• މިއަހަރުގެ ފުޓުބޯޅަ ސީޒަަން އެފްއޭއެމުން ވަނީ ކެންސަލްކޮށްފައި
  • ދިވެހި ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް މިއަހަރު ދެން ނުބާއްވާނެ

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ސީޒަން މިއަހަރަށް ކެންސަލްކޮށްފައިވާއިރު، ދިވެހި ކުޅުންތެރިންގެ ފިޓްނަސް ދެމެހެއްޓުމަށް އިތުރަށް ސަމާލުކަމެއް ދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދިވެހި ކުޅުންތެރިންގެ ކިބައިން އެދިލައްވައިފިއެވެ.

އާދީއްތަ ދުވަހުގެރޭ އެފްއޭއެމްގެ ސޯޝަލް މީޑިއާގައި ބައްސާމް ހިއްސާކުރެއްވި މެސެއްޖެއްގައި ވިދާޅުވެފައިވަނީ، މި ދަނޑިވަޅުގައި އެންމެން ވެސް ޕޮޒިޓިވްކޮށް ތިބެ، އެންމެން އެއްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެ މީހަކަށްވެސް ތަފާތު ދެއްކިދާނެ ކަމަށް ބައްސާމް ވިދާޅުވެފައި ވެއެވެ.

ބައްސާމް ވިދާޅުވީ މިހާލަތު ރަނގަޅުވެ އަލުން ފުޓްބޯޅަ ފަށާއިރު، ކުޅުންތެރިން އެކަމަށް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ފިޓްނަސް ރަނގަޅަށް ބެލެހެއްޓުމަށް ކުޅުންތެރިންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ގެ ސަބަބުން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލްކުރަން އެފްއޭއެމް އިން މީގެކުރިން ވަނީ ނިންމާފައެވެ.

އެގޮތުން ކެންސަލް ކޮށްފައިވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭކަޕް ކެންސަލް ކުރިއިރު، މީގެކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.