ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މޯލްޑިވިއަންއިން ކާގޯ ދަތުރުތަކެއް އަތޮޅުތެރެއަށް ކުރަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހުކުރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވި ދަތިތައް ހައްލުކުރުމަށް މޯލްޑިވިއަންއިން ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ޑޮމެސްޓިކް އެއާޕޯޓުތަކަށް ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިކަން ކުރުމަށް ރަށްރަށަށް ލިބުމަށް ދަތިވާ ތަކެތީގެ ލިސްޓެއް ކައުންސިލްތަކުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ހިއްސާކުރުމުން އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން މުދަލާއެކު ކާގޯ ފްލައިޓްތައް އަތޮޅުތަކަށް ދަތުރުކުރާނެ ކަމަށެވެ.

މިކަންކަމުގައި ކޯޑިނޭޓް ކުރަނީ އެލްޖީއޭއާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކައުންސިލްތަކުން އެރަށަށް ބޭނުންވާ އޯޑަރުތަކުގެ ލިސްޓު އެލްޖިއޭއާ ހަވާލުކުރާ ކަހަލަ އިންތިޒާމެއް. ދެން އިންތިޒާމުތަކުގެ ތަފްސީލުތައް އެލްޖީއޭގެ ފަރާތުން ކައުންސިލްތަކާ ހިއްސާކުރާނެ.
މަބްރޫކް އަޒީޒް

މީގެ އިތުރަށް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ކަރަންޓީންގެ މުއްދަތު ހަމަވެފައިވާ މީހުން އެމީހުންގެ އަތޮޅާ ހަމައަށް ގެންދިއުމުގައިވެސް މި ފްލައިޓްތައް ހަރަކާތްތެރިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް، މާލެއަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން ރޯދަމަހާ ދިމާކޮށް ރަށްރަށަށް ބޭނުންވާ ކާބޯތަކެތި އަދިވެސް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ރަށްރަށުންދަނީ ކުރަމުންނެވެ.