ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ ހިތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒުކަމަށެވެ.

އަދި ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ ހިތް ކަމަށާއި، ދިވެހިން އެކަކު އަނެކަކާ ގުޅުވާލަދޭ ފާލަން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ބަހުގެ ދުވަހާ ގުޅިގެން މިނިސްޓަރ އޮފް އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ގިނަ ވަގުތު ގޭގައި މަޑުކުރައްވައި، ކުދިންނަށް ދިވެހި ބަސް އުނގަންނައިދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ދިވެހިބަހުން ކުދިންނާ ވާހަކަ ދައްކައި، ކުދިންގެ ޝުއޫރުތައް ފާޅުކުރާނެ ފުރުސަތު ދީ، ކުދިންގެ ވާހަކަތައް އަޑުއެހުމަށް އުމްނާ ގޮވައިލެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް އެޕްރިލް މަހުގެ 14 ވަނަ ދުވަސް ފަހަގަކުރަނީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައެވެ. ބަހުގެ ދުވަސް ފާހަގަކުރަނީ އެ ބައެއްގެ އަމިލަ ބަސްނެތި ހިނގައިދާނެތީ، ބަސް ދިރުވާ އާލާ ކުރުމަށެވެ.