ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއެކު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވަމުން އަންނަ ކްރިކެޓް ކާނިވަލް 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނުބާއްވަން ނިންމައިފިއެވެ.

މިއީ 1990 ވަނަ އަހަރު ބާއްވަން ފެށި މި ކާނިވަލް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ރަމަޟާންމަހު ބާއްވަމުން އަންނަ ވެޓަރަންސް މުބާރާތްވެސް މިއަހަރު ނޯންނާނެއެވެ.

ކްރިކެޓް ކާނިވަލްގައި ކޮންމެ އަހަރަކުވެސް ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

މި މުބާރާތަކީ އަހަރުތެރޭ ބާއްވާ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތެވެ. މި މުބާރާތަށް ކައިރި ގައުމުތަކުގެ ވަރުގަދަ ކުޅުންތެރިން ކޮންމެ އަހަރަކުވެސް އަންނައިރު ސަރުކާރުގެ މަތީފަންތީގައި ފާހަގަކޮށްލެވޭ ފަރާތްތައް މި މުބާރާތުގައި ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.