ކޮވިޑް-19 އާއި ގުޅިގެން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާ ވެސް ފަސްކޮށްފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވަނީ އިންތިޚާބުގެ ވޯޓުލުން ފަސްކޮށްފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާތީ ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް އަޅަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންތިހާބު ފަސްކުރުމަށް ނިންމީ ކަމަށް އެ އެސޯސިއޭޝަނުން ކަމަށެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތާރީޚް، ގަޑި އަދި ބޭއްވޭނެ ތަން ފަހުން ޢިއުލާނު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
މީގެ ކުރިން އިންތިހާބު ބާއްވަން ނިންމީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެކުރިން ވެސް އިންތިހާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރިއެވެ. އެންމެ ފުރަތަމަ އިންތިހާބު ބާއްވަން ނިންމީ މާޗްމަހުގެ 28 ވަނަ ދުވަހުގައެވެ.