ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގެ 14 ވަނަ ދުވުމުގެ ހަރަކާތް އަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.

ދިރާގުން ބުނީ އިވެންޓް ފަސްކުރުމަށް ނިންމާފައިވަނީ ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ކޮވިޑް-19 މުޖުތަމަޢުގައި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައިވުމުން، މީހުން ގިނައިން އެއްވާގޮތަށް ބާއްވާ އެއްވެސް ބޮޑު ހަރަކާތެއް މިއަހަރު ދިރާގުން ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ދިރާގު މޯލްޑްވިސް ރޯޑްރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވެރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެންދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

އެހެންނަމަވެސް ދުވުންތެރިންނާއި މުޖްތަމަޢުގެ ދުޅަހެޔޮ ޞިއްޙަތާއި، ސަލާމަތާއި ރައްކާތެރި ކަމަކީ ދިރާގުން އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްތައް ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ޤައުމުގެ ޙާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ދިރާގުން ހާމަކުރެއެވެ.

އަންނަ އަހަރު، މި ޕެންޑަމިކްއިން ސަލާމަތްވެއްޖެނަމަ އިތުރު ފުރިހަމަކަމާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.