އާންމުގޮތެއްގައި ކޮންމެ ރޯދަ މަހަކީވެސް، ތަފާތު ވައްތަރުގެ ކާބޯތަކެތި ސުފުރާ މަތިން ފެންނަ ދުވަސްވަރެކެވެ. ތަފާތު ވައްތަރުގެ ތެލުލި ހެދިކާތަކާއި، އެކި ވައްތަރުގެ ފޮނި ކާތަކެތި އަބަދުވެސް ކޮންމެ ރޯދަ މަހަކުވެސް ގެތަކުގައި ތައްޔާރުކުރެއެވެ.

މިކަމަކީ ކުރުން އެންމެ ރަނގަޅު ކަމަކަށް ނުވިކަމުގައިވިޔަސް، މިކަންކަމާއި ނުލައި ދިވެހިންނަށް ރޯދަ މަސް، ހަގީގީ ރޯދަ މަހަކަށް ނުވެއެވެ. އެހެންނަމަވެސް، ކޮވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުންދާ މިދަނޑިވަޅުގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރާއިރު، މިރޯދަ މަހު ސުފުރާ މަތި، އެހާ ތިޔާގި ކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އިގްތިސާދީ ގޮތުން ވިޔަސް، ސިއްހީ ގޮތުން ވިޔަސް މިއީ ކުރުން ރަނގަޅުކަމެއްނޫން ކަމަށް ސިއްހީ މާހިރުންވެސް އަންނަނީ ބުނަމުންނެވެ.

މިރޯދަ މަހު ސިއްހަތަށް ގެއްލުންދޭ ކެއުންތަކުން ދުރުވެ ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޑރ މޫސާ މުރާދު ވިދާޅުވީ އާންމުގޮތެއްގައި ހުރިހާ ރޯދަ މަހެއްގައިވެސް ސިއްހީ ގޮތުން ނުރަނގަޅު ކައި އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޚާއްސަގޮތެއްގައި ގޭސްޓްރިކްގެ މައްސަލަތައް ދިމާވުމާއި ގުޅިގެން ހޮސްޕިޓަަލަށް ދާ މީހުންގެ އަދަދު ގިނަވާކަން ޑރ މުރާދު ވަނީ ފާހަގަކުރައްވާފައެވެ.

ޚާއްސަކޮށް، މިދުވަސްކޮޅު ޑޮކްޓަރަށް ދައްކަން ނުވަތަ ހޮސްޕިޓަލަށް ދާންް ޖެހުމުގެ ފުރުސަތު ކުޑަކުރަން އެބަޖެހޭ. އެހެންވީމަ، މިދުވަސްކޮޅު ސިއްހަތަށް ފައިދާހުރި ކާނާ ކެއުން ގިނަކޮށް، ސިއްހަތަށް ގެއްލުންދޭ ކާނާ ކެއުމުން ދުރުވާންޖެހޭ.
ޑރ މޫސާ މުރާދު

ތިން ދުވަހުން އެއްދުވަހު، ފިހާރަތަކަށް ދިޔުމަށް ހުއްދަ ދޫކުރަމުންދާއިރު، ފިހާރަތަކަށް ދިޔުމުގައިވެސް ސަމާލުވާންޖެހޭ ކަންކަން ހުރިކަން ޑރ މުރާދު ފާހަގަކުރެއްވިއެވެ. އެގޮތުން ގައިދުރުކަން ދެމެހެއްޓުމަށާއި، ފިހާރައަށް ގޮސް އުޅޭއިިރު އާންމުގޮތެއްގައި ތަކެތީގައި އަތްލައި އުސޫލު ދޫކޮށްލައި، ހަމައެކަނި ނަގަން ބޭނުންވާ އެއްޗެއްގައި އެކަން އަތްލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޭރަށް ނުކުންނަމަ، މާސްކު އަޅައިގެން ނުކުތުމަށްވެސް ޑރ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެއްވެސް ވަރަކަށް ކުޑަކުދިން ބޭރަށް ނުނެރުމަށާއި އުމުރުން ދުވަސްވީ މީހުންވެސް ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ވިޔަފާރިކޮށްގެން ނުވަތަ ޑެލިވަރީގެ ޚިދުމަތް މެދުވެރިކޮށް ގެއަށް ގެންނަ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ވަރަށް ގިނަ އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ. ޑރ މުރާދު ވަނީ އެކި ވައްތަރު ކާބޯތަކެތި ގެނައުމަށްފަހު އަމަލުކުރަންވީ ގޮތް ހިއްސާކުރައްވާފައެވެ.

އެގޮތުން، މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތައްނަމަ، ގެނައުމަށްފަހު އިސްކުރު ފެނުން ދޮވެލުމަށްފަހު ރައްކާކުރުމުން ރަނގަޅު ވާނެ ކަމަށާއި ގަނޑުކުރި މަހުގެ ބާވަތްތައްނަމަ، ވަގުތުން ބޭނުންކުރަން ބޭނުންނުވާނަމަ، އައިސްއަލަމާރިއަށް ލުމުން ފުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޕެކެޓްކޮށްފައި ހުންނަ ބިސްކޯދު ފަދަ ތަކެތި ވަގުތުން ކާން ބޭނުންވާނަމަ، ޕެކެޓުން ނެގުމަށްފަހު ގޭގައި ގެންގުޅޭ ތަށްޓަކަށް އަޅައި އަތް ދޮވުމުން ރަނގަޅުވާނެ ކަމަށް ޑރ ވިދާޅުވިއެވެ. އަދި ވަގުތުން ކާން ބޭނުންނުވާނަމަ ރައްކާތެރިކަމާއެކު ތަނެއްގައި ބެހެއްޓުމުން ރަނގަޅުވާނެ ކަމަށާއި، ކާން ބޭނުންވުމުން އަތް ދޮވެ އަދި ކެއުމަށްފަހު ޕެކެޓު ޑަސްބިނަށްލުމަށްފަހު އަތް ދޮވުމުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. ޑެލިވަރީގެ ޚިދުމަތް ބޭނުންކޮށްގެން ކެފޭ، ރެސްޓޯރަންޓްތަކުން ގެންނަ ކާބޯތަކެތި، ގޭގައި ބޭނުންކުރާ ތަށްޓަކަށް އެޅުމަށްފަހު އެގެންނަ ޕާރުސަލު ނުވަތަ ޕެކިންގ އެއްލާލުމަށްފަހު ރަނގަޅަށް އަތްދޮވުމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުރިހާ އެއްޗެހި ކްލޮރިން ފެނުން، ސައިބޯނި ފެނުން ދޮންނާކަށް، ނުވަތަ ސައިބޯނި ފެނަށް އަޅާފައި ބަހައްޓާކަށް ނުޖެހޭ. ފިހާރަތަކުން ނުވަތަ ކެފޭ، ރެސްޓޯރަންޓްތަކުން ގެންނަ ތަކެތީގައި އަތްލާފައި އޭގައި ކަވަރެއް ހުރިއްޔާ އެ އެއްލާފައި އަތް ދޮވުނީމަ ރަނގަޅުވާނެ
ޑރ މޫސާ މުރާދު

އެކި ގޮތްގޮތުން ބެލި ކަމުގައިވިޔަސް، މިފަހަރުގެ ރޯދަ މަހަކީ ކެއިންބުއިމުގައި އެހެންޏާ ނުބަލާ ވަރަށް ބަލަން ޖެހޭނެ މަހެކެވެ. ބލިތަކުން ދުރުވެ، ހޮސްޕިޓަލުތަކަށް ދިޔުން މަދުކުރުމަށް ސިއްހީ ގޮތުން ނުރަނގަޅު ކާނާ ކެއުން މަދުކުރަންޖެހޭއިރު، އިގްތިސާދީ ގޮތުން ބެލިޔަސް މިފަހަރުގެ ރޯދަ މަހަކީ އެހެން މަސްމަަހަށްވުރެ ސަމާލުކަން ދީގެން ކާބޯތަކެތި ތައްޔާރު ކުރަން ޖެހޭނެ މަހެކެވެ.