް ކަމެއް އޮތްނަމަ އެކަމެއް މާލެ އައުމަށްފަހުވެސް ވެއްޖެއެވެ. އެމީހަކު ދެކިލާހިތުން އަނބިމީހާއަށް ދޮގުހަދާފައި އެތައް ފަހަރަކު އެމީހަކާ އެކީ ތަންތަނަށް ގޮސްފައި ހުރިކަން މެސެޖްތައް ބެލުމުން އެނގުނެވެ. އޭނަ ދެކިލާ ހިތުން ކެތް މަދުވެފައި ހުންނަ ވަރު މެސެޖްތަކުން ސާފުވިއެވެ. އޭނަ ދެކެ އެވާ ''ހަރާމް'' ލޯބި ފޮނުވާފައިވާ އެކި ''އިމޯޝަންސް''ތަކުން އެނގެމުންދިޔައެވެ.

ބައްދަލުކުރުންތަކާއި ދިޔަތަންތަން ހާމަވަމުން ދިޔައެވެ. ސްޓެލްކޯ ފުރަގަހެވެ. އުސްފަސްގަނޑެވެ.

އަހަރެން ކައިރީވެސް މީގެ އެތައް ޒަމާނެއްކުރިން ބުނިހެން ''ތިއީ އަހަރެން ފުރަތަަމައެއް ނޫނެވެ. އެކަމަކު އަހަރެން މިއީ ކަލާގެ އެންމެ 'ފަހު' މީހާއަށް ވާނަމެވެ. ''

ހިތްފަަޅައިގެން ގޮސް އެވަގުތު މަރުވާނެނަމައޭ ހިތައް އެރިއެވެ.

އަހަރެން ފިރިމީހާއަށް ގޮވާލީމެވެ. މިއީ ކޮންހާ މެސެޖްތަކެއްތޯ އެހީމެވެ. އޭނާއަށް ގުޅާފައި ހުރިކަންވެސް އެއިން ސާފުވެއެވެ.

ފިރިމީހާ އަމިއްލަ ދިފާޢުގައި ބުނީ ދެތިން ބަހެކެވެ. އޭނާއާއި އެހެންމީހަކާ އެއްވެސް ގުޅުމެއް ނެތްކަމެވެ.

ނަމަވެސް އޭގެ ފަހުން އިތުރު އެެއްޗެއް ނުބުނެ އަހަރެން ކީހާ އެއްޗެއް އަޑު އެހިއެވެ. އަހަރެން ކިތަންމެ އެއްޗެއް ކިޔަން ބޭނުންވިޔަސް މާ ގިނަ އެއްޗެއް ކިޔާނެ ހިތްވަރެއް އަހަންނަށް ނުލިބުނެވެ. ފެނުނު މަންޒަރާއި އަހަރެން އުޅުނު ގޮތް ހިތައް އަރާފައެވެ. ލޯބިން އުޅުނު ދުވަސްތަކުގައިވެސް އެ އަންހެން މީހާގެ އުނގުން އުފާވެރިކަން ހޯދިކަން އިހުސާސްވުމުންނެވެ. ކޮންމެ ތަނެއް، ކޮންމެ އެއްޗެއް ވަރިހަމަ އެފަދަ އަންހެނުންނަށް ފިރިހެނުންގެ ހިތްކިޔާލެއް އަވަސްކަމުންނެވެ.

އަހަރެން ފަކުުރުހީވިއެވެ. ކައިވެނީގެ މަތިވެރިގުޅުމުގައި ހުރި އަހަރެންނަށް ''ފިރި''އެއްގެ ގޮތުގައި ބެލުނީ އެންމެން ބޭނުންކުރާ ''ފައިފުއްސަކަށް'' ވުމުންނެވެ.

ދެރަވިއެވެ. ރޮވުނެވެ. ސިކުނޑީގައި އިތުރު މަސައްކަތެއް ކުރާނެ ހިތްވަރެއް ނެތެވެ. މަރުނުވާތީ ކޮޅަށް ހުންނަން ބޭނުންވަނީއެވެ. ދުނިޔޭގައި މިއަދު ހުރީތީ އެކަމާވެސް އަހަރެން މިވަނީ ހިތްދަތިވެފައެވެ. ލޮކްޑައުންވީ ހަމައެކަނި މާލެއެއް ނޫނެވެ. އަހަރެންގެ ހިތެވެ. އަހަރެންގެ ސިކުނޑިއެެވެ. އަހަރެންގެ އިހުސާސްތަކެވެ. އަހަރެންގެ ދިރިއުޅުމެވެ.