އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި ކުރުމުގެކުރިން އެއީ ސައްހަ ފަރާތެއްތޯ ބެލުމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ވިޔަފާރި ކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް ވިޔަފާރި ކުރުމަށް ސަރުކާރުން ރައްޔިތުންނަށް ބާރުއަޅަމުންދާ މިދަނޑިވަޅުގައި، މަކަރާ ހީލަތުން މީހުންގެއަތުން ފައިސާނަގާ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

މިމައްސަލަތަކާ ގުޅިގެން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ ސައްހަ ފަރާތެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ގޮތްނޭގެ އެކައުންޓުތަކަށް ފައިސާ ޖަމާ ނުކުރައްވާ އެއީ ސައްހަ ބައެއްތޯ ބެއްލެވުމަށްފަހު ނޫނީ އެ ފައިސާ އެކައުންޓަށް ޖަމާ ނުކުރުމަށްވެސް އަޅުގަނޑު މި ފުރުސަތުގަ އިލްތިމާސް ކުރަން. މަކަރާ ހީލަތުން ނުވަތަ ފްރޯޑްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސް ނުކޮށް މޯލްޑިވުސް ޕޮލިސް ސަރވިސްގެ ހޮޓްލައިނަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން."
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ލޮކްޑައުންގެ ހާލަތުގައި މިހާތަނަށް 17 ވެހިކަލް ޕާމިޓް ފާހެއް ކެންސަލްކޮށްފައި ވާނެކަން ފާހަގަކޮށް ނަވީން ވިދާޅުވީ، ހުއްދަދީފައިވާ ކެޓަގަރީ ނޫން އެހެން ކެޓެގަރީތަކުގައި ވެހިކަލް ދުއްވުމާއި ލައިސެންސްނެތް ފަރާތްތައް މީގެތެރޭގައި ހިމެނޭ ކަމަށެވެ.

ވެހިކަލްތަކަށް ޕާމިޓް ދޫކުރިކަމުގައި ވިޔަސް އެ ވެހިކަލެއް ބޭނުންކުރަންވާނީ ހުއްދަ ދެވިފައިވާ، ގާނޫނީ އިމުގެތެރޭގައިކަން ނަވީން ފާހަގަކުރެއްވިއެވެ.

އަދި ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި އެތަންތަނުގެ ހާލަތު ދެނެގަތުމަށްފަހު 837 މީހުން ދިރިއުޅެމުންދިޔަ 18 ތަނެއް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ރައްޖެއިން މިހާތަނަށް 191 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން 84 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ.