މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާ މުއްދަތުގައި ފިހާރަތަށް ހުޅުވާފައި ބެހެއްޓޭވެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ވާގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދައާއެކު ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 9 އިން ރޭގަނޑު 12 އާއި ހަމައަށް ކަމަށެވެ.

މި ވަގުތުތަކުގައި ފިހާރަ ހުޅުވާފައި ބަހައްޓާއިރު، ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓަށް ފިހާރަ ބަންދުކުރަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ފިހާރަތަކަށް ގޮސް ވިޔަފާރި ކުރުމުގައާއި، ފިހާރަތަކުން ހިދުމަތްދިނުމުގައި ވަކި ހާއްސަ ގޮތްތަކަކަށް އަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިރުޝާދުދީފައިވެއެވެ.

އެގޮތުން ފިހާރައަށް ނުގޮސް ވިޔަފާރި ކުރެވޭނެ އެއްވެސް އިންތިޒާމެއް އޮތްނަމަ ފިހާރައަށް ނުގޮސް އެކަން ކުރުމަށާއި، ބޭރަށް ދާނަމަ އަބަދުވެސް މީހަކާ ދެމެދު 1 މީޓަރު ދުރުމިން ބެހެއްޓުމަށް ހަނދާން ކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ.

މީގެއިތުރުން ފިހާރަތަކުން މުވައްޒަފުން ވަޒީފާއަށް ނެރޭއިރު ބަލީގެ އެއްވެސް އަލާމާތެއް ހުރި މުވައްޒަފަކު ވަޒީފާއަށް ނުނެރުމަށާއި، ފިހާރާގައި މަސައްކަތްކުރާ މުވައްޒަފުން މާސްކްއަޅައި، އަތަށް އަނގި ލައްވައިގެން ތިބުމަށް އިކޮނޮމިކް މިނިސްޓްރީން އިރުޝާދުދެއެވެ.

އަދި ފިހާރައަށް އަންނަ ކަސްޓަމަރުންނަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ގްރޮސަރީ ޝޮޕިންގެ ޕާމިޓް ލިބިފައިވާ ކަސްޓަމަރެއްކަން ޔަގީންކުރުމާއި، ކޮންމެ ކަސްޓަމަރަކަށް ދޫކޮށްފައިވާ ހުއްދަ، ލިޔުމުން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގައި ރެކޯޑްކޮށް ބަހައްޓަންވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ފިހާރަތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، އެކައުންޓުގެ ތަފްސީލު ފަސޭހައިން ފެންނާނެހެން ބައިންދަންވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް، ބެރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުތުމަށް ފުލުހުން ދޭ ހާއްސަ ހުއްދައާއެކު ކޮންމެ ގޭބީސީއަކުންވެސް އެކަކަށް ބޭރަށް ނިކުމެވޭނެއެވެ.