ރާއްޖޭގައި ފުޓުބޯޅައިގެ އާ ޖީލެއް ބިނާކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިދިޔަ ސަރުކާރުގައި ހުޅުމާލޭގައި އަޅަން އެޗުޑީސީއާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ އިމާރާތް ގެދޮރު ބޭނުންވެފައި ތިބި ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.

މި ސްކޫލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފަައެވެ. ކުރިން ރާވާފައި އޮތީ ފެބްރުއަރީގައި މިތަން ނިންމާށެވެ. ކުޅިވަރާބެހޭ ވަޒީރު އަަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވަގުތު އެތަން ބޭނުން ކުރާނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެ ސްކޫލުގެ 24 ކުލާސް ރޫމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި މުހިއްމު އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް މިހާރު އެތަން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މަހުލޫފު ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ.

ރާއްޖޭގައި މުޅިން އަލަށް ބިނާކުރާ ފުޓުބޯޅަ ސުކޫލުގައި 100 އަށް ވުރެ ގިނަ ކުދިންގެ ޖާގަ އެކުލެވޭ އިރު އެ ސުކޫލާ އެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކެއް އަދި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއްވެސް ހުންނާނެއެވެ.

މި ސްކޫލަކީ އެފްއޭއެމުން ފަށާފަައިވާ ޓުވާޑްސް ފިއުޗާ މަޝްރޫއުގެ ދަށުން ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.