އެސްޓީއޯގެ އީ-ސްޓޯރުން ދެން ނަގާނީ ދުވާލެއްގެ މައްޗަށް 300 އޯޑަރު ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެއްފަހަރާ ގިނަ އޯޑަރުތަކެއް އައުމުގެ ސަބަބުން ހުރިހާ އޯޑަރުތަކަކަށް ކޭޓަރ ނުކުރެވިގެން އެސްޓީއޯގެ އީ-ސްޓޯރުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލިއެވެ.

މި ހިދުމަތް މެދުކަނޑާލުމަށްފަހު މިއަދުގެ ހެނދުނު 9:00 ގައި ހިދުމަތް އަނެއްކާވެސް ފަށާފައިވާއިރު އެސްޓީއޯއިން ވަނީ އޯޑަރުތައް ނެގުމުގައި 300 އޯޑަރު ނެގުމަށް ލިމިޓެއް ކަނޑައަޅާފައެވެ.

އެސްޓިއޯގެ އީ-ސްޓޯރުގެ ހިދުމަތް މެދކެނޑުމަށްފަހު ފަށާފައިވީނަމަވެސް އެސްޓީއޯއިން ވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ތަކެއްޗަށް އޯޑަރު ނުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި ގިނަ ބަޔަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެންމެ ގިނަވެގެން ހަފްތާއަކަށް ބޭނުންވާ ވަރަށް ތަކެއްޗަށް އޯޑަރުކުރުމަށް އެސްޓީއޯއިން އެދިފައިވެއެވެ.

އެސްޓިއޯއިން ބުނީ އީ-ސްޓޯރުން ވިޔަފާރިކުރުމުގައި މިހާރު ރެޖިސްޓްރީ ނުވެވެސް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް 300 އޯޑަރަށް ކޭޓަރ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ވަގުތު ގޭގައި ތިބުމަށް ބާރުއަޅައި، ގިނަ ފިހާރަތަކަކުން ވަނީ ފިހާރަތަކުގެ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ. އެސްޓީއޯއިން ވެސް މިމަަސައްކަތް ވަނީ ފަށާފައެވެ.

އީ-ސްޓޯރަކީ އެސްޓީއޯގެ ސުޕަމާޓުން ލިބެން ހުންނަ ތަކެތި އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި، ގާއިމްކޮށްފައިވާ ޕްލެޓްފޯމެކެވެ.