ކޯވިޑް-19ގެ ސަަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އޮންލައިން ސެމިނާރއެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.

"ރިއެކްޓް، ރީތިންކް، ރިކަވަރ - ސޮލިއުޝަންސް ޓު ދަ ކޯވިޑް-19 ކްރައިސިސް"ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ މި ސެމިނާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއެކު މަޝްވަރާކުރާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

ނުރައްކާތެރި ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަަށް ލިބެމުންދާ ގެއްލުންތަކާއި، މިކަމުން އަރައިގަނެވޭނެ ގޮތްތަކާއި ގުޅޭގޮތުން1 މި ސެމިނާގައި މަޝްވަރާކުރާނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

މިސެމިނާގައި ސާސް އަދި މާޒް ފަދަ ބަލިމަޑުކަމުން އަރައިގަތުމުގައި ދުނިޔޭގެ ފަތުުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށްވާ އީޓުއަރިޒަމް ފްރޮންޓިއާޒްގެ ސީއީއޯ ޑެމިއަން ކުކް ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފައެވެ. އޭނާ މި ސެމިނާގެ ބައިވެރިންނަށް މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުން މިދާ ދަތިތަކުން އަރައިގަތުމުގައި ކަންކުރެވޭނެ ގޮތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.

ސެމިނާގައި ވާހަކަ ދައްކަވާނެ އިތުރު ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު، ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ، ޕާޓާގެ ޑިރެކްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޕައުލް ޕްރުއަންކާން، ޓްރިޕް އެޑްވައިޒަރގެ ގްރޫޕް ހެޑް އޮފް ޑެސްޓިނޭޝަން މާރކެޓިން ފޮރ އޭޝިއާ ޕެސިފިކް ސާރާ މެތިއުސް އަދި ޓްރިޕް އެޑްވައިޒާގެ ބިސްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ފޮރ އޭޝިއާ ޕެސިފިކް ލިއޮން ޗަން ހިމެނެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ އާއި ޓްރިޕް އެޑްވައިޒައާއި އެމްއެމްޕީއާރުސީ ގުޅިގެެން ކުރިޔަށްގެންދާ މި ސެމިނާގައި އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނެއެވެ.

ސެމިނާރ ބާއްވާ ތާރީހް ފަހުން އިއުލާން ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.