ނުރައްކާތެރި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެއިން ފެނުމާއި ގުޅިގެން މާލެ ސަރަހަށްދު ލޮކްޑައުންކޮށްފައި ވާތީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މޯލްޑިވިއަން އިން މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެ އެއާލައިނުގެ އެތެރޭގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑާލާފައި ވާކަމަށެވެ. އަދި އެޗްޕީއޭ އިން ވަކި ގޮތަކަށް އަންގަންދެން އެ ނިންމުން ދެމި އޮންނާނެ ކަމަށެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ދެދުކަނޑާލާފައި ވާއިރު، ކޮވިޑް 19 އާއި ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ.

މީގެއިތުރަށް މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު މާލޭން ފެނުމުން، މިއަދު މެންދުރު 2:30 އިން ފެށިގެން މާލެ ސަރަހަށްދުވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ބޮޑު އަސަރެއް އޭވިއޭޝަން ދާއިރާއަށް ކުރާނެ ކަމަށް ބެލެވޭއިރު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ވާނެ ކަމަށް އަޔާޓާ ލަފާކޮށްފައިވެެއެވެ.