ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ މާލޭ ސަރަހައްްދުގައި ހިމެނޭ ވިލިމާލޭގެ ފިހާރަތަކަށް މާލެއިން މުދާ ގެނައުމުގައި ދަތިތަކެއް އެބަހުރިކަމަށް ވިލިމާލޭގެ ވިޔަފާރިވެރިން ބުނެފިއެވެ.

މާލޭގެ އެހެން އަވަށްތަކާއި ހިލަފަށް ވިލިމާލެއަކީ ކަނޑުމަގުން މުދާ އެތެރެކުރާ އަވަށެކެވެ. ވިލިމާލެއިން މާލެއަށް ދެވޭނެ ހަމައެކަނި ގޮތަކީ އެމްޓީސީސީގެ ފެރީ ނިޒާމެވެ.

ނަމަވެސް މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައި ވުމާއެކު އެ ފުރުސަތެއް ނެތެވެ.

މާލެއިން މުދާ ގެންނަނީ އެކަމަށް ހާއްސަކޮށް އެމްޓީސީސީން ހަމަޖައްސާފައި އޮންނަ މުދާ ފެރީންނެވެ. ނަމަވެސް މި ހާލަތާއެކު އެންމެ އެކަށީގެންވާ ގޮތެއްގައި މުދާފެރީ ދަތުރުތަކެއް ނުކުރެއެވެ.

ވީ ނިއުސްއިން ވިލިމާލޭގެ ބައެއް ފިހާރަތަކުގެ ހާލަތު ހޯދުމަށް ގުޅިއިރު ގިނަ ވިޔަފާރިވެރިން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ވަރަށް ޑިމާންޑުބޮޑު މިކޮޅުގަ، އާންމުކޮށް ގަންނަ އެއްޗެހިވެސް ގަނޑުކޮށް ވަރަށް ގިނައިން މީހުން އެބަ ގަނޭ، އެހެންވީމަ މުދާ ހުސްވާވަރު އަވަސްވީމަ އަނެއްކާ އެ ސްޓޮކް އާކުރަން ބަލާއިރު މުދާ ފަސޭހައިން ލިބޭނެ ގޮތެއް ނޯވޭ، މުދާ ފެރީ ބަރާބަރަށް އޮންނަނަމަ މިކަމެއް ނުވާނެ، ކަމާބެހޭ ފަރާތްތަކުން އެބަޖެހޭ މިއަށްވުރެ ރަނގަޅު ގޮތްތަކެއް މިތަނަށް ހޯދަދޭން"
ނަން ހާމަކުރަން ނޭދޭ ވިޔަފާރިވެރިއެއް

ޒަރޫރީގޮތުން ބޭނުންވާ ގިނަ މުދާތައް ވިލިމާލޭގައި ފަސޭހަކޮށް ލިބިއެވެ. އެގޮތުން ހަނޑޫ، ހަކުރު، ފުށް، ބިސް، މި ބާވަތްތައް އެސްޓީއޯގެ ވިލިމާލެ ފިހާރައިން ވިލިމާލޭގެ ވިޔަފާރިވެރިންނަށް މިހާރު ލިބެމުންދާކަމަށް އެ ވިޔަފާރިވެރިން މައުލޫމާތުދެއެވެ. ނަމަވެސް ވޭތުވެދިޔަ ދެދުވަހު މުދާ ލިބުމުގައި ކުޑަ ދަތިތަކެއް ހުރިކަމަށް ބުނެއެވެ.

މާލޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވުމާއެކު ވިލިމާލޭގެ ގިނަ ފިހާރަތަކެއް ވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ. އަދި ގިނަ ފިހާރަތަކުން ވަނީ ވޮލަންޓިއަރކޮށް ޑެލިވަރީ ހިދުމަތް ކޮށްދޭނެ ފަރާތްތައް ބޭނުންވާކަން ހާމަކޮށްފައެވެ.