ކޮވިޑް-19އާއި ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް ގެންނަންޖެހޭނެ ކަމަށް އެޕިޑެމިއޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވި މި ބަސްކޮޅާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާލީމެވެ. ހަމަ ގައިމުވެސް މުޅި ދުނިޔޭގައި މި ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމަށް ބަދަލުތަކެއް އަންނާނެއެވެ.

އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތައް ފުއްދާނެ ބައެއް ތަކެތި މިހާރު ލިބޭފަހަރަށްވުރެ ގިނައީ ނުލިބޭ ފަހަރެވެ. ފިހާރަތަކުން ޑެލިވަރީ ކޮށްދިންނަމަވެސްް ގިނަބަޔަކު އެއްފަހަރާ ގިނަ އަދަދެއްގެ ތަކެއްޗަށް އޯޑަރުޖަހާނަމަ ހިއުމަން އެރާ އެރުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.

މިގޮތަށް ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުްވާ ތަކެތީގެ ތެރެއިން އެެންމެ އަސާސީ އެކެއްޗަކީ ބޯފެން ކަމުގައިވާއިރު، ފެނ ނުލިބޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރެއެވެ.

ގޭގެއަށް ފެން ޑެލިވަރ ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ-- ވީފޮޓޯ

އެހެންނަމަވެސް މިކަމަށް ފަސޭހަ އަދި ހަރަދުކުޑަ ހައްލެއް އެބައޮތެވެ. އެމްޑަބްލިއުއެސްސީއިން ގެތަކަށް ދުކޮށްފައި ހުންނަ ސަޕްލައި ފެނަކީ މިކަމުގެ ހައްލުކަމަަށް ބަލައިގަނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ބުނެދެމުންނެވެ.

އެހެންނަމަވެސް މި ފެނަކީ ބުއިމަށްވެސް ރައްކާތެރި ފެނެއްކަން އަދިވެސް ބައެއް މީހުންްނަށް ގަަބޫލުނުކުރެވޭކަން ސޯޝަލް މީޑިއާ ބަލާލުމުން އެނގިގެން ދިޔައެވެ. އެހެކަމުން އެ ފެނުގެ ކޮލެޓީ ކަށަވަރުކޮށްލަން މަސައްކަތް ކުރީމެވެ.

ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީއިން ގެތަކަށް ދޫކުރާ ފެނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެނެއް ކަމުގައެވެ. މި ފެނުގައި ހަށިގަނޑަށް ނުރަނގަޅު އެއްވެސް ބާވަތެއް ނުހުންނާނެ ކަމުގެ ޔަގީންކަން ޝާހު ވަނީ ދެއްވާފައެވެ.

އަޅުގަނޑުމެން ހަމަ 100 ޕަސެންޓް ޔަގީންކަން އަރުވަން އެމްޑަބްލިއުއެސްސީއިން މި ދޫކުރާ އިސްކުރު ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމަށް. ހަމަ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ރައްކާތެރި ބޯފެން އެމްދަބްލިއުއެސްސީގެ މި ނެޓްވޯކުން އެ އަންނަނީ.
ހަސަން ޝާހު

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީން ދޫކުރާ ފެން، އިސްކުރުން ނަގާ ގޮތަށް ބޭނުންކުރުންވެސް ރައްކާތެރިވާނެ ކަމަށެވެ. އަދި މި ފެން ބޭނުންކުރުމުގައި ކައްކައި ނުވަތަ ފިލްޓަރުނުކޮށްވެސް ބުއިމަށް ރައްކާތެރިވާނެ ކަމަށެވެ.

ޝާހު ވިދާޅުވީ މި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދުވާލަކު އެއް ފަހަރު އެމްޑަބްލިއުއެސްސީއިން ފެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މާލޭގެ އެކި ލޮކޭޝަންތަކުން ފެން ޓެސްޓުކުރާކަން ޝާހު ފާހަގަކުރެއްވިއެވެ

އަޅުގަނޑުމެންގެ މި ފެނަކީ ދުވާލަކު އެއްފަހަރު މާލޭގައިވެސް ހަތް ލޮކޭޝަންއަކުން ފެން ސާމްޕަލްތައް ނަގައިގެން ޓެސްޓު ކުރާ ފެނެއް. ދެން އޭގެ އިތުރަށް އޮންލައިންކޮށްވެސް ބައެއް ކަހަލަ ބޭސިކް ޕެރެމީޓާސްތައް ހުންނާނީ ޓެސްޓު ކުރެވި ކުރެވި. ފެނުގަ އެއްވެސް މައްސަލައެއް އުޅެންޏާ އަޅުގަނޑުމެންގެ ސޮފްޓްވެއާއިން އެލާމްވެސް އަޅާނެ.
ހަސަން ޝާހު

އެހެންނަމަވެސް ފެން ވައިރު ކުރުމުގައި ރައްކާތެރި ގޮތަކަށް ގޭތެރެއިން ފެން ވައިރު ކުރުމަށާއި، ރަނގަޅަށް ފެންވައިރު ކޮށްފައިވާނަމަ އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދޭ ފެން އިސްކުރާ ހަމައަށް ދާއިރު ދާނީ ރައްކާތެރި ބޯފެނުގެ ގޮތުގައި ކަމުގެ ޔަގީންކަންވެސް ޝާހު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މި ދުވަސްވަރު ފެން ޑެލިވަރީ ކުރުމުގައި ދަތިތަކެއް އުލޭކަން ފާހަގަކުރައްވައި ޝާހު ވަނީ މި ދަތި ދަނޑިވަޅުގައި އެމްޑަބްލިއުއެސްސީއިން ދޫކުރާ ފެން ބޭނުންކުރުމަށް އާންމު ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.

މާލީ ގޮތުންވެސް ގިނަ ބަޔަކށް މި ދަނޑިވަޅުވާނީ ދަތި ދަނޑިވަޅަކަށެވެ. އެހެންކަމުން އަގުބޮޑުކޮށް ފެން ގަތުމުގެ ބަދަލުގައި ގޭގެ އިސްކުރުން ލިބެން ހުންނަ ސަޕްލައި ފެން ބޭނުންކުރުމަކީ މިވަގުތައް އެންމެ ރަނގަޅު ކަމެއް ކަމުގައި ޝާހު ވިދާޅުވިއެވެ.

އެހެންކަމުން ޑޮކްޓަރުން އެ ވިދާޅުވާ ނިއު ނޯމަލް ނުވަތަ، ދިރިއުޅުގެ އާދަތައް ރައްކާތެރި ހަރަދުކުޑަ ގޮތަކަށް ބަދަލުކޮށް، އެއަށް ހޭނެންވީ ވަގުތަކީ މިއިީ އެވެ.