ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ކޭމްޕް ނޯ ގެ ނަން ސްޕޮންސަރަށް ވިއްކާލައިގެން ލިބޭ ފައިސާ ސްޕެއިންގައި ހަރަކާތްތެރިވާ ކޮވިޑް އާއި ދެކޮޅަށް މަސައްކަތްކުރާ ފަންޑަކަށް ދޭން ނިންމައިފިއެވެ.

މިއީ 1957 ވަނަ އަހަރު ކެޓަލޫނިއާ ސަރަހައްދުގައި ގާއިމުކުރި ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ ނަން ބަދަލުކުރާ ފުރަތަމަ ފަހަރެވެ. މި ނިންމުން ނިންމާފައިވަނީ ބާސެލޯނާގެ ބޯޑު މެމްބަރުގެމެދުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ބާސެލޯނާ ވަނީ މިހާލަތުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ސްޕޮންސަރެއް ހޯދުމަށް ބާސާ ފައުންޑޭޝަނަށް އެކަން ވަނީ ހަވާލުކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުން މިކަމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މިހަފުތާގެ ތެރޭގައި އެއީ ކޮން ފަރާތެއްކަން ހާމަކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭމްޕް ނޯ ގެ ނަން ސްޕޮންސަރަށް ވިއްކައިގެން ލިބޭ ހުރިހާ ފައިސާ ޚަރަދުކުރާނީ ކޮވިޑް-19 އާ ގުޅޭގޮތުން ދުނިޔޭގައި ކުރިއަށްގެންދާ ހޯދުންތަކަށް މާލީ ގޮތުން އެހީވުމަށް ކަމަށެވެ.

މި ހާލަތުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ބާސެލޯނާއިން ވަނީ އެ ކުލަބުގެ ކުޅުންތެރިންގެ އެދުމުގެ މަތިން މުސާރަ ކުޑަކޮށްފައެވެ. އަދިވެސް ގިނަ ނިންމުންތަކެއް އެ ކުލަބުން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ކުލަބަށް ފައިސާހޯދުމަށް މިއަހަރު ކުރެވިދާނެ ކަންކަމާއި ސަޕޯޓަރުންނަށް ހާއްސަ ކަންތައްތަކެއް ކޮށްދިނުމަށް އެކުލަބުގެ ބޯޑުން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް ހާމައެއްނުކުރެއެވެ.