• ކޮވިޑް-19 ރާއްޖޭގެ އިޤްތިސޯދު އޮތީ ވަރަށް ހާލުގައި: އަމީރު
  • އެމްއެމްއޭ އިން 4.2 ބިލިޔަން ރުފިޔާ ނަގަން ވަނީ ހުށަހަޅާފައި
  • ކޭޝްފްލޯ ރަނގަޅު ކުރަން ސަރުކާރަށް ހުއްދަ ދޭންޖެހޭ: މެމްބަރުން
  • ފައިސާ ހޭދަކުރާ ގޮތުގެ ތަފްސީލް މަޖިލީހަށް އެނގެންވާނެ: މެންބަރުން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފަައިވާ މާލީ ދަތިކަން ހައްލުކުރުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން 4.2 ބިލިޔަން ރުފިޔާ ނަގާއިރު، އެފައިސާ ހަރަދުކުރާނެ ގޮތް ތަފްސީލްކޮށްދެއްވުމަށް މަޖިލީހުގެ ބައެއް މެންބަރުން އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރަށް ސަސްޕެންޑް ކޮށްދިނުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. މިކަމަށް އެދިވަޑައިގެންފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން މިވަގުރު ރާއްޖެއަށް ކުރިމަތިވެފައި ވަނީ އިސްތިސްނާ ހާލަތަކަށް ވުމުންނެވެ.

އިގުތިސާދީ ހަރަކާތެއް ހިންގަން ނޫނީ ދަރަންޏަށް ފައިސާ ހޯދުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނު ތަނެއް ނުދެއެވެ. އެހެންކަމުން އެފަދަ އިސްތިސްނާ ހާލަތްތަކެއް ކަނޑައަޅައި، އެ ހާލަތުގައި މަޖިލީހުގެ ހުއްދަ ހޯދަން ޖެހެއެވެ.

މި މައްސަލައިގައި މިއަދު ބަހުސްކުރައްވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ސަރުކާރުން ދަރަންޏަށް ނަގާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މަޖިލީހަށް އެނގެންވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް

އެގޮތުން އެ ފައިސާ ހަރަދުކުރާނެ ގޮތުގެ މައުލޫމާތު މަޖިލީހަށް އެނގެންވާނެ ކަމަށާއި، އަދި އެ ފައިސާ ލިބި ހަރަދުކުރަމުންދާއިރު، ފައިސާ ހޭދަ ކުރާ ގޮތުގެ މައުލޫމާތު މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯރުކޮށްދޭންވާނެ ކަމަށެވެ. އަދި އެފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް، ކެޓަގަރީތައް ވަކިވަކިން އަންދާޒާކުރާ ގޮތަކަށް މަޖިލީހަށް އެނގެން ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަންކަން ފުރިހަމަވާނެ ގޮތެއް ކޮމެޓީ މަރުހަލާގައި ބައްލައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފް

މެންބަރު ހަސަން ލަތީފު ވިދޅުވީ، ރާއްޖޭގެ އިޤްތިސޯދު ވެންޓިލޭރެއްގެ އެހީގައި އޮންނަތާ ހަފްތާއެއް ވެއްޖެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވުމުން ހައިރާންވި ކަމަށެވެ.

ނަމަވެސް ދެންވެސް އަވަހަށް މަސައްކަތް ކުރަންވީ، ދައުލަތުގެ އިޤްތިސޯދު ވެންޓިލޭޓަރުން ނެރޭނެ ގޮތް ހެދުމަށް މަސައްކަތް ކުރުން ކަމަށާއި، މަޖިލީހުން އެ މަސައްކަތް ކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށްވެސް މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

ނަމަވެސް އެފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލާއި އެކަން މަޖިލީހަށް އޯވަސައިޓް ކުރެވޭނެ ހަރުދަނާ ގޮތްތަކެއް އެނގިފައި އޮތުން މުހިންމު ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އަހުމަދު އަބުދުﷲ

މި މައްސަލައަށް ބަހުސްކުރައްވަމުން، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، މިވަގުތު އެންމެ މުހިންމު ކަމަކަށް ވާންވާނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ވިސްނުންގެންގުޅުއްވަން ޖެހޭ ކަމަށެވެ. އަދި އެ ވިސްނުން މަޖިލީހުންވެސް އަބަދުވެސް ގެންގުޅޭނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ދައުލަތުން ދޫކުރާ ފައިސާގެ ޚަރަދު ބަރަދުގެ ތަފްސީލް އާއި، އެފައިސާ އަކީ އެންމެ ރަނގަޅު ގޮތުގައި، ދެވޭ އަދި މި ދިމާވެފައިވާ ދަތިހާލުން އަރައިގަތުމަށް ހަރަދުކުރުމަށް ދޫކުރެވޭ ފައިސާކަން މަޖިލީހުން ކަށަވަރުކުރުން މުހިންމު ކަމަށްވެސް މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވި އެވެ.

މީގެ އިތުރަށް ދައުރުވާ ދިވެހި ފައިސާގެ އަދަދު އިތުރުވެގެންގޮސްފިނަމަ، ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެހެން ހިނގައިދާނެ ކަމަށާއި، އެހެންވެއްޖެނަމަ ދިވެހި ފައިސާގެ އަގު ވެއްޓުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި މިވަގުތު ބޭރުގެ އެހީތައް ހޯދުމަށް އިތުރަށް މަސައްކަތްކޮށް، ރާއްޖެއަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރަން މިހާރަށްވުރެ ބޮޑަށް އިތުރު ކުރުމަކީ މިވަގުތު ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު އަހުމަދު އަބުދުﷲ މިވަގުތަދީ ދަތިއުނދަގޫ ކަމެއް ކަމަށާއި، ކިތަންމެ ދަތި ނިންމުމެއް ނަމަވެސް މިވަގުތު ރައްޔިތުންނަށް ބޭނުންވާ ފައިސާ ދީ، ރައްޔިތުންގެ ހައްގުގައި މިކަމުން ދިމާވެދާނެ ދަތިކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަންވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މެންބަރު ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ދަނޑިވަޅަކީ މުޅި ދުނިޔެ ތަހައްމަލްކުރަމުންދާ ދަތިވަގުތެއް ކަމަށެވެ.

މެންބަރު ރޮޒައިނާ ވިދާޅުވީ، މި ދަތި ހާލަތުގައި އިޤްތިސޯދީ ދަތިކަމުން އަރައިގަނެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މުހިންމު މައްްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، އެ ހުށަހަޅުމަކީ ސަރުކާރުން މިއަހަރަށް ލަފާކޮށްފައިވާ 2020ގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރު ނުލިބޭނެކަން ޔަގީންވުމާއެކު، ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި ވަޒީފާތަކުގައި ތިބި މީހުންނަށް މުސާރަ ދެވޭނެ ގޮތްތަކާއި، ވަޒީފާ ގެއްލިފައިވާ މީހުންނަށް ފައިސާގެ އެހީތެރިކަމެއް ދެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ. މީގެ އިތުރަށް މަސްވެރިން ބާނާ މަހަށް ފައިސާދީ، ދަނޑުވެރިން ހައްދާ ތަކެތި ގަނެވޭނެ ގޮތްތައް ހޯދުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ މި މައްސަލަ އަކީ، މަޖިލީހުގެ އޯވަރސައިޓް މަސައްކަތް ހުއްޓާލައި ބްލޭންކް ޗެކެއް ހޯދަން ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މެޖޯރިޓީ ޑެޕިއުޓީ ލީޑަރުވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއިން ދޭހަވަނީ މަޖިލީހަށް ކަމެއް އޮޅުވާލުމުގެ ވިސްނުން ސަރުކާރުގައި ނެތްކަން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުން ތިބީ ހަގީގަތުގަ ވަރަށް ހާލުގަ. މިވަގުތަކީ މި މަޖިލީހުންވެސް ކަންކަން ނިންމައި ވީހާވެސް އަވަހަށް ކަންކަން ނިންމަންޖެެހޭ ވަގުތެއް. އަޅުގަނޑު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމްގެ ހުށަހެޅުމަށް ތާއީދުކުރަން. އެއީ ލަސްނުކޮށް ސަރުކާރުން އެދިފަވާ ގޮތަށް މި ހުއްދަ ދިނުމަށް މަޖިލީހުން ވޯޓަކަށް އަހާ ފާސްކުރުން. އެންމެ ދުވަހެއްވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ހުއްޓިގެން ނުވާނެ މިމަޖިލީހުގެ ސަބަބަކުން.
މެންބަރު ރޮޒައިނާ

ރޮޒައިނާ ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް މަޖިލީހުން އަބަދުވެސް ކުރާނެ ކަމަށާއި، އަދި އެއީ ޤާނޫނުއަސާސީން މެންބަރުންނަށް އޮތް ޒިންމާއެއް ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުގެން ސަރުކާރުގެ ކޭޝްފްލޯ ހައްލުކުރުމަށްޓަކައި އެމްއެމްއޭ އިން އޯވަ ޑްރާފްޓް ހެދޭނެ ފުރުސަތު ހޯދަން ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ގޮތަށް އެ ހުއްދަ ދިނުން މިވަގުތު މުހިންމު ކަމަށާއި، އޭގެ ސަބަބުން ގެއްލުން ނުވާނެ ކަމަށްވެސް މި މައްސަލައަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިވަގުތަކީ ސަރުކާރުން ރައްޔިތުންނަށް ފައިސާގެ އެހީތެރިކަންދީ އެތެރޭގެ އިގުތިސާދު ހިންގަންޖެހޭ ވަގުތު ކަމަށާއި، ސަރުކާރުން ބޭނުންވާ ހުއްދަ މިވަގުތަށް މަޖިލީހުން ދެއްވުން މުހިންމު ކަމަށްވެސް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް 4.2 ބިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ކަމުން، އެ ފައިސާ ހަރަދުކުރެވޭގޮތް މަޖިލީހަށް ސާފުކޮށް އެނގިފައި އޮތުމަކީ މުހިންމުކަންވެސް މެންބަރުން ފާހަގަ ކުރައްވައެވެ.