ކޮވިޑް-19 އާއި ގުޅިގެން ނޫސްވެރިއާއަށް ފާޑުވިދާޅުވާށެވެ. ނޫސްވެރީންނަކީ ތިބޭފުުޅުންގެ ފާޑުވިދާޅުވުންތަކުންވެސް ތިބޭފުޅުންގެ ޙައްޤަށްޓަކައި ޤުރުބާންވެ ވަޑައިގަންނަވަން ތިއްބެވި ބޭފުޅުންކަން ހަނދުމަފުޅު ބަހައްޓަވާށެވެ.

ނޫސްވެރީންނަށް ބިނާކުރަނިވި ގޮތުގައި ފާޑުވިދާޅުވުމަކީ ފާޑުވިދާޅުވާ ފަރާތުގެ ޙައްޤުގައި އެހެން ބޭފުޅުންވެސް ތާއީދުކޮށްދެއްވާނެ ކަމެކެވެ. ނަމަވެސްް ނޫސްވެރީންގެ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް ބަސްފުޅު ވިދާޅުނުވާށެވެ.

ނޫސްވެރީންނަށް ފާޑުވިދާޅުވާއިރު ނޫސްވެރީންގެ ފެންވަރާމެދު ނުވަތަ ނޫސްވެރިއާ ގެނެސްދޭ މަޢުލޫމާތުގެ ޞައްޙަކަން ފާޑުވިދާޅުވާ ފަރާތަށް އެނގިވަޑައިގެންފައިވާ ގޮތަކާއިމެދު މީހަކު ސުވާލެއް ކޮށްފާނެކަމަށް ދެކިވަޑައިނުގަންނަވަންތޯއެވެ.

މިއަދު ދިވެހިރާއްޖޭގައިވެސް ނޫސްވެރިކަމާއި ޢާންމު ބައެއް ފަރާތްތަކާއި ދެމެދުގައި އާދަޔާޚިލާފު ނުތަނަވަސްކަމެއް އުފެދުމުގެ ބިރާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. ދުނިޔޭގެ ބައެއް ލީޑަރުންގެ ފަރާތުން މީޑިއާތަކަށް އަންނަ ޙަމަލާތަކުގެ ޝިކާރައަކަށް މީޑިއާ ހެދުމަށް ބަޔަކު މަސައްކަތް ކުރާކަމުގެ އިޝާރާތްތަކާ އެކުގައެވެ. މީޑިއާތައް ހަނުކޮށްލުމަށް މަސައްކަތްކުރާ ސިޔާސީ ކުދީންކޮޅެއްގެ ޝިކާރަވެރި ޖަންގައްޔަކަށް މީޑިއާތައް ލުމުގެ ވިސްނުމެއް އޮތަކަހަލަ މާޙައުލެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ކެމްޕޭންގައި އެންމެ މަޤުބޫލުވި ނޫސްވެރިކަން، ވެރިކަން ލިބިވަޑައިގަތީމާ ފޭކް ނިއުސްއަކަށް ވީތަންވެސް ތިބޭފުޅުންވާނީ ދެކިވަޑައިގެންފައެވެ.

ފާއިތުވި 12 ނުވަތަ 15 ވަރަކަށް އަހަރަކީ މަދަނީ ނޫސްވެރީންނަށް ވަރަށް ގިނަ ގޮންޖެހުންތައް ގެނުވައިފައިވާ އަހަރުތަކެކެވެ. މީޑިއާއެއް ހިންދެމިލާއިރަށް ކޮންމެވެސް ގޮތަކުން ކަކޫމައްޗަށް ތިރިކުރުމުގެެ ގޮތުން ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބާރުލިބޭފަދަ ބަހުރުވަތައް ޒިންމާދާރު ފަރާތްތަކުންވެސް ދައްކާކަހަލައެވެ. އަދި އެއީ ހަމައެކަނި ބިރު ދެއްކުމުގެ ނުވަތަ ހުރަސްތަކެއް ކުރިމަތިކޮށްފާނެ ކަމުގެ އިންޒާރެއްނޫނެވެ. ސީދާ ތަންފީޒީ ބަޔާންތައްވެސް އެކަމާގުޅުވައި ނިކުންނަނީއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރީންނަށް ދެމުންދާ ގިނަ ޙަމަލާތަކަކީ ވަކިބަޔަކު އެމީހުންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުރާ ކަންކަމެވެ. އެއީ ނޫސްވެރިކަން ޤައުމީފެންވަރެއްގައި އޮތުމުގެ ސަބަބުންް ބައެއްގެ މެދުގައި އޮންނަ ޣައިރު ތަހުޒީބު ޢަމަލުތަކާ ސިފަތައް ބޭޒާރުވެދާނެކަމުގެ ބިރު އޮތުމުންނެވެ.

2018 ވަނަ އަހަރުގެ ޖޫންމަހު އެމެރިކާގެ މޭރީލޭންޑުގެ އެނަޕޮލިސް އަވަށުގެ ކެޕިޓަލް ގެޒެޓް ނޫހުގެ އޮފީސްތެރެއަށް ބަޑިހިފައިގެންތިބި ބަޔަކުވަދެ ބަޑީގެ ޙަމަލާއެއްްދީ އެތާނގެ 5 މުއައްޒަފުން މަރައިލާ އިތުރު 2 މީހަކު ޒަޚަމްކޮށްލިއެވެ. ބަލްގޭރިއާގެ ނޫސްވެރިއެގެ ޢިއްފަތް ފޭރިގަނެ ނުވިތާކަށް އޭނާގެ ފުރާނަވެސް މިދުނިޔެއާ ވަކިކޮށްލިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫސްވެރިއަކު އެހެން ޤައުމެއްގައިހުރި އެމީހުންގެ އަމިއްލަ ކޮންސިއުލޭޓެއްގެ ތެރޭގައި މަރައިލާ އޭނާގެ ހަށިގަނޑަށް ވީގޮތެއް އަދި އަދަށްދާންދެންވެސް ނޭނގެއެވެ.

ނޫސްވެރިކަމާ ނޫސްވެރީން ހަރުދަނާކުރުމާ ގުޅޭގޮތުން އެކިފަހަރު ލިޔެވިފައިވާ ލިޔުންތަކާ ވާހަކަތައް މިފަދަ ވަގުތެއްގައި ހަނދާނަށް ގެނައުން މުހިންމެވެ. ކޮވިޑް-19 އާއި ގުޅުފައިވާ ކަންކަމާއި އެ ވަބާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ޢާންމުންގެ އެއްބާރުލުމާ ތަރުޙީބު ބޭނުންވެފައިވާ ނޫސްވެރީން، ޢާންމު ރައްޔިތުންނަށް ޝުކުރުވެރިވާކަން ފާހަގަ ކުރަމެވެ.

ނޫސްވެރީންގެ އަގު ވަޒަންކުރަންވީ ހަމައެކަނި ތަކުލީފަކުން އަރައިގަތުމަށްޓަކައި ތަންފީޒީ ބާރުތަކާ ހިސާބަށް އަޑުއުފުލައިދިނުމަށް އެެދޭމީހާ އެކަނިބާވައެވެ. އަދި ކިއެއްތޯއެވެ. ފާޑުކިޔާމީހާގެ ތަކުލީފުތަކަށްވެސް ލުއި ހޯދައިދިނުމަށްޓަކައި ނޫސްވެރީންނާ ހިސާބަށްގޮސް މަސައްކަތްކުރާ ޢާއިލާއާއި އޭނާގެ ރައްޓެހީން އެކަނި ބާވައޭވެސް ހީވާކަހަލައެވެ.

މިއީ ސުވާލުގެ ކުޑަ ތަންކޮޅެކެވެ. އެހެން ނަމަވެސް ނޫސްވެރިކަމާ ނޫސްވެރީންނާމެދު ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ދެމެހެއްޓުމަށް މަސައްކަތްކުރަންވެސް މިއީ ވަރަށް ރަނގަޅު ވަގުތެކެވެ. ނޫސްވެރީން ދައްކާ ވާހަކަތަކާއި ކުރާ ސުވާލުތަކާއި ލިޔާ ލިޔުންތަކަކީ ރައްޔިތުން އިންޞާފުވެރިކަމާއިއެކު ބަލައިގަންނަ އެއްޗަކަށް ހަދަންވެސް ފުރުޞަތެކެވެ.

މިހެން މިވާހަކަތައް ލިޔަމުންދާއިރުވެސް ސޯޝަލް މީޑިއާގެ ބައެއް ސިޔާސީ ކުދީންގެ ބަހުރުވަތަކަށް ސަމާލުކަން ދޭންޖެހޭ ފަހަރުވެސް އާދެއެވެ. ސަބަބަކީ ބައެއް ފަރާތްތަކަށް މިއީ ޢާންމު ކަމަކަށް ވެދާނެތީއެވެ. އަދި އަނެއްބަޔަކަށް އެއީ ހެއްވާމަޖާ ޖޯކަކަށްވެސް ވެދާނެއެވެ. ނަމަވެސް ހަނދުމަފުޅު ބަހައްޓަވަންވީ ކަމަކީ މުހިންމު ވާހަކައެއް ނުބުނެ ނޫސްވެރިއާ ދޫކޮށްނުލާނެކަމެވެ. އަދި މިވާހަކަތަކަކީ ބައެއް ފަރާތްތަކަށް ހިތި ބޭހަކަށްވެސް ވެދާނެއެވެ. ނަމަވެސް ރަނގަޅު ފަރުވާއަކަށްވީތީ ހިތި ބޭސްވެސް ބޯންޖެހޭނެއެވެ. މިއީ ބަޔަކު ދަންނަ ކަމަކަށްވާނަމަ ހަނދާންކޮށްދިނުމަކަށް ވާނެއެވެ. ނުވަތަ މިއިން ކަމެއް ނުދަންނަ މީހަކަށްވެސް ދަސްކޮށްދޭ ކަމަކަށްވެސް ވެދާނެއެވެ.

ނޫސްވެރީންނާ ދެކޮޅަށް އަނިޔާވެރިވެވިދާނެފަދަ ޙާލަތުތައް މެދުވެރި ނުކުރައްވާށެވެ. އަދި އެއީ މުޖުތަމަޢުވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. އެއްވެސް ޙާލަތެއްގައި އެއީ ކުރަން އިންޞާފުވެރިކަމެއް ނޫންކަމަށް އަމިއްލަފުޅަށްވެސް އިޢުތިރާފްވެ ވަޑައިގަންނަވާނޫއެވެ. ސަބަބަކީ އަޅުގަނޑުމެން މިއަދު މިއުޅޭ ޒަމާނަކީ މީގެ އެތައް ޒަމާނެއްކުރީއްސުރެ ނުބުނެވިހުރި ތެދު ވާހަކަތަކެއް ސާފުކޮށް ހާމަކުރަންޖެހޭ ޒަމާނެކެވެ. އޭގައި ރައީސަކު ރެލީއެއްގައި ދެއްކެވި ވާހަކަފުޅަކަސް ކުރެއްވި ޓްވީޓެއް ކަމަށްވިޔަސް ނޫސްވެރީންނަށް ބަދުބަސް ބުނުމަކީ ރަނަގޅުކަމަކަށް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ބަދުބަސް ބުނުމަކީ އެކަންކުރާމީހާ އިންޞާފުންް ބޭރުވުން ކަމަށްނޫނީ ނުވާނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤައުމެއްގެ ޙައްޤުތަކާބެހޭ ބިލުތަކުގައި އެންމެ އިސްކަންދީފައި އޮންނަ ޙައްޤެވެ. 1948 ވަނަ އަހަރު އެކުލަވައިލި އދ.ގެ އިންސާނީ ޙައަޤުތަކާބެހޭ ޔުނިވާރސަލް ޑިކްލަރޭޝަންގެ 19 ވަނަ މާއްދާގައިވެސް ބިންވަޅުކަނޑާ ނަގާފައިވާ އެއޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމެވެ. ސަފުތަކާ ހުރަސްތަކުގެ ކޮންމެ ހިސާބަކުންވެސް މަޢުލޫމާތު ހޯދައި ޚިޔާލު ހޯދައި ލިބިގަތުމުގެ އަަދި ހާމަކުރުމުގެ މިނިވަންކަން ލިބިދިނުމަށެވެ.

އެހެންވީމާ ނޫސްވެރިއަކާ ދެކޮޅަށް ކުރާ ކޮންމެ ކަމަކީ ހަމައެކަނީ ޤަނޫނާއި ޚިލާފުވުމެއްނޫނެވެ. އަދަި ކިއެއްތަ، އެކުރެވޭ ކަމަކީ (އުޞޫލެއްގެ ގޮތުން) އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ ދިފާޢީ މަޞްލަޙަތު ނަގައިލުމުގެ ކުށް ކުރެވެނީއެވެ.

ދުނިޔޭގެ ނޫސްވެރީން ޙިމާޔަތްކުރާ ކޮމިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަނކޮޅުތަކުގައި 1992 އިން ފެށިގެން 1،300 ނޫސްވެރީންވަނީ މަރައިލައިފައެވެ. އަދި އަލަށް ނެރުނު ކޮމިޓީ ޓު ޕްރޮޓެކްޓް ޖާރނަލިސްްޓްސް، ސީޕީޖޭގެ ރިޕޯރޓެއްގައި ބުނެފައިވާ ގޮތުގައި 14 ޤައުމެއްގައި ނޫސްވެރީން މަރާ މީހުނަށް ޙިމާޔަތް ދީފައިވެއެވެ. އަދި އެމެރިކާގެ ޕްރެސް ފްރީޑަމް ޓްރެކަރއިން ބުނެފައިވާ ގޮތުގައި މިއަހަރު އެކަނިވެސް އެމެރިކާގައި 40 ނޫސްވެރީންނަށް ޖިސްމާނީ ޙަމަލާ ދީފައިވެއެވެ.

ނޫސްވެރީންގެ މަސައްކަތަށް ފާޑިކިއުމުގެ އެންމެ އާދައިގެ މިންގަނޑުކަމަށް ބުނެ އުޅެނީ އަނިޔާވެރިވުމަށް ގޮވައިނުލާ ބާވަތުގެ ފާޑުކިއުންތަކެވެ. އެހެންނަމަވެސް އެއީވެސް ބިނާކުރަނިވި ކަމަކަށް ނުވެއެވެ. ސަބަބަކީ ނޫސްވެރިއާ ދައްކާ ވާހަކައާއި ކުރާ ސުވާލުތަކާ ލިޔާ ލިޔުންތަކާ ދެކޮޅަށް ޒާތީގޮތުން ދިމާކުރާ ބަޔަކުއުޅޭތީ ބާވައެވެ. ނޫނެކެވެ. އޭނާ ކުރާ މަސައްކަތަށްވުރެ ބޮޑަށް އެފަދަ ޒާތީ ދިމާކުރުން އޮންނަނީ ސީދާ ނޫސްވެރިއާއަށެވެ. އޭނާގެ ޢުމުރާ ހުންނަ ގޮތާ ޖިންސާއި ނަސްލާއި މުޖުތަމަޢުގައި އޭނާއާއިމެދު ދެކޭ ފެންވަރާ ތަޢުލީމާ ލައިގެން ހުންނަ ހެދުމަކާ މިހެންގޮސް އެމީހާގެ އިޖުތިމާޢީ ގުޅުންތަކާ ހިސާބަށް އެ ފާޑުކިއުންތައް ދަމައިލައެވެ.

އެހެންވީމާ އަޅުގަނދުގެ އިލްތިމާސަކީ ނޫސްވެރިއައާއި ޒާތީގޮތުން ދިމާކުރުމުގެ ބަދަލުގައި ނޫސްވެރިއާ ކުރާ މަސައްކަތަށް ބިނާކުރަނިވި ފާޑުކިއުމަށްއެދި ކުރާ އިލްތިމާސެވެ.

މިއީ އިންސާނީވަންތަކަމުގެވެސް ސަތޭކަ އެއްވަނަ ދަރަޖައެވެ. އެހެންނަމަވެސް އެއީ ޢާންމުންގެ ތެރެއަށް ނޫސްވެރިއާ ނެރޭ މުހިންމު އަދި ނާޒުކު މައުޟޫޢުތަކަސް ވާން ޖެހޭނެއެވެ. އަދި އެ ފާޑުކިއުންތަކަކީ ހެޔޮ ނިޔަތުގައި ތެދު ކަށަވަރުކޮށްދިނުމަށް ކިޔާ ފާޑުކިއުމަށްވާން ޖެހޭނެއެވެ.

މިއަދު ނޫސްވެރީންނަށް ފާޑުކިޔާ މީހުނަށް ނޫސްވެރީން ޖަވާބުވެސް ދެެއެވެ. އެހެންނަމަވެސް ނޫސްވެރީންނަށް ޙަމަލާދޭ ފާޑުކިއުންތަކަށް އެމީހުން ޖަވާބެއް ނޫދޭނެއެވެ. އޭގެ ބަދަލުގައި ނުސްވެރީން ޖަވާބުދޭނީ އަމާނާތްތެރި ކަމާއެކު ޚަބަރު ބަލައިގަންނަ އަދި އަމަނާތްތެރިކަމާއެކު ފާޑުކިޔާ މީހުންނަށެވެ.