ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިސް(އެޗްއާރްސީއެމް) އަށް ގޮވާލައިފިއެވެ.

ޕްރޮގްރޮސިވް ކޯލިޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ހަމައެކަނި ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނަވާތާ މިހާރު ފަސްމަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލަ ކުރިޔަށް ނުދާތާވެސް ގިނަ މަސްތަކެއް ވެފައިވާ ކަމަށެވެ.

މީގެކުރީން ތަފާތު ކުށްތައްކޮށް ޝަރީއަތަށް ސާބިތުވި ސިޔާސީ ފަރާތްތައްވެސް ރަމަޟާން މަހަށް އެމީހުންގެ އާއިލާގާތަށް ކުރީގެ ސަރުކާރުތަކުން ބަދަލުކޮށްދީފައިވާކަން ފާހަގަކޮށް އިދިކޮޅުގެ ބަޔާނުގައިވަނީ، ގައުމަށް ދިމާވާ ކާރިސާތަކުގައި ޖަލުގައި ތިބޭ ސިޔާސީ ލީޑަރުންނަށް މާފުދިނުން ފަދަ ލުއިތައްވެސް ސަރުކާރުތަކުން ދީފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ފެތުރި ބިރުވެރިކަން އިންތިހާއަށް ކުރިމަތިވެފައި ވާއިރުވެސް ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެފައި ނުވާކަމަށް އެކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަސް ނިމި ދެވަނަދުވަސް ފެށިފައިވާއިރު ރައީސް ޔާމިން ގެއަށް ބަދަލުކޮށްދީފައި ނުވުމުން އެނގިގެންދަނީ މިސަރުކާރުން އިހުސާންތެރިކަމާއި އެއްބައިވަންތަކަމަށް ފުރުސަތު ދޭން ބޭނުން ނުވާކަން ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން މި މައްސަލަ އެޗްއާރްސީއެމުން ބައްލަވައި ދެއްވައި ޔާމީން ގެއަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ. އެ މައްސަލަ އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން އިސްތިއުނާފަށް އެދުމުން އެމައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.