ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާއި ގުޅިގެން ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން ރަސްމީކޮށް އެދޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދަރަނިތައް ފަސްކޮށްދީފިނަމަ މިއަހަރުތެރޭ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

މިހާރު ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ޑެޓް ރިލީފް މޮރޮޓޯރިއަމްއަމެއް ދިނުމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކާއިއެކު ބޭއްވި ބައްދަލުވުންތަކުގައި ޖީ20ގެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެެވެ.

ރާއްޖެއަށް ޑެޓް ރިލީފް މޮރޮޓޯރިއަމްއެއް ލިބިއްޖެނަމަ މިއަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ހަރަދު ހުންނާނީ 25 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރަށް މިއަދުގެ ބައްދަލުވުމުގައިވެސް މިނިސްޓަރ ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި ކުންފުނިތަކުން ހަރަދުކުޑަ ކުރުމަށް އިސްކަން ދިނުމަށް ގޮވާލައި ބައެއް ކަންކަން އާންމު ކުރައްވާފައެވެ. އެގޮތުން ސަރުކާރުން މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށްވަނީ ވިދާޅުވެފައެވެ.

އެގޮތުން، ދައުލަތުގެ މުސާރަ ކުޑަ ކުރެއްވުމާއި، އައު މުވައްޒަފުން ނުނެގުމާއި، ދަތުރުފަތުރުތައް ނުކުރެއްވުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އައު މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރަށް 35،000 ރުފިޔާއަށްވުރެ ބޮޑު ހަރަދެއްކުރާނަމަ މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރަށް މިނިސްޓަރ ވަނީ ފަތުރުވެރިކަން ހުއްޓިފައިވުމުގެ ސަބަބުން ދައުލަތަށް ލިބޭ ފައިސާގެ އަދަދުވެސް ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހިންގަމުން އަންނަ ރިޒޯޓުތަކުން ދައުލަތަށް ބިމުކުއްޔާއި، ޓެކްސް ފައިސާވެސް ނުލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ކަންކަމުގެ ސަބަބުން ދައުލަތަށް ވާނެ ގެއްލުންތައް ބެލުމުގެ މަސައްކަތް ޓުއަރިޒްމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރަމުންދާނެ ކަމަށެވެ.

އެންމެ އަވަހަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެެނީ ޖުލައިމަހުގެ ތެރޭގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެކަމާއިގުޅޭ ފަސް ސިނާރިއޯއެއް މިހާރުވެސް ތައްޔާރު ކުރެވިފައިވާ ކަމަށާއި އެންމެ ގޯސް ސިނާރިއޯއެއްގެ ގޮތުގައި ބެލެވެނީ މިއަހަރު ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް ނާންނާނެ ކަމަށް ލަފާކޮށް ތައްޔާރުކޮށްފައިވާ ސިނާރިއޯ ކަމަށެވެ. އެހާލަތުގައި ރާއްޖޭގެ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށަށް ދާނެ ކަމަށާއި އެއީ ފައިސާގެ ގޮތުން ބަލާކަމުގައިވާނަމަ 81 ބިލިއަން ރުފިޔާގެ ދަށްވުމެއްކަމަށް ވިދާޅުވިއެވެ.