ޑޮކްޓަރުންނަކީ އަބަދުވެސް އެންމެންގެ ލޯތްބާއި އިހްތިރާމް ލިބެމުންދާ ބައެކެވެ. ދިވެހިރާއްޖޭގައިވެސް ޑޮކްޓަރުންނަށް ދެވިފައިވަނީ ވަރަށް ގައުމީ ފެންވަރުގައި ވަރަށް މާތް މަތިވެރި މަގާމެކެވެ.

ޑޮކްޓަރުންގެ ޚިދުމަތް އަގު ވަޒަންކުރުމަށް ގައުމީ ފެންވަރެއްގައި މިދުވަސް ފާހަގަކުރަނީ ކޮންމެ އޭޕްރިލް މަހެއްގެ 18 ވަނަ ދުވަހުއެވެ. ކޮވިޑް-19 އިން އަރައިގަތުމަށް ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިން ބުރަކޮށް ފުރާނައަށް ހުށަހެޅިގެން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

މިިއަހަރުގެ މިދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު އަޅުގަނޑުމެންނަށް ޑޮކްޓަރުންގެ ޚިދުމަތް މިވަނީ އާދަޔާޚިލާފަށް މުހިންމުވެފައެވެ. ވަކި ފަރުދެއް އިސްތިސްނާ ވުމެެއްނެތި ޖުމްލަ ގޮތެއްގައި މުޅި ގައުމު މިވަނީ ޑޮކްޓަރުންނަށް ބޭނުންވެފައެވެ. ރާއްޖެއިން ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންވެސް ގެނެސް ޑޮކްޓަރުންގެ އަދަދު އެދަނީ އިތުރުކުރަމުންނެވެ.

ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑޮކްޓަރުންގެ ބުރަ މަސައްކަތަށް މުޅި ގައުމު ޝުކުރުވެރިވާ ކަމަށާއި އެކަމަށް ފަހުރުވެރިވާ ކަމަށެވެ.

ކޮވިޑް_19އިން ރައްކާތެރިކޮށްދިނުމަށް ފުރާނަ އަތް މައްޗަށް ލައިގެން ކުރަމުންދާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމުގައި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ހައްގުކަމަށާއި އެމަނިކުފާނުގެ ނަމުގައި ޚާއްސަ ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޑޮކްޓަރުން ރިސްކު ނަންގަވައިގެން އެ ދެއްވާ ޤައުމީ ޚިދުމަތަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ

ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވެސް ވަނީ ޑޮކްޓަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައިވެސް ވަރުބަލިކަމެއްނެތި އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރަމުންދާ ވަރުބަލިކަމެއް ނެތް މަސައްކަތަށް ޝުކުރު އަދާކުރެއްވި އެވެ.

ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ އާންމު ގޮތެއްގައި މިދުވަހަކީ ވަރަށް އުފަލާއި މަޖަލުގައި ފާހަގަކުރާ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް، ކޮވިޑް_19ގެ ހާލަތާއި ގުޅިގެން މިއަދު މިތިބީ އަތުކުރި އޮޅާލައި އެމަސައްކަތުގައި ކަމަށެވެ. އަދި މިކަމާއި ކެރިގެން ކުރިމަތިލާންޖެހޭ ކަމަށާއި ދަރިންނަށްވެސް ހާލަތުގެ ސީރިއަސްކަން އަންގައިދޭން ޖެހޭ ކަމަށާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

ދުވަހާއި ގުޅިގެން ޝުއޫރު ފާޅުކުރަމުން ޑރ އަބްދުﷲ ނިޔާފް ވިދާޅުވީ ހުރިހާ ޑޮކްޓަރުން ތިބީ އެކައްޗެއް ކިޔައިގެން ކަމަށެވެ. އަދި މިއެެއްބައިވަންތަކަމުގެ އެހީގައި މިބަލިމަޑުކަމުން ވެސް އިރާދަކުރެއްވިއްޔާ ސަލާމަތްވާނެ ކަމަށެވެ.

ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ މިދުވަސް މިފަހަރު ބައްދަލުކުރިއިރު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑޮކްޓަރުންނަށް ޚާއްސަ މަގާމެއް ކުދި ބޮޑު އެންމެންގެ ހިތްތަކުގައި ދެވިފަައިވާއިރު ކުދި ބޮޑު އެންމެންގެ ހިތްތަކުގައި ދެވިފައިވާއިރު ވަރަށް މަދުން ނަމަވެސް ސިއްހީ ދާއިރާގައި މަަސައްކަތްކުރާ މީހުންނަށް ބަދުބަސް ބުނާ ތަން ފެނެއެވެ.

އެހެންނަމަވެސް، މިފަދަ ކަމެއް ފެންމަތިވިޔަސް، ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ދިފާއުގައި މުޅި ގައުމު ތެދުވާ މަންޒަރަކީ ނުހަނު އުފާވެރި މަންޒަރެކެވެ.

ކޮވިޑް-19 ގެ މި ނުރައްކާތެރި ދަނޑިވަޅުގައި ޑޮކްޓަރުންގެ ހާއްސަ ދުވަސް ފާހަގަކުރަމުންދަނީ އެދަނީ ޤައުމީ ޚިދުމަތުގައި ކުރިއަށްވުރެވެސް ބޮޑަށް ކެރިގެން ސާބިތުކަމާއެކު އެވެ.

ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންނަށް ނުހަނު ލޯތްބާއެކު އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.