ރޯދަ މަހަށް ހަނދު ބެލުމުގެ ހަފުތާއެއް ކުރިން ގޭގެ އެކި ތަންތަނުގައި ހުރި މަކުނުވާތައް ފޮޅަންޖެހެވެ. އަދި ބަދިގެއާއި ކާގެވެސް ދޮވެ ސާފުކުރަން ޖެހެވެ. ކާމޭޒާއި ގޮނޑިތައް އޯމޯއާއި ވެލި ލައިގެން ދޮންނާން ޖެހެވެ. ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ސާމާނުވެސް ދޮވެ ސާފު ކުރަންޖެހެއެވެ. ދަރުގެ ރަމަތަ ކުރާން ޖެހެއެވެ. ގޭތެރޭގެ ފާރުތަކުގައި ޖަހާފައި ހުންނަ އުވަގަނޑު ހަޑިވެފައިވާނަމަ އުވަލާން ޖެހެއެވެ. އުވަލުމަށް އުވަ، ފެނަށް ގިރުވައި ފުރާނާން ޖެހެއެވެ. އޭގެ އޮލަ ބައި ނަގައި، ފެންފޮދައެއްގައި ގިރައެވެ. އެއީ ވެސް ކުޑަ މަސައްކަތެއް ނޫނެވެ. އެކަމުގައި ދެ ކުއްޖަކު އުޅޭން ޖެހެއެވެ.

ދެ ދުވަސް ކުރިން، ގޭގެ ދޮރުމަތީގައި ގޯތީގައި ހުސްކޮށް އޮންނަ ތަނުން ކަޅުވެލިތައް ކަހައި އެއްވަރު ކުރުމުގެ މަސައްކަތް، ކާފަގެ އިރުޝާދުގެ މަތިން ކުރާން ޖެހެއެވެ. އަޅުގަނޑާ އަދި ގޭ ދެ ކުއްޖަކާ ވެގެން، ބިންމަތީގައި ހަރުވެފައި އޮންނަ ވެލިގަނޑު، އުދަލިން ކަހައި އެއްވަރު ކުރަމެވެ. އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ގޮތް ކާފައަށް ކަމުނުދިޔަ ނަމަ، މަށަންދަތި ހިފައިގެން ނުކުމެ، ވެލިގަނޑުގައި ހުންނަ އަޑިގުޑަން ތަންތަން އަލުން ރަނގަޅު ކުރާނެ ގޮތް ދައްކައި ދެއެވެ. އަދި ކުރީ އަހަރު ލީ ކަށިވެލީގެ ދޮންކަން ފެންނަވަރަށް ކަހަން ބުނެއެވެ. ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން އަތުން މަށަން ދަތި އަތުލައި ކާފަ ބިންގަނޑު އެއްވަރު ކުރެއެވެ. ބައެއް ފަހަރަށް ހިތްހަމަ ނުޖެހިގެން ތަންކޮޅެއް ދުރުގައި ވެސް ހުންނަމެވެ. އޭރު އަޅުގަނޑުގެ އުމުރުން ވާނީ ހަތް އަހަރު ނުވަތަ އަށް އަހަރެވެ. ކަހާފައި ނެގޭ ވެލިތައް ގެންގޮސް އަޅަން ޖެހެނީ މަގުމަތީގައި ހުންނަ އަޑިގަނޑު ތަކަށެވެ. ވާރޭ ވެހުމުން ގޭދޮށުގައި ފެން ބޮޑުވާތީއެވެ.

މި މަސައްކަތް ކާފަ ހިތްހަމަޖެހޭވަރަށް ކޮށް ނިމޭއިރު އަޅުގަނޑުމެން ތިބޭނީ ވަރުބަލިވެފައެވެ. ދެފައިކޮޅު ކިލާވެ މުޅި ގައިން އޮއްދާ ހިއްލައި މާނޭވައިލެވިފައެވެ. ހުރިހައި ކުދިން ވެސް ތިބޭނީ ހުސްގަޔާއެވެ.

ރޯދައަށް ހަނދު ބަލަން އޮންނަ ދުވަހުގެ ހަވީރު ކަށިވެލި ގެންނާނެއެވެ. ވެލިނަގާ ކޮންމެވެސް ބަޔަކަށް އޯޑަރު ދީގެންނެވެ. ބައެއް ފަހަރު ދަމާ ގާޑިޔަލުގައި ވެސް ވެލި ގެނެއެވެ. ހިކި ވެލިވެސް އަދި ލޮނާއެކު ހުންނަ ތެތް ވެލިވެސް ބައެއް ފަހަރުފަހަރު ގެނެސްފައި ހުރެއެވެ.

މުލަ ރޯދަ ވިލޭރޭ ހަނދު ފެނުމާއެކު ބަޑި ޖަހައެވެ. އެއާއެކު، އަވަހަށް ވެލިލާން ކާފަ އަންގައެވެ. އަލި ގަދަ ބޮތްކެއް ގޯތި ތެރޭގައި ދިއްލާލައި، ކާފަގެ އިރުޝާދުގެ ދަށުން ވެލިލާން ފަށައެވެ. އެއީ ވަރަށް އުފާވެރި ރެއެކެވެ. ބައެއް ކުދިން ފަޓާސް ވެސް ޖަހައި ހަދައެވެ. ގޭގޭގައި ހާރު ކެއްކުމުގެ ކާރޫ ބާރޫގެ އަޑުފައްގަނޑު ގަދަވެގަންނާނެއެވެ. މަސް ފިހުމެވެ. ހަވާދު ތެޅުމެވެ. ބަދިގެތަކުގެ ދުންހޮޅިތަކުން ދުން އަރަން ފަށާނެއެވެ. މަގުމަތީގައި ބައިސްކަލުގައި ބުރުޖަހަން ނުކުމެ އުޅޭ ކުދިންވެސް ފެނެއެވެ. އަދި ހިރި ކުޅޭ ކުދިންނާއި މަޔާ ކުޅޭ ކުދިން ވެސް އުޅެއެވެ. އަޅުގަނޑުމެންނަށް، އެފަދަ ކުޅިވަރު ކުޅުން ކާފަ އޮންނަނީ މަނާ ކޮށްފައެވެ.

އެ ރޭ ނިދާނީ ހާރު ކައިގެންނެވެ. މުލަ ރޯދަ ވިލޭރޭ ހާރު ކެއުމަށް، އަޅުގަނޑުމެން ގޭގައި ޢާއްމުކޮށް ހުންނަނީ ގަރު ދިޔައާއި ފިހުނު މަހެވެ. އަދި ކިރާއި ހަކުރުގެ އިތުރުން، ބައެއް ފަހަރަށް ދޮންކެޔޮ ވަކެއް ލިބިދާނެއެވެ.

މުލަރޯދަ ދުވަހު ހެނދުނު އިރުއަރައިގެން އަންނައިރު ލިބޭ އެންމެ ބޮޑު އުފަލަކީ ގޭގެ ދޮރުމަތީގައި ލާފައި އޮންނަ ކަށިވެލީގެ އުފަލެވެ. ލޮނުވެލީގެ ފަރު ވަހެވެ. އަދި އެ ވެލިތަކަށް އަވިދިނުމުން، ލޯ ދިލުވައިލާންވެސް އުނދަގޫވާފަދަ އަލިކަމެއް، މުޅި ގޯތިތެރެއާއި ގޭގެ ބޭރު ފެންޑާއަށް އެޅެއެވެ. ކަށިވެލި ނުލާނަމަ ރޯދަމަސް އައި ކަމުގެ އިހުސާސެއް ނުކުރެވެއެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު ޝިޔާމަކީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ދާއިރާގައި ވެސް މިނަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބައިވެރިވުން އޮތް އެންމެ ބޮޑު މަސައްކަތަކަށް ފެނިފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ބޭހެގޮތު ފެބްރުއަރީ މާހު ބާޒާރަށް ނުކުތް ފޮތެވެ.

ޝިޔާމް ވަނީ "އާފަތިސް" އާއި "ހަވީރު" ނޫހަށް ލިޔުއްވާފައެވެ. ސަރުކާރުގެ ނޫހެއް ކަމުގައިވާ "ފުރަދާނަ" ނޫހުގައިވެސް އެންމެ އިސްމީހެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނުކުތް "ފިޔެސް" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އެމް.ވީ ޔޫތުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ޝިޔާމް މިހާރު އާންމުކޮށް ލިޔުއްވަމުން ގެންދަވީ ލިޔުންތެރިންގެ ގުޅުމަށެވެ.