ރާއްޖޭގެ އިގްތިސާދަށް ވަރަށްބޮޑެތި ލޮޅުންތަކެއް އައިސްފައިވާއިރު، އިޤްތިސޯދަށް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުން ފިޔަވަޅު ނާޅައިފި ނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ގެއްލެމުންދާ އިގްތިސޯދު އެބަ ހޯދަން ޖެހޭ ކަމަށާއި، މިވަގުތަށް ކުރަމުންދަނީ ސިއްހީ ދާއިރާ އަށް ކުރަންޖެހޭ މުހިންމު ޚަރަދު ތަކާއި، މުވައްޒަފުންގެ މުސާރަ އާއި، އެނޫންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި އިޤްތިސޯދީ ވަޅުގަނޑުން އަރައިގަަނެވިގެން ނޫނީ އިގްތިސާދު ހަމައަކަށް ނޭޅޭނެ ކަމަށެވެ. އަދި އިގްތިސޯދު އިތުރަށް ގޯސްވިއަ ނުދިނުމަށް ގައުމުގައި ފައިސާ ދައުރުކުރުވަންޖެހޭއިރު މިންވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އެގޮތުން ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނިންމި ނަމަވެސް، އެއީ ފައިސާ ޗާޕް ޖެހުމެއް ނޫން ކަމަށާއި، އަދި ބްލޭންކް ޗެކެއް ހޯދަން މަޖިލީހުގައި އެދިފައި ނުވާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހުގައި އެދިފައި ވާނީ، ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް އޯވަޑްރޯ ކުރަން ކަމަށެވެ. އަދި އެއީ ގާތްގަނޑަކަަަށް 220 މިލިއަން ރުފިޔާ ކަމަށާއި، އެއީ މިހާރުވެސް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރާ މިންވަރެއް ކަމަށެވެ.

މިވަގުތު އިޤްތިސޯދީ ކާރިސާއެއް ކުރިމަތުވެފައިވާއިރު، ދައުލަތުން ފިޔަވަޅު ނާޅައިފިނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފަައިވާ މާލީ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް، ބައެއް މާއްދާތަކަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ އަށް ސަރުކާރުން ވަނީ މަޖިލީހުގައި އެދިފައެވެ.