ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފަައިވާ މާލީ ދަތިކަން ހައްލުކުރުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކޮށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން 4.2 ބިލިޔަން ރުފިޔާ ނެގުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރަށް ސަސްޕެންޑް ކޮށްދިނުމަށް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މިކަމަށް އެދިވަޑައިގެންފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން މިވަގުރު ރާއްޖެއަށް ކުރިމަތިވެފައި ވަނީ އިސްތިސްނާ ހާލަތަކަށް ވުމުންނެވެ.

އެމްއެމްއޭ އިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށްޓަކައި ގާނޫނީ ގޮތުން ބޭނުންވާ ހުއްދަ ހޯދަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މަޖިލީހުގައި މެންބަރުން ބަހުސްކުރައްވައި، އެ ހުށަހެޅުއްވުން ބަލައިގަނެ، އެ ހުއްދަ ދޭން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މި ހުއްދަ ދިނުމަށް މަޖިލީހުން ފާސްކުރީ އޮންލައިންކޮށް މަޖިލީހުން ކުރިއަށްގެންދިއަ މިއަދުގެ ޖަލްސާގައި ބައިވެރިވި ވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 7 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މި މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ މިވަގުތަކީ ދަތި ވަގުތަކަށް ވުމުން، ދައުލަތުން ބޭނުންވާ އެ ހުއްދަ ދިނުމަކީ ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

ނަަވެސް ސަރުކާރުން ނަގާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މަޖިލީހަށް އެނގެންވާނެ ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.