ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ހުރިހާ މެންބަރުން ވެސް "ލޮކްޑައުން" ގައި ތިއްބަވައިގެން އޮންލައިންކޮށް ޖަލްސާތައް ކުރިއަށްގެންދަން ނިންމައި މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާ ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިރޭ ވީނިއުސް ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ 27 ވަނަ ޖަލްސާ މާދަމާ ހެނދުނު 11 ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޒިޔާއު ވިދާޅުވީ މަޖިލީޖުގެ އާއްމު ޖަލްސާތައް ފަށަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހުރިހާ މެންބަރުންވެސް ގޭގައި ތިއްބަވައިގެން ކަމަށެވެ.

އެހެންކަމުން ޖަލްސާ ބްރޯޑްކާސްޓްކޮށް، ސްޓްރީމްކުރާނީ މީޑިއާ ޑައިރެކްޓަރ ވެސް ގޭގައި އިންނަވައިގެން ކަމަށާއި، އާއްމު އުސޫލުން މަޖިލީހުގެ ލައިވް ފީޑް ހުރިހާ މީޑިއާ ތަކަށް ދޫކުރާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ ގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަމެއްގެ ގޮތުގައި އެޖެންޑާގައި ވަނީ، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 113ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުދިރާސާކޮށް ގޮތެއްނިންމުމަށް އެމައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

އެޖެންޑާގައި ހިމެނޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މަޖިލީހުގެ ބައެއް ކޮމެޓީތަކުން ނިންމި މަސައްކަތްތައް ވަނީ ހިމަނާފައެވެ.

އެގޮތުން ކޮވިޑް-19 ރޯގާ ފެތުރުނަނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅިގެން ލާމަރުކަޒީ ކޮމިޓީއާ ޙަވާލުކުރި މަސައްކަތް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ އެޖެންޑާގައި ހިމަނާފައެވެ.

( ވީއައިއޭ ، 18 މާޗު 2020 ) - ކޮވިޑް-19 އާއި އެެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަޅަށް-- ވީފޮޓޯ : އަހުމަދު ޝުރާއު

މީގެ އިތުރަށް ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެސަބަބުން ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް އެޖެންޑާގައި ހިމެނެއެވެ.

މާދަމާގެ ޖަލްސާގައި އިބުތިދާއީ މަރުހަލާގައިވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަބިލު 2020" ވަނީ ހިމަނުއްވާފައެވެ.

ބަހުސްގެ މަރުހަލާގެ ގޮތުގައި އެޖެންޑާކޮށްފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020،" އާއި ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް ހިމެނެއެވެ.

މަޖިލީހުގެ ފުރަތަމަ އޮންލައިން ޖަލްސާ

މީގެ އިތުރަށް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ. ފުލިދޫ ގިރެމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ޤަރާރުގެ އިތުރަށް، ، ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޤަރާރުވެސް އެޖެންޑާގައި ހިމެނެއެވެ.

ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިންވެސް، ޖުމްލަ ހަ ބިލެއްގެ މަސައްކަތް ކުރިއަށްގެންދަންވެސް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނުއްވާފައެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވް ކޭސް އެއް ފެންމަތިވުމާއި، ހަމައަށްވެސް އެންމެފަހުން މަޖިލީހުން ކުރިއަށްގެންދިއަ ޖަލްސާތައްވެސް ކުރިއަށްގެންދެވީ މެންބަރުން ގޭގައި ތިއްބަވައިގެންނެވެ.

މި ޖަލްސާތަކުގައި ބަހުސް ކުރަން ފަށާފައި ވަނީ، ކައުންސިލް އިންތިޚާބުގެ ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވިފައިވާތީ އެކަމަށް ހައްލު ހޯދަން ސަރުކާރުން ހުށަހެޅި ބިލަށެވެ.

އޭގެ އިތުރަށް، އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު ދަންމަން، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހުށަހަޅުއްވާފައިވާ މައްސަލައިގައި، ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި ޤާނޫނަކަށް ބަދަލުގެނެވިދާނެތޯ ބެލުމަށް މެންބަރުންގެ މަޝްވަރާ އާއި ޚިޔާލުވެސް ވަނީ ހޯއްދަވާފައެވެ.