ދިވެހިރާއްޖޭގެ ހަމައެކަނި ފުލީފްލެޖު އިސްލާމީ އިންޝުއަރަންސް ޚިދުމަތްދޭ އަމާނާ ތަކާފުލް މޯލްޑިވްސްގެ ނުވަވަނަ އަހަރީ ޢާއްމު ޖަލްސާ ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވި އަހަރީ ޢާއްމު ޖަލްސާކައެވެ. އަމާނާ ތަކާފުލް އިން ބުނީ އެކުންފުނިން، އަދުގެ ހާލަތަށް ބަލައި މަދަނީ ގައިދުރުކަމަށް އިސްކަންދީ ސިއްޚީ ކުއްލި ހާލަތުގެ އަސާސްތަކާ އެއްގޮތަށް ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ނިންމީ ދުނިޔޭގައި މިއޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަވަސް މުއްދަތެއްގައި ނިމުމަކަށް އަންނާނެ ކަމަށް ފެންނަން ނެތުމުން ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި އަހަރީ ޢާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާއިތުވި 2019 ވަނަ އަހަރުގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފައެވެ.

އަމާނާ ތަކަފުލް އިން ބުނީ 2019 ވަނަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި 14.9 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ކުންފުނީގެ ޖުމްލަ ޢާމްދަނީގެ ގޮތުގައި ފާއިތުވި އަހަރު 138 މިލިއަން ދިވެހިރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ، 2019 ވަނައަހަރު އިންޝުއަރަންސް ސިޢާއަތް އަހަރުން އަހަރަށް ކުރިއަރާފައިވާ މިންވަރަށްވުރެ އިތުރު މިންވަރެއްކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަމާނާ ތަކަފުލް އިން ބުނީ އަހަރުން އަހަރަށް ކުންފުނީގެ އާމްދަނީ އަދި ފައިދާ ކުރިއެރުމުގެ އަސްލަކީ ކުންފުނިން ދުޅަހެޔޮ ރިސްކުތައް އަންޑަރައިޓް ކުރުމާއި، ބަދަލު ދިނުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކުގެ އިތުރުން އިސްކް ފަންޑް އަދި ހިއްސާދާރުންގެ ފަންޑުން އިންވެސްޓް ކުރުމުގައި ގެންގުޅޭ ފުރިހަމަ އުސޫލުތައް ކަމަށެވެ.

އަމާނާ ތަކަފުލް އިން 2019 ވަނައަހަރު ބަދަލުގެ ގޮތުގައި ޖުމްލަ 66.2 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދީފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ފާއިތުވި 2018 ވަނައަހަރާއި އަޅާ ބަލާއިރު 39 އިންސައްތައިގެ އިތުރު ޢަދަދެކެވެ. ބަދަލުދިނުމުގެ ކަންކަން ފުރިހަމަވެފައިވަނީ ކުންފުނީގެ ރީތަކަފުލް ބައިވެރިންނަކީ ބައިނަލްއަޤްވާމީ ރޭޓިންގ އެޖެންސީ ތަކުން ރޭޓްކުރެވިފައިވާ މަތީ ދަރަޖައިގެ ކުންފުނިތައް ކަމަށްވުމާއެކު އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާތީ ކަމަށް އަމާނާ ތަކަފުލްއިން މައުލޫމާތުދެއެވެ.

2019 ވަނަ އަހަރުގެ ފައިދާ ބެހުމަށް ނިންމުމާއެކު، މިއީ ޖެހިޖެހިގެން ކުންފުނީގެ އަމާނާ ތަކަފުލްގެ ހިއްސާދާރުންނަށް ފައިދާ ބަހަމުންދާތާ 8 ވަނަ އަހަރެއެވެ. 2019 ވަނައަހަރުގެ އިންޓެރިމް ފައިދާ ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ބަހާފައެވެ. އަދި، އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ނިންމާފައި ވަނީ 2019 ވަނައަހަރުގެ ފައިނަލް ޑިވިޑަންޑް ހިއްސާދާރުންނަށް ބެހުމަށެވެ. މިކަން ހާމަކުރުމުގެ ގޮތުން ކުންފުނީގެ ޗެއާމަން، މރ. ތައްޔިބު އަކުބަރު އަލީ ވިދާޅުވީ، ބޭނުންވަނީ ގޮންޖެހުންތަކާއެކުވެސް ކުންފުނީގެ ނަތީޖާ ރަގަޅުވެފައި ވަނީ، އަމާޒަށް ވާސިލުވުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ނަތީޖާއަށް ބަލައި 2019 ވަނަ އަހަރު ހިއްސާދާރުންނަށް ކުންފުނީގެ ސާފުފައިދާ ގެ ތެރެއިން 10 އިންސައްތަ ކަމަށްވާ 2.6 މިލިއަން ރުފިޔާ ބެހުމަށް ނިންމާ އެކަން ތައްޔިބް އަކްބަރު ވަނީ އިޢުލާނު ކުރައްވާފައެވެ.

އަޅުގަޑު މިފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ގޮންޖެހުންތަކާއެކުވެސް ކުންފުނީގެ ނަތީޖާ ރަގަޅުވެފައި މިވަނީ، އަމާޒަށް ވާސިލުވުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައެވެ. ވީމާ، ކުނަފުނީގެ މާލީ ނަތީޖާއަށް ބަލައި 2019 ވަނަ އަހަރު ހިއްސާދާރުންނަށް ކުންފުނީގެ ސާފުފައިދާ ގެ ތެރެއިން 10 އިންސައްތަ ކަމަށްވާ 2.6 މިލިއަން ރުފިޔާ ބެހުމަށް ނިންމާ އެކަން އިޢުލާނު ކުރުމުގެ އުފާ އަޅުގަޑު ލިބިގަންނަމެވެ."
ކުންފުނީގެ ޗެއާމަން، ތައްޔިބު އަކުބަރު އަލީ

އަމާނާ ތަކަފުލް އިން ބުނީ ހިއްސާބެހުމަށް ކަޑައެޅިފައިވާ އުސޫލުގެ ތެރެއިން ބުކް ކްލޯޝަރ ތާރީޚު ކަމުގައިވާ 16 އެޕްރިލް 2020 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައިވާ ހުރިހާ ހިއްސާދާރުންނަށް ފައިދާ ލިބޭނެ ކަމަށެވެ.

ކުންފުނީގެ ރިސްކް ފަންޑު ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކުގެ ހަރުދަނާ ކަމުން ރިސްކް ފަންޑުން ކުންފުނީގެ ތަކާފުލް ޚިދުމަތްތައް ވެއަތުވެދިޔަ އެކައުންޓިންގ ޕީރިއަޑްގެ ނަންގަވާފައިވާ ކަސްޓަމަރުންގެ ތެރެއިން ބަދަލުދޭން ޖެހިފައިނުވާ ހުރިހާ ފަރާތްތަކަކަށް 14 އިންސައްތަ ސާޕްލަސް ގޮތުގައި ދިނުމަށްވެސް ވަނީ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައެވެ. މިއީ ސާޕްލަސް ޖެހިޖެހިގެން ދެވޭ 7 ވަނަ އަހަރުކަން މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ. ކުންފުނީގެ ހުރިހާވެސް ކުރިއެރުމެއް ގުޅިފައިވަނީ ތަކާފުލްގެ އަސާސްތަކުގެ ތެރެއިން ކުންފުނި ހިންގުމާއި، އެތިކަލް އުސޫލުތައް ހިފެހެޓުމުގެ ސަބަބުން ކުންފުނީގެ ނިންމުންތައް ހަރުދަނާވެ، ކަސްޓަމަރުންނަށް ކުންފުންޏާމެދު އޮތް އިތުބާރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީއެވެ."
ޗެއާމަން ތައްޔިބު އަކުބަރު އަލީ

އިސްލާމީ ޝަރީއާގެ މަތިވެރި އުސޫލުތަކުގެ ތެރެއިން މުޢާމަލާތް ކުރަމުންދާ އަމާނާ ތަކާފުލް މޯލްޑިވްސް އަކީ ޒިންމާދާރު ވިޔަފާރި ކުރުމުގައި ދެމިހުރި ކުންފުންޏެކެވެ. އަދި، ކުންފުނީގެ ކަންކަން ތަރުތީބުކުރެވިފައިވަނީ ތަކާފުލްގެ މަހްފޫމުގައިވާ ފަދައިން ބައިވެރިންގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމާއި، ހުރިހާ ސްޓޭކްހޯލްޑަރުންގެ މަސްލަހަތު ހިމާޔަތްކުރުމާއި ދެފުށްފެންނަ ގޮތަށް މުޢާމަލާތް ހިންގުމަށެވެ.

އަޅުގަޑުމެންނަކީ އަބަދުވެސް ބަދަލުތަކަށް ތައްޔާރު ކުނަފުންޏަކީމެވެ. ޓެކްނޮލޮޖީ އާއި އައު ކަންތައްތަކާއި ރައްޓެހި އަމާނާ ތަކާފުލްގެ ފަރާތުން ފާއިތުވި އަހަރު ކަންތައްތަކެއް ކުރެވުނެވެ. އެގޮތުން އަޅުގަޑުމެންގެ ގިނަ ޚިދުމަތްތަކެއް އޮންލައިން ކުރެވި، ކަސްޓަމަރުންނަށް ތަފާތު އާތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އަޅުގަޑުމެންގެ ސިސްޓަމްތަކުގެ އެހީގައި މިހާރު ލިބެންހުންނާނެއެވެ. އެގޮތުން ވެބްސައިޓް އަދި މޯބައިލް އެޕްވެސް ވާނީ ފާއިތުވި އަހަރު ބޮޑެތި ބަދަލުތަކާއެކު ރިލޯންޗް ކުރެވިފައެވެ. ގިނަ ޚިދުމަތްތަކެއް އޮންލައިން ކުރެވިފައިވާއިރު ކަސްޓަމަރުންގެ ވަޤުތު ސަލާމަތް ވެގެންދާނެއެވެ."
ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ, ހަރީޒު ސުލައިމާން

މެނެޖިންގ ޑިރެކްޓަރ ހަޒީރު ސުލައިމާން އިތުރަށް ވިދާޅުވީ، ތަކާފުލް އަދި އިސްލާމީ މާލީ ނިޒާމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުންފުނިން ކުރާ ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުވެސް "ތަކާފުލް އެޑްވޮކަސީ" ގެ ނަމުގައި މި ޕްރޮގްރާމް ސްކޫލް މަދުރަސާ ދަރިވަރުންނަށާއި އަދި ޒުވާނުންނަށް ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ.

ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުން ވަނީ ޑރ. އަބުދުﷲ ޝިހާމް ހަސަން އިންޑިޕެންޑަންޓް ޑިރެކްޓަރެއްގެ ގޮތުގައި އިތުރު އަހަރަކަށް ޑިރެކްޓަރުންގެ ބޯޑަށް ހޮވާފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިއްސާދާރުންނަށް ކުންފުނީގެ ފަރާތުން ހިލޭ ޕާސަނަލް އެކްސިޑެންޓް ކަވަރ ދިނުމަށް އަމާނާ ތަކަފުލްގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ ބޯޑުގައި މިހާރު ތިއްބެވި ޑިރެކްޓަރުންނަކީ ޗެއާމަން ތައްޔިބު އަކްބަރ އަލީ، މެނެޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން، ޑިރެކްޓަރުން ކަމަށްވާ އޮސްމާން ކާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް، އެމްއެޗްއެމް ރަފީޤް، ޑރ. އަބުދުﷲ ޝިހާމް ހަސަން، ޢަބުދުﷲ ކާސިމް އެވެ.