މަރުކަޒީ ބޭންކު، (އެމްއެމްއޭ)އިން ދަރަނި ނެގުމުގައި އަމަލުކުރަންޖެހޭނެކަމަށް ބަޔާންކުރާ އުސޫލުތައް އެއްއަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރުން އިސްތިސްނާކޮށްދެއްވުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިވަގުތު ރާއްޖޭގެ އިޤްތިސާދާއި ދައުލަތުގެ މާލީ ޙާލަތު އޮތްގޮތުން، ގާނޫނީ އިމުގެތެރެއިން ފިޒިކަލް ހަމަތަކާ އެއްގޮތަށް އަމަލު ކުރުމަކީ ދަތިކަމަކަށް ވާނެކަމެއްކަމަށެެވެ.

މީގެއިތުރުން ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ފައިސާ ހޯދުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް މިނިސްޓްރީން ނިންމާފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އިސްތިސްނާވާފަދަ ހާލަތެއް މިހާރު ކުރިމަތިވެފައިވާކަމަށާއި، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށާއި، އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށާއި، ވަޒީފާ ގެއްލޭމީހުންގެ އަދަދު އިތުރުވެ އިގްތިސާދަށް ބޮޑު ގެއްލުމެސއް ލިބިފައިވާކަން މިނިސްޓަރުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައިކަމަށެވެ.

މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %1 އަށްވުރެ އިތުރުނުވާނޭ ގޮތެއްގެމަތިންކަމަށްވެސް ޤާނޫނުގައިވެއެވެ.

މަޖިލީހުގެ ރައީސް މިހައްމަދު ނަޝީދު ނިންމާފައިވަނީ މި ހުށައެޅުވުމަށް، މާދަމާ ޖަލްސާއެއް ބާއްވައިގެން މަޝްވަރާކުރެއްވުމަށެވެ.