ކޮވިޑް-19 ރާއްޖެއާ ހަމައަށް ފޯރި ހިސާބުން ފެށިގެން ވެސް، މިބަލި މާލޭގައި ފެތުރިއްޖެނަމަ، ކަންކުރާނެ ގޮތުގެ ޕްލޭންތައް އައީ ހަދަމުންނެވެ. މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށް ވުމުން، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ތަކެތި ރައްޔިތުންނަށް ފޯރުކޮށްދޭނެ ގޮތުގެ ޕްލޭންތައް އެކުލަވާލެވުނެވެ. އެގޮތުން ސިޓީ ކައުންސިލާއި ކަމާގުޅުންހުރި އެހެން އިދާރާތައް ގުޅިގެން، މާލޭގައި ޑެލިވަރީ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މާކުރިން ފެށިގެން ވެސް މަސައްކަތް ކުރެވުނު ކަމަށް ބުނެއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމުން، މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި އެދުވަހު ލޮކްޑައުން ކުރުމާއެކު، އެންމެންވެސް އަވަސްވެގަތީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށެވެ. އަދި ހަމަ އެދުވަހު ސިޓީ ކައުންސިލުން ވަނީ ޑެލިވަރީގެ ޚިދުމަތް ދޭން ބޭނުންވާ ވިޔަފާރިތަކުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައެވެ. މިއާއެކު ޑެލިވަރީގެ ޚިދުމަތަށް ބާރުބޮޑުވެ، ބައެއް ފިހާރަތަކުން އޯޑަރު ނެގުން ވެސް ހުއްޓާލިއެވެ. ސިޓީ ކައުންސިލުން އޭރު ނަންބަރުތަކެއް އާންމުކުރި ނަމަވެސް، އެ ނަންބަރުތަކަށް ނުގުޅޭތީއާއި ގުޅުނަސް އެއްޗެއް ލިބޭނެ ދުވަހެއް ނޭނގޭތީ އާންމުންގެ ޝަކުވާ އިންތިހާއަށް ދިޔައެވެ.

ލޮކްޑައުންގެ ފުރަތަމަ ދުވަހު ދިމާވި މައްސަލަތައް ދެވަނަ ދުވަހުގެ ރެއިން ފެށިގެން ހައްލުވާނެ ކަމަށް މާލެ ސީޓީ ކައުންސިލުން އޭރު ބުންޏެވެ. އޮންލައިންކޮށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައި ޑެލިވަރީގެ ޚިދުމަތަށް ފިހާރަތަކާއި ކަބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން އިތުރުކުރެވިގެންދިޔައެވެ. ނަމަވެސް އެވަރުންވެސް ރައްޔިތުންނަށް ތަކެތި ލިބުމުގެ ދަތިކަން ހައްލުނުވާތީ، ކޮންމެ ތިން ދުވަހުން އެއްދުވަހު ކޮންމެ ގޭބިސީއަކުން އެކަކަށް ޒަރޫރީ ބޭނުންތަކަށް ނުކުމެވޭގޮތަށް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތުން ހަމަޖައްސާފައިވަނީ ފުލުހުންގެ ޕޯޓަލްއިން ފޯމެއް ފުރައި ޚާއްސަ ހުއްދައެއްގެ ދަށުން އެކަން ކުރެވޭގޮތަށެވެ. އަދި މާލެ ޒޯންތަކަކަށް ބަހާލައި، އެ ހިސާބެއްގައި އުޅޭ ބަޔަކަށް އެ ސަރައްދަކަށް ކަނޑައެޅިފައިވާ އިމުން ބޭރަށް ނުދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރ އިސްމާއީލް ނަވީން ވިދާޅުވީ މަދު ބަޔަކު ހާލަތުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. މިގޮތުން ޑެލިވަރީކޮށްދޭ ކަމަށް ބުނެ އާންމުކުރަމުންދާ ބައެއް ނަންބަރުތަކަށް އޯޑަރުކުރުމުން ތަކެތި ނުލިބިގެން އެކަމުގެ ޝަކުވާއާއި އަދި ފައިސާ ދައްކާ އަދަދަށްވުރެ މަދުން ތަކެތި ލިބުމުގެ ޝަކުވާ ވެސް އަންނަމުންދާ ކަމަށެވެ. އެފަދަ ކަންކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ހުޅުމާލޭގައި މިއަދު އެކަނި 20 ހުއްދަ ދެވުނު. މާލޭގައި 175 ހުއްދަ ދެވުނު. ޖުމުލަ 3868 ހުއްދަ މިހާތަނަށް ދޫކުރެވިއްޖެ ޑެލިވަރީކުރުމަށް. އެންމެ ގިނަ ހުއްދަ ދެވިފައިވަނީ ބޮޑެތި ޕިކަޕްތަކާއި ސައިކަލަށް.
އެސިސްޓެންޓް ކޮމިޝަނަރ އިސްމާއީލް ނަވީން

ނަވީން ވިދާޅުވީ 209 މީހަކު ހުއްދަ ނެތި މަގުމަތީގައި އުޅެގެން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވާ ކަމަށެވެ.

މަގުތަކަށް މީހުން ނުކުންނަންޖެހުނީ ޑެލިވަރީ ނިޒާމު ފެއިލްވެގެން ކަމަށް ފުލުހުން ބުނެފައިވާއިރު، ބައެއް ފިހާރަތަކުން 4000 އަށްވުރެ ގިނަ އޯޑަރު ޑެލިވަރީ ނުކުރެވި ހުރި ކަމަށް ބުނެފައިވެއެވެ.

ޒަރޫރީ ބޭނުންތަކަށް ނުކުމެވޭގޮތަށް ޚާއްސަ އުސޫލުތަކެއް ހަމަޖެއްސި ނަމަވެސް ޑެލިވަރީގެ ޚިދުމަތަށް ވަރަށް ބޮޑަށް އަދިވެސް ބަރޯސާވާންޖެހޭ ކަމަށާއި އިސްކަން ދޭންޖެހެނީ ގެއިން ނުނިކުމެ ޚިދުމަތްތައް ހޯދުމަށް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ތަކެތި ލިބުމުގައި ދިމާވާ މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބެއެވެ. ޑެލިވަރީއަށް އޯޑަރުކޮށްގެން އެތައް ދުވަހެއް ވާއިރުވެސް ތަކެތި ނުލިބުމާއި އެއްވެސް ގޮތަކަށް އޯޑަރު ވެސް ނުދެވި ކިޔޫގައި މުއްދަތެއް ނޭގި އިންތިޒާރުގައި ތިބެންޖެހުމުގެ ޝަކުވާއަކަށް ނިމުމެއް ނާދެއެވެ. އަދި ފުލުހުންގެ ހުއްދަ ނަގައިގެން ފިހާރައަކަށް ދިޔަޔަސް، ހަރުގަނޑުތައް ހުސްވެ، ބޭނުންވާ ތަކެތި ނުލިބުމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

ކަންމަތީ ފިހާރަތަކުން މުދާ ހުސްވަނީ ހޯލްސޭލް ވިޔަފާރިތަކުން، ރީޓެއިލަރުންނާ ހަމައަށް މުދާ ލިބުމުގައި ދަތިކަމެއް ހުރުމުން ކަމަށް އެމީހުން ބުނެއެވެ. ލޮކްޑައުންގެ ފުރަތަމަ ދުވަހު ދަތިތަކެއް ދިމާވި ނަމަވެސް، ފަހުން ކަސްޓަމާއި އެމްޕީއެލުން ބުނެފައިވަނީ މިހާލަތުގައި ވެސް މުދާ އެތެރެކޮށް ފިހާރަތަކަށް ދޫކުރުމުގައި ދަތިކަމެއް ނާންނާނެ ގޮތަށް އިންތިޒާމު ކުރަމުންދާ ކަމަށެވެ. ހޯލްސޭލަރުން ބުނަނީ ކަންމަތީ ފިހާރައާ ހަމައަށް މުދާ ނުފޯރަނީ، ބޭނުންވާ ހުއްދަތައް ލިބުން ލަސްވުމުން ލޮކްޑައުންގެ ފުރަތަމަ ތިން ދުވަހު އާންމު ފިހާރަތަކަށް މުދާ ޑެލިވަރީކޮށް ނުދެވި ފުނިޖެހުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެންއީއޯސީން ބުނަނީ ޑެލިވަރީގެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އަޅުގަނޑުމެންގެ މިވަގުތުގެ ސްޓްރެޓެޖީ އަކީ ފޯކަސް ކުރަން ބޮޑެތި ސަޕްލައި ވިޔަފާރިތަކުން، ވަކިވަކި ގޭގެއަށް ފޮނުވުމުގެ ބަދަލުގައި ކަންމަތީ ފިހާރަތަކަށް ސަޕްލައި ކޮށްދިނުން. ދެން އެފިހާރަތަކުން ގޭގެ ދޮރާ ހަމައަށް ގެންދިއުން.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ޑެލިވަރީގެ ކަންކަން ހައްލަކަށް ނޭޅޭނަމަ، އިތުރު ވޮލެންޓިއަރުންނާއި ސަރުކާރުގެ މުވައްޒަފުން ނެރެ، ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެސްޓީއޯއަށް ބާރުބޮޑުވެ، ގިނަ އޯޑަރުތަކެއް ފުނިޖެހުމުން ސިފައިން ވެސް ވަނީ ޑެލިވަރީގެ ޚިދުމަތަށް ނުކުމެފައެވެ. އަދި ޑެލިވަރީގެ ޚިދުމަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވޮލެންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީން އިއުލާންކުރުމުން އެތައް ސަތޭކަ މީހަކު ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޔޫތު މިނިސްޓަރު ވެސް ވަނީ ގޭގެއަށް ތަކެތި ގެންގޮސްދިނުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކާބޯތަކެއްޗާއި މުދާ ޑެލިވަރީ ކުރުމަށް ފުރަތަމަ ވަކި ވަގުތުތަކެއް ކަނޑައެޅި ނަމަވެސް ފަހުން ވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން 24 ގަޑިއިރު ޑެލިވަރީ ކުރެވޭގޮތަށް ހުޅުވާލާފައެވެ. ނަމަވެސް ފިހާރަތަކުން ޒަރޫރީ ތަކެތި ވިއްކަމުންދަނީ ކޮންޓްރޯލް ކޮށްގެންނެވެ. އެހެންކަމުން ޑެލިވަރީގެ ޚިދުމަތުގައި ހުރި މައްސަލަތަކާއެކު، ރޯދައަށް ހަނދުބަލަން ވެފައިވާއިރު، ކާބޯތަކެތި ދަތިކަމެއްނެތި ލިބޭނެކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.