އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެ ގައުމުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް އަސްކަރީ ހިދުމަތުގައި ބައިވެރިވާން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އަސްކަރިއްޔާގައި މަސައްކަތް ކުރުން ލާޒިމެވެ. އެކަމަކު އެކި ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް މި ކަމުގައި ދެކުނު ކޮރެއާ ސަރުކާރުން ލުޔެއް ދެއެވެ.

ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކުރުމުން ސޮން ސަލާމަތްވީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ކޮރެއާ ރަން މެޑަލް ހޯދުމުންނެވެ. ކޮރެއާ އިން އެފަހަރު ތަށި ނެގީ ސޮންގެ ކެޕްޓަން ކަމުގެ ދަށުންނެވެ. އެއާއެކު ކޮރެއާ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއް ދީފައެވެ.

ކޮރެއާގެ ރަށެއްް ކަމަށްވާ ޖެޖޫގައި ކުރިއަށްދާ ބޫޓް ކޭމްޕަކަށް ސޮން ރިޕޯޓްކޮށްފައިވާއިރު އެތަނުގައި ސޮން އަސްކަރީ އެކިއެކި ޑްރިލްތަކުގައި އުޅޭ ފޮޓޯތަކެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

ކޮވިޑް-19 ޔޫރަޕްގެ އިތުރުން އިންގްލެންޑުގައި ވެސް ފެތުރެން ފެށުމުން ޕްރިމިއާ ލީގު ވަނީ މިދިޔަ މަހު 12 ވަނަ ދުވަހު ހުއްޓާލައިފައެވެ. އޭނާ އަސްކަރީ ހިދުމަތާއި ގުޅުނީ ލީގް ހުއްޓާލުމުން އެނބުރި ކޮރެއާ އަށް ގޮސް ދެ ހަފްތާ އަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހުގައެވެ.