ދިވެހިންގެ އެއްބައިވަންތަކަމުގެ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ދިވެހިންގެ އެއްބައިވަންތަކަން ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައެވެ. ހަނދާން ހުންނަން ފެށި ހިސާބުން، ރާއްޖެއަށް ދިމާވެފައިވާ ކޮންމެ ކާރިސާއެއްގައި ދިވެހިންގެ ކިބައިން ވަރަށް ފުރިހަމައަށް ވަނީ ފެނިގެން ގޮސްފައެވެ. 2004 ވަނަ އަހަރު ސުނާމީ ކާރިސާއާއި، 2014 ވަނަ އަހަރު މާލެ ސަރަހައްދަށް ދިމާވި ފެނުގެ ކާރިސާގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައެވެ.

ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ބަލިމަޑުކަން، ރާއްޖެއަށްވެސް ކުރިމަތިވެ، އޭގެ ބިރުވެރިކަމާއި މިހާރު މިވަނީ ކުރިމަތިލާން ޖެހިފައެވެ. ބިރުވެރިކަން ބޮޑުވެ، ހާސްކަން އިތުރުވާން ފެށީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ތެރެއިން

އެއާއެކު ދިވެހިންގެ އެކުވެރިކަމާއި އެެއްބައިވަންތަކަން ދެއްކުމަށް އެދި ގިނަ ބަޔަކު މިއަންނަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް މިފަހަރު އެއްބައިވާން ޖެހެނީ "އަތު ގުޅާލައިގެން" ނޫނެވެ. މިއީ މީގެ ކުރިން ދިވެހިން އެއްބައިވަންތަ ވާގޮތާއި ތަފާތު ގޮތަކަށް އެއްބައިވަންތަ ވާންޖެހޭ ވަގުތެކެވެ. ވީހާވެސް ދުރު ދުރުގައި ތިބެގެންނެވެ. އެކަކު އަނެކަކު ހާލު ބަލަން ގެތަކަށް ނުގޮސް އަމިއްލަ ގެތަކުގައި ތިބެގެންނެވެ. ގާތް ތިމާގެ މީހަކުވިޔަސް ރަހްމަތްތެރިޔަކު ނުވަތަ އަވަށްޓެރިއަކު ބަލިވެ އޮތަސް، ވިހައިގެން އުޅުނަސް، ޚާއްސަ ދުވަހެއް ވިޔަސް ގެތަކަށް ނުދާންވީއެވެ. އެއްވުންތަކާއި ދުރުވާންވީއެވެ.

މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްްއެއް ފެނުމާއި ގުޅިގެން މަބްރޫކްވެސް ވަނީ ހުރިހާ ދިވެހިންެގެ އެއްބައިވަންތަކަމުގެ ނަމޫނާ ދެއްކެވުމަށް ގޮވާލާފައެވެ. ކޮވިޑް-19ގެ ތަރުޖަމާނުގެ ނަމުން ގިނަބައެއްގެ ލޯބި ހޯދާފައިވާ މަބްރޫކް އަޒީޒް ވިދާޅުވީ ގައުމު ދަތުރުކުރަމުން މިދަނީ ކާރިސާއަކާއި ދިމާލަށް ކަމަށެވެ. ދިރިއުލޫމުގެ ހާލަތަށް ބަދަލު އައިސް ކެތްތެރިކަން އިސްކުރަންޖެހޭ ވަގުތު އަންނާނެ ކަމަށެވެ.

މިކަހަލަ އެތައް ވަގުތަކާއި ރާއްޖެ މީގެ ކުރިންވެސް ކުރިމަތިލައިފި. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ސުނާމީ ކާރިސާއަކާއި، އެތައް ބަލިމަޑުކަމެއް އައިސްފަވޭ. މިކަމުގައި ހިތްހަމަޖެހުން ލިބޭ އެންމެ ބޮޑު ކަމަކީ އަމުދުން މިކަހަލަ ދަނޑިވަޅުތަކުގައި ދިވެހިންނަކީ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށްވުން. އޯގާތެރިކަމާއި އަޅާލުމާއި އަޚުވަންތަކުގެ ރޫހު އެންމެ ބޮޑަށް ފެންނަ ވަގުތަކީ މިކަހަލަ ވަގުތު. އުންމީދަކީ އެރޫހު މިދަނޑިވަޅުގައިިވެސް ފެނިގެން ދިޔުން
މަބްރޫކް އަޒީޒް

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަބްދުﷲ ނިޔާފްވެސް ދެއްވަނީ މިފަދަ ނަސޭހަތްތަކެވެ. ގޮވާލަނީ އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. އެހެންނަމަވެސް ގެތަކުގައި ތިބެގެންނެވެ. ޑރ ނިޔާފް ވިދާޅުވީ މުޅި ދުނިޔެ ވެސް މިއޮތީ އެކައްޗެއް ކިޔައިގެން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފުހެލުމަށް ކަމަށެވެ. މުޅި ދުނިޔެ އެންމެ ދުޝްމަނަކާއި ހަނގުރާމަ ކުރަމުންދާއިރު، ހުރިހާ ޚިޔާލުތަފާތުވުންތައް އެއްކައިރިކުރުމަށެވެ. އެއްބައިވަންތަވުމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްގެ މިހާލަތުގައި، ރާއްޖެއަށްވެސް ގޮންޖެހުންތަކަކާއި މިވަނީ ކުރިމަތިލާން ޖެހިފައެވެ. މިކަހަލަ ހާލަތުގައި ކަންބޮޑުވެ ހާސްވާނެއެވެ. އެހެންނަމަވެސް، އަޑު އަހަންވީ ކަމާއި ގުޅުން ހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކަށެވެ. އަމަލުކުރަންވީ އެއުސޫލުތަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ލޮކްޑައުންއަކަށް ދާނެކަން ޔަގީންވުމާއި ގުޅިގެން އާންމުން ފިހާރަތަކަށް ދުއްވަން ފެށުމާއި، ގެއަށް ކާބޯތަކެތި ވެއްދުމުގެ މަސައްކަތުގައި ގިނަ ބަޔަކު އުޅުނެވެ. މިއީ މިކަންކުރަންވީ ގޮތް ނޫންކަން ދިޔައީ ކިޔައިދެމުންނެވެ. ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ޒަރޫރީ އެއްވެސް ބޭނުމެއް ނުފުއްދި އެކަމުގައި ދަތިކަމާއި ކުރިމަތިލާން ނުޖެހޭ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ދެއްވާފައެވެ. ވީއިރުގައި، މިފަދަ ހާލަތެއް އަލުން ކުރިމަތިވެއްޖެނަމަ ފަރުދީ ޒިންމާ އަދާކުރައްވައި، ސަރުކާރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރެއްވުމުގައި އެއްބައިވަންތަކަން ދެއްކެވުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

މީގެ އިތުރަށް، ލޮކްޑައުންއާއި ގުޅިގެން މަގުމަތިވެފައިވާ ނުވަތަ ކާނެ އެއްޗެއް ނެތި ހާލުގައި ޖެެހިފައި ތިބި މީހުންނަށްވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ތިއްބަވާ ފުލުހުން ވަނި އެމީހުންނަށް، ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މިފަދަ ކަންކަމުން ފެންނަނީ އެއްބައިވަންތަކެމެވެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް ނުރަނގަޅު އާދަތައް ދޫކޮށްލެވިއްޖެ ކަމުގައިވާނަމަ، މިއެއްބައިވަންތަކަން އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ގައުމަށް ކުރިމަތިވެފައިވާ މިހާލަތުން އަރައިގަތުމަށް ބޭނުންވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ބޭނުންވަނީ ޚިޔާލު ތަފާތުކުރުންތައް އެއްކައިރިކޮށް، ސަރުކާރުން ދޭ އިރުޝާދުތަކަށް އަމަލުކުރާ މުޖުތަމައެކެވެ. މިހާލަތުން އަރައިގަތުމަށް މިވަގުތު އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އެއީއެވެ.