އާންމުކޮށް ޤައުމެއްގެ ރައީސަކު ޤައުމަކާ މުޚާތަބު ކުރައްވާނީ އުފާވެރި މޫނަކާއި އެކުގައެވެ. އެ ބޭފުޅެއްގެ އެ ހިތްވަރާއި، އަޒުމާއި، ކެރުމުން، ރައްޔިތުންނަށް ދެމުންދަނީ އިތުރު ހިތްވަރަކާއި ހިތްހަމަޖެހުމެކެވެ. ރައްޔިތުންނަށް ދައްކައިދެނީ ރައްޔިތުންގެ ޚިދުމަތުގައި ހުންނެވި ލާމަސީލު މިސާލެއްގެ ގޮތުގައެވެ.

ނަމަވެސް މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ލޯފުޅުން އޮހުނު ކަރުނައިން އެތައްހާސް ވާހަކައެއް ކިޔައިދީފިއެވެ. މި ރާއްޖޭގެ ހާލަތެވެ. އަޅުގަނޑުމެން އުޅެން ޖެހިދާނެ ނިކަމެތިކަމެވެ.

ކޮންފަދަ ހިތާމައެއްތޯއެވެ. ޤައުމެއްގެ ރައީސަކު ރައްޔިތުންގެ ކުރިމަތީ، ލައިވްކުރި އިވެންޓެއްގައި، ކީރިތިކުރެއްވުން މިއީ އާދައިގެ ކަމެއް ނޫނެވެ. ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު އެ ވާހަކަފުޅު ހުއްޓަވާލައްވަން ޖެހުނު ފަހަރުތައްވެސް އައެވެ. އަސަރާއެކު އެމަނިކުފާނުގެ ދެއްކެވި ވާހަަކައިން އެނގިގެންދިޔައީ މިއަދު އަޅުގަނޑުމެންނަށް އޮތް ނުރައްކަލުގެ އިންޒާރެވެ. އެ ނުރައްކަލުގެ ބޮޑުކަމެވެ.

ސިއްޙީ އިދާރާތަކުން ކެނޑިނޭޅި ދެމުންދިޔަ އިރުޝާދުތަކަށް ބޯލެނބުމެއްނެތި ރައްޔިތުން ބޭނުން ގޮތަކަށް އުޅުމުގެ ނަތީޖާ ކޮންފަދަ ހިތިކަން ރައީސް ސޯލިހު ދެއްކެވި ވާހަަކަފުޅުން އެމަނިކުފާނުގެ އަޑުފުޅުގައި ހުރި ހާސްކަމާއި ކަންބޮޑުވުމުން ހާމަވެގެންދިޔައެވެ.

މިހާތަނަށް އެއްވެސް ބޭހެއް، އަދި ވެކްސިނެއް ހޯދިފައިނެތް މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނުކުމެ ގޭގައި މަޑުކުރުން.
ރައީސް ސޯލިހް

މާލެއިންވެސް ކޮވިޑް-19 އަށް މިއަދު ދިވެއްސަކު ޕޮޒިޓިވްވުމާއެކު މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިކަން އިންތިހާއަށް ހުރިކަމުގައި ވިޔަސް، މިކަން ތަންފީޒުކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާއިރު ދިވެހި ރައްޔިތުން ކެތްތެރިކަމާއެކު މިކަމަށް އެއްބާރުލުން ދެއްވުމަށް ރައީސް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ. އަސަރާއިއެކު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު ލޯފުޅުން ކަރުނަފޮދު ހިލިފައިވާތަން ފެނިގެން ދިޔައެވެ.

މިކަމާ ގުޅިގެން ޢާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގޭ. ނަމަވެސް މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ.
ރައީސް ސޯލިހު

އެހެންކަމުން، މިއީ ޤައުމާ މުޚާތަބުކުރައްވާ ރައީސް ސޯލިހު އަސަރާއިއެކު ދެއްކެވި ވާހަކަފުޅަށް އިހްތިރާމްކޮށް، ދިވެހި ރަައްޔިތުން ސިއްހީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބާ، އެގޮތަށް އަމަލުކުރަންވީ ވަގުތެވެ.